ރައީސް ސޯލިހުގެ ތަފާތު ދަރަވަންދޫން
ދަރަވަންދޫގެ ރައްޔިތުންގެ އަޑުއައްސަވާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާ
ބ ދަރަވަންދޫ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުތުރުން އެންމެ ނަގާކިޔާ އެއްރަށެވެ. ގެސްޓް ހައުސް ގިނައެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތަކާ ހިދުމަތްތައް ގިނައެވެ. އެހެންނަމަވެސް ރައްޔިތުން އެދޭމިންވަރު ކީއްކުރަން ހެއްޔެވެ. ރަށަށް އަރާފައިބާ ގެސްޓުންނަށް އެކަށީގެންވާ ހިދުމަތެއް ދެވޭ ވަރަށް ކުރީގެ ސަރުކާރު ތަކުން ކަމެއް ކޮށެއް ނުދެއެވެ.
ހުޅުލޭގައި އޮންނަ އިންޓަނޭޝަނަލް އެއަރޕޯޓް ފިޔަވާ އެންމެ ގިނަ މީހުން އަރާފައިބާ އެއަރޕޯޓް އޮތީ ދަރަވަންދޫގައެވެ. ކޮވިޑްގެ ކުރީން ދުވާލަކު ތިރީހަކަށް ފްލައިޓް ދަރަވަންދޫގައި ޖެއްސިއެވެ. ކޮވިޑަށް ފަހު އެއަދަދަށް އަދި ނޭރިޔަސް އަދިވެސް ރާއްޖޭގައި ދެވަނައަށް އެންމެ ބާރުބޮޑު އެއަރޕޯޓް އޮތީ ދަރަވަންދޫގައެވެ.
އެހެންކަމުން ދަރަވަންދޫގައި ގާއިމުކުރެވޭ ހުރިހާ ހިދުމަތަކީ ވެސް ރަށުގެ އާބަދީއަށް އެކަނި ބަލައިގެން ވާކަށް އޮތްކަމެއް ނޫނެވެ. އެހެން އެކަން ވާކަށް ނޯވެއެވެ. ކަރަންޓާ ފެނާ ނަރުދަމާ ވެސް ގާއިމުކުރެވެން ޖެހެނީ ފަތުރުވެރި ހިދުމަތަށް ފަހިވާ ގޮތަށެވެ. އެނޫން ހިދުމަތްތައް ވެސް ތަރުތީބުވާން ޖެހެނީ އެމަގަށެވެ.
ކުރީގެ ސަރުކާރުގެ ދޯހަޅިކަމުން އެއިން ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ދިނުމުގެ ވިސްނުމެއް ވެސް ނެތެވެ. ކަރަންޓް ދިނީ ނަމަކަށެވެ. އިންޖީނުގެއާއި ދުރުގައި ހުންނަ ގެތަކާއި ގެސްޓްހައުސްތަކަށް ކަރަންޓް ލިބެނީ ބަލިމީހަކަށް އައިވީ ލިބޭހެންނެވެ. ފަންކާ އެނބުރެނީ ވައިމަޑު ދުވަހެއްގައި އެބުރޭ ބުރަފައްޗެއްގެ މިސާލުގައެވެ. ގެސްޓް ހައުސްތަކުގެ ކަރަންޓްގެ ހާލަތު ދަށްވެ ފަތުރުވެރިން ކުރާ ޝަކުވާ ކޮޅުނެތް ކޮޅެވެ. ފަތުރުވެރިން ފެން ވަރަން ލިބެނީ ތަގައްޔަރުވެފައިވާ ނަޖިސްފެނެވެ. ނަރުދަމާއެއް ނެތެވެ. ސެޕްޓިކްޓޭންކް ސާފުކުރުމަކީ ކޮންމެ ދުވަހަކުހެން ރަށުތެރޭގައި ހިގާ ނަޖިސް އަމަލެކެވެ. އުޅޭހާ ފަތުރުވެރިންނާއި ރައްޔިތުންނަށް އެ ނުބައިވަހުން ނޯންދަމާ ނުލާ އުޅެން ޖެހެއެވެ.
