ބަޔަކަށް ދެ މުސާރަދީގެން ދައުލަތް ނޮޅާ ކަށިކަނީ!

ރިޓަޔަރމަންޓަކީ އެމީހެއްގެ މަގާމުން ނުވަތަ މަސައްކަތުން ނުވަތަ އެމީހެއްގެ ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން ވަކިވުމެވެ. ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން ވަކިވާ މީހުންނަކީ އެނބުރި ހަރަކާތްތެރި މަސައްކަތުގެ ހަޔާތަށް އަންނަ ބައެއްނޫނެވެ. މަރު ދުވަހަށްވެސް އެމީހުން ތިބޭނީ ރިޓަޔަރ ވެގެންނެވެ. އެސަބަބަށްޓަކާ ރިޓަޔަރމަންޓްގެ ގޮތުގައި އެކި ގައުމުތަކުގައި ދައުލަތުން އެ މީހުނަށް ދާއިމީ އިނާޔަތާއި އެކިކަހަލަ ރިޓަޔަރމަންޓް ބެނެފިޓްތައް ދެއެވެ.
ރާއްޖޭގައިވެސް މުސްކުޅި ކުރެއްވުމާއި މަހު އެއްޗެތިކޮޅު ދެއްވުމާއި ޕެންސަން ދިނުމަކީ ހިނގަމުން އައިކަމެކެވެ. ދައުލަތުގެ ވަޒީފާއެއް މެދުނުކެނޑި އަދާކުރާތާ 20 އަހަރުވުމުން އަދާކުރާ ވަޒީފާގެ އަސާސީ މުސާރައިގެ %50 މަރުދުވަހަށް އެ މުއައްޒަފަކަށް ދެމުން އައެވެ. ދައުލަތުގެ ވަޒީފާއެއް މެދުނުކެނޑި އަދާކުރާތާ 40 އަހަރު ވެއްޖެނަމަ އަދާކުރާ ވަޒީފާގެ އަސާސީ މުސާރަ ޑަބަލް ޕެންޝަނުގެ ގޮތުގައި މަރުދުވަހަށް ދަންނދެން ދެވުނެވެ. މުއައްޒަފަކަށް ޑަބަލް ޕެންޝަން ލިބުނަސް އެމީހަކު އަދާކުރާ ވަޒީފާއިން ވަކިވުމަކަށް މަޖުބޫރެއް އޭރަކު ނުވެއެވެ.
ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ގާނޫނު ( ގާނޫނު ނަންބަރ 5/2007 ) 2007 ވަނަ އަހަރު ތަންފީޒު ކުރަން ފެށުމާއެކު 65 އަހަރުވުމުން މުއައްޒަފުން ރިޓަޔަރކުރަން މަޖުބޫރުވެ 55 އަހަރުވުމުން ރިޓަޔަރ ކުރުމަކީ އިހުތިޔާރީ ކަމަކަށް ބަދަލުވެގެން ދިޔައެވެ. ހަމަ އެއާއިއެކު ކުރިން ގެންގުޅުނު ޕެންޝަން ދިނުމުގެ އުސޫލު ބަދަލުވެ 55 އަހަރުވުމުން ތަފާތު ބޮޑެތި ބެނެފިޓްތަކާއި ދާއިމީ އިނާޔަތާއެކު ރިޓަޔަރ ކުރުމުގެ އުސޫލު ތައާރަފް ވެގެން ދިޔައެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ( ގާނޫން ނަންބަރ 8/2009 ) 2009 ވަނަ އަހަރު ވުޖޫދުކުރެވި ރިޓަޔަރމެންޓާއި ޕެންޝަން ދިނުމުގެ އިންގިލާބެއް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އައުމުގެ ނަތީޖާ ވަރަށްވެސް ހިތިވިއެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެން ތަމްރީނާއި ތައުލީމު އެކި ރޮނގުރޮގުން ދީގެން ބިނާކޮށްފައިވާ އެތައްބަޔަކު ދާއިމީ އިނާޔަތް ލިބޭގޮތަށް އިނާޔަތުގެ ބޮޑެތި ޕެކޭޖްތަކާއެކު ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން ވަކިވެގެން ދިޔައެވެ. ސިޔާސީ ފިއްތުންތަކާއި އެކިއެކި މަސްލަހަތު ތަކާހެދި އަސްކަރިއްޔާއާއި ފުލުހުންގެ ތެރެއިން އޮފިސަރުންނާއި އެނޫންވެސް އެތައް ބަޔަކު ދައުލަތުގެ ހިދުމަތާ ދުރަށް ޖެހެނުނެވެ.
ރިޓަޔަރމަންޓް ޕެކޭޖަށްޓަކާ ސަލާމަތް ސިއްހަތުގައި ހަރަކާތްތެރި ހާލަތާއި މަސައްކަތުގެ ހަޔާތުގައި ދައުލަތުގެ ހިދުމަތުން ވަކިވެގެން ދިޔައީ މަދަކަ ބައެއް ނޫނެވެ. ނަތީޖާއަކަށްވީ ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން އެއްފަރާތްވި އެތައްބަޔަކު ލިބި ލިބިހުރި ރިޓަޔަރމަންޓް ޕެންޝަން ނަގަމުން ދައުލަތުގެ އެހެން ވަޒީފާއަކަށް ވަދެ އަތްގުޅި ނުކާވަރުގެ ބޮޑެތި މުސާރަ ނެގުމެވެ. އެކަމުގެ ނާޖާއިޒު ފައިދާ ރައީސް މުއިއްޒު ކިތަންމެހާ ވެސް ރަނގަޅަކަށް އެބަނަގައެވެ.
ފުލުހުންގެ ހިދުމަތުންނާއި އަސްކަރިއްޔާއިން ރިޓަޔަރކޮށްފައި ތިބި އެތައް އޮފިސަރަކަށް ދައުލަތުގެ ކުންފުނިތަކުގެ އެމްޑީކަމާއި އެނޫންވެސް ބޮޑެތި މަގާމުދީގެން ޕެންޝަން ހިމެނޭހެން ދެ މުސާރަ އެ މީހުނަށް އެބަ ހޯދާދެއެވެ. އެހެން ކަމުން ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން އެއްފަރާތް ވެފައިތިބި އެތައް ބަޔަކަށް އަތްގުޅިނުކާވަރުގެ މުސާރަޔާ އިނާޔަތް ނިޒާމުގެ ތެރެއިން ކޮންމެ މަހަކު ދައުލަތުން އެބަދެއެވެ. އެއިން ކޮންމެ މީހަކަށް ދައުލަތުންދޭ ފައިސާ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ ބޮޑެވެ.