އަންނިއަށް: ތިޔަ އުޅުއްވި ގޮތް ދިވެހިން ދެކެފި

2018ގައި އަންނިއަށް ވާދަނުކުރެވެންޏާ އޭނާ އުޅުނީ ޔާމީނަށް 2ވަނަ ދައުރުދޭން

އަންނިއަށް: ތިޔަ އުޅުއްވި ގޮތް ދިވެހިން ދެކެފި

2018ގެ އިންތިޚާބާ ގާތް ވަމުން އައި އިރު ރައީސް ޔާމީނު ނޫން ކެންޑިޑޭޓެއް ފެންނަން ނެތުނީ އެއްގޮތް ނޫނީ އަނެއް ގޮތުން ވިޔަސް އިދިކޮޅު ހުރިހާ ފަރާތްތަށް ޖަލުގައި ނުވަތަ ރާއްޖޭން ބޭރަށް ފައްސާލެވިފައި ތިބީމައެވެ. 

ރައީސް ނަޝީދު އުޅުއްވީ ބޭސް ފަރުވާގެ ބިސްމަޅިއެއްގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ރާއްޖޭން ބޭރުގައި ބޭސް ފަރުވާގެ ނަމުގައެވެ. ގާސިމް އިބްރާހީމް ޖަރުމަނުގައެވެ. ގާދޫ ކޮލުން އެތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުން ޖަލުގައެވެ.

އިންތިޚާބު ދިޔައީ ކައިރިވަމުންނެވެ. އެތެރެއާ ބޭރުގައި ތިއްބެވި ހުރިހާ ލީޑަރުންގެ ތެރޭން ރައީސް ނަޝީދު ނޫން ހުރިހާ ބޭފުޅުންގެ ރައުޔު އެއްގޮތެވެ. އެއީ ރައީސް ޔާމީނާ ދެކޮޅަށް ރިޔާސީ އެއް ކެންޑިޑޭޓް ނެރުމެވެ. 

ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނަމަ، އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެ އިންތިޚާބް ބޮއިކޮޓްކޮށް ރައީސް ޔާމީނަށް ދެވަނަ ދައުރު ހިބައިން ދިނުމަށެވެ.

ރައީސް ނަޝީދު ދެކެވަޑަައިގަތީ އެންމެ ފަހު ވަގުތު މަތިން ފައިބާ ބައިނަލްއަގްވާމީ ދަގަނޑު އަތަކުން ރައީސް ނަޝީދަށް ކެންޑިޑެސީ ދެއްވާނެ ކަމަށެވެ. އެހެން ބޭފުޅުން އެރިސްކް ނަންގަވާކަށް އެއްބަހެއް ނުވެއެވެ. ސަބަބަކީ ރައީސް ޔާމީނުގެ ޢަމަލުތައް އޭރު ހުރީ ބައިނަލް އަގްވާމީ މުޖުތަމަޢަށް ދޫދޭ ގޮތަށް ނޫން ކަމުގައި ވާތީއެވެ. އޭގެ ހެކި އޮތީ ކުރިން ލިބިފައެވެ. ކޮމަންވެލްތުން  ފިޔަވަޅު އަޅަން ތައްޔާރު ވުމުން ރައީސް ޔާމީން ކުރެއްވި ކަމަކީ ރާއްޖެ ކޮމަންވެލްތުން ވަކިވުމެވެ. ވީއިރު އީޔޫ އާއި ޔޫއެން އަކީ ރައީސް ޔާމީނަށް ވަކި ކޮންބައެއް ހެއްޔެވެ؟

ރައީސް ނަޝީދަށް ކުރިމަތި ނުލެވޭ ނަމަ އެހެން އެއްވެސް ބޭފުޅަކު ވާދަ ނުކުރެއްވުމަކީ 2018ގައި އިދިކޮޅުގައި ތިއްބެވި އެހެން ލީޑަރުންނަށް އެއްބަސްވެވުނު ކަމެއް ނޫނެވެ. މިހާރު މިފެންނަ ހުރިހާ ދެބަސްވުމުގެ ފެށުމަކީ އެއީ އެވެ. އުކުޅަހު ކޮންގްރެހަކީ އޭގެ ފަހެވެ.  އެމްޑީޕީގެ ކެންޑިޑޭޓަކީ އޭރު ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހީމް މުޙަންމަދު ޞޯލިޙް ކަމަށް ނިންމީ އެ ކޮންގްރެހުންނެވެ. އެނިންމުމަށް އުކުޅަހު ބަޣާވާތޭ ކިޔާ ނަންދިނުމަށް ފަހުގައިވެސް ބޭރު ފުށުން ލައްކަ އޮފުކޮށް ހީސަމާސާ ކުރާ މަންޒަރު ފެނުނަސް އަޑި އޮތީ އަނދާ ބޮލިކައިފައެވެ. އެމީހުންގެ ފަހަތުގައި ތިބި މީސް ކޮޅު އެހެން ނަމެއްގައި އާ ޕާޓީއެއް ހަދަން އެމްޑީޕީން ވަކިވާ މަންޒަރު އެބަފެނެއެވެ. އާދޭހެވެ! ވަކިވެގެން ތިޔަ ދަނީ އެއް އިރެއްގައި ވެސް އެމްޑީޕީ ބަޔަކަށްވުރެ ބޮޑަށް ރައީސް ނަޝީދުގެ މީހުންނެވެ