ރަށްގިރުމުގެ ނުރައްކާ ބޮޑުވެ މޫދަށް އެރެލާނެ ރީތި މޫދެއް ރީތި ތުޑިއެއް ލިބެނީ އަހަރެއްގެ ތެރޭގައި މަދު ދުވަސް ކޮޅެއްގައެވެ. ދެން އޮތީ ސިއްހީ ހިދުމަތެވެ. ރަށުގެ އާއްމު ރައްޔިތުންނަށް ބޭނުންވާވަރާ ގާތަށްވެސް ހިދުމަތް ނުދެވޭ ސިއްހީ މަރުކަޒަކުން ގިނަ އަދަދެއްގެ ގެސްޓުންނަށް ފެންވަރު ހުރި ހިދުމަތެއް ދޭނީ ކިހިނެއް ހެއްޔެވެ. އަމްދުން ގިނަ އަދަދެއްގެ ފްލައީޓް ޖައްސާ އެއަރޕޯޓެއް އޮތް ރަށެއްގައި ހިނގާފާނެ ކުއްލި ހާލަތަކަށް ތައްޔާރުވެފައި ކުޑަމިނުން ފުރަތަމަ އެހީގެ ހިދުމަތެއް އިންތިޒާމުވެފައެއް ނުވެއެވެ. ރަށުގެ ފަޅު ފުރިބާރުވެ އެކަތިން އަނެކަތިން ގެސްޓުން ރަށަށް އަރުވާ ބާލަން ޖެހި ނުރައްކާތެރި ހާލަތްތައް ކުރިމަތިވެ ރިސޯޓްތަކާއި ލަފާފުރާ އެންމެންނަށް ނުރައްކާތެރި ތަނަކަށް ދަރަވަންދޫ ފަޅު ވެފައި އޮތް އިރު ދެކޭނެ މީހަކު ނެތެވެ. ކުޅިވަރުކުޅޭ ތަންތަނާއި އެހެން ލުއިފަސޭހަތައް ނެތް ވާހަކަ ދެއްކުމެއް ނެތްތާއެވެ.
ދައުލަތަށް އެންމެ ގިނަ ފައިސާ ލިބޭ އެއްރަށަކީ ދަރަވަންދޫއެވެ. ރަށުގެ އެއްފަޅި އެއަރޕޯޓަށް ދީގެން އެއަރޕޯޓަށް ލިބޭ ހުރިހާ އާމްދަނީ އަކީ ދަރަވަންދޫން ދައުލަތަށް ލިބޭފައިސާއެވެ. ކޮންމެ ނަމެއްގައި ލިބުނު ނަމަވެހެވެ. އެޔަކުން ދަރަވަންދޫ ރައްޔިތަކަށް ކައުންސިލަކަށް ލިބޭ އެއްޗެއް ނޯވެއެވެ. އެހެނެއް ކަމަކު ކުރީގެ ސަރުކާރު ތަކުން ދަރަވަންދޫ އޮތީ ވަރަށް ބޮޑަށް އިހުމާލު ކޮށްލާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި އެކު އުއްމީދު އައުވިއެވެ. ހައްލު ތަކެއް ހޯއްދަވާ ދެއްވާ ތަން ލޮލަށް ފެނެއެވެ. ރަށް ގިރުމުގެ މައްސަލަ އެކީ އެކައްޗަކަށް ހައްލުކޮށް ދެއްވައިފިއެވެ. އެކި ހިސާބުގައި ޓޫރިސްޓް ބީޗްތައް ހެދިގެން ހިގައްޖެއެވެ. ތޯލާފުޅީގައި ލިބުނު ކަރަންޓް ބޭނުން ވަރަކަށް ލިބެން ފަށައިފިއެވެ. ސާފު ފެނުގެ ނިޒާމަކުން މުޅި ރަށް ގުޅުވާލާ ފެން ލިބެން ފަށައިފިއެވެ. ނަރުދަމާގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް ދަނީއެވެ. ހުވަފެން ތަކުގައި ކުލަޖެހެން ފެށީއެވެ.
ސިއްހީ މަރުކަޒުގައި އިމަޖެންސީ ހެލްތުކެއަރ ސެންޓަރެއް ބިނާ ކުރައްވާ އެތާގެ ހިދުމަތްތައް ފުޅާކޮށް ވަސީލަތް ގާއިމުކޮށް ކުއްލި ނުރައްކަލަށް އެހުރީ ތައްޔާރު ވެފައެވެ. ބޭރުތޮށިލާ ރަށް ހިމާޔަތްކޮށް ނިންމާ ތޮއްޖެހި ފުރި ބާރުވާ ފަޅުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެހެރަ ދަނީ ހިނގަމުންނެވެ.
ކުރީގެ ސަރުކާރުން ޒުވާނުންގެ ފުޓްސެލް ދަނޑުގެ ކާޕެޓްތައް ނާޅާ ހަލާކުވާން ދޫކޮއްލިޔަސް މި ސަރުކާރަކުން ފެނުނީ ފުޓްސަލް ދަނޑު ފަށާ ނިންމާލި ތަނެވެ. އިޖުތިމާއީ މަރުކަޒެއް ގާއިމުކޮށް ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރއްގީ ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ރައްޔިތުން އިސްވެ ކުރާން ނިކުތް ކޮންމެ ކަމެއް ކޮށްދިނުމުގައި މިސަރުކާރު ފަހަކަށް ނުޖެހެއެވެ.
ދަރަވަންދޫ ބިމަކީ ރަން ބިމަކަށްވެ ބިމުގެ އަގު ބޮޑުވެ ދަރަވަންދޫއަކީ އެ ބިމުން މީހުން ބިން ބޭނުންވާ ރަށަކަށް ވުމުގެ ސިއްރަކީ ޓޫރިޒަމެވެ. ބިން ލިބުން ދަތި ދަރަވަންދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާ ދެއްވުމުގެ ގޮތުން ދަރަވަންދޫގެ ލޭންޑުޔޫސް ޕްލޭން ފައިނަލްކޮށް ކައުންސިލުން އެދޭގޮތަށް ގޯތި ދޫކުރުމަށް ހުއްދަދެވި އަދި ކައުންސިލުން ވަނީ ގޯއްޗައް އެދޭ ފަރާތް ތަކަށް ފޯމު ހުށައަޅަން ހުޅުވާލާފައެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ކުރެވޭ ކަންކަމާއި ރޭވޭ ކަންކަމުން ދަރަވަންދޫ އެކަހެރި ނުކުރެވޭނެ ކަން މި ސަރުކާރު ދަނެއެވެ. އުތުރުގެ ލޯކަލް ޓޫރިޒަމާއި ދަރަވަންދޫ ވަނީ ގުޅި ލާމެހިފައެވެ. ހަނިފަރުބޭއާއި ފެހުރިއްސާއި މަންތާ ގެ ވާހަކަ ދެއްކޭނީ ދަރަވަންދޫގެ ވާހަކަ ދައްކައިގެނެވެ. ދައުލަތުގެ އާމްދަނީގެ އެއް ބަހާއަކީ ދަރަވަންދޫއެވެ. އައިލެންޑް އޭވިއޭޝަނަށް ލިބޭ ކޮންމެ ފައިދާއެއްގައި ދަރަވަންދޫގެ ހިއްސާ ބޮޑެވެ. އެހެނެއް ކަމަކު ދަރަވަންދޫ އެއަރޕޯޓަކީ އެންމެ ހާލުދެރަ އެންމެ ވަސީލަތް މަދު އެންމެ ހާސްކަން ބޮޑު އެންމެ ފައިދާ ލިބޭ އެއަރޕޯޓެވެ.
ރައީސް ސޯލިހުވެސް ދާދި އަވަހަށް މި ޕަޒްލް ހައްލު ކުރައްވަން އެބަ ޖެހެއެވެ. ދަރަވަންދޫ އެއަރޕޯޓް އަޕްގްރޭޑް ކުރަން ލަސްވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރި ކަމަށްޓަކައެވެ. ދަތުރފަތުރުން ރަށްތައް ގުޅުވާލުމުގެ ބޭނުމަށްޓަކައެވެ. އުންމީދީ ނަތީޖާއެއް ހާސިލު ކުރުމަށް ދަރަވަންދޫ ގިނަ ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހްއަށް ދެވެނަ ދައުރެއް ދޭން ތައްޔާރެވެ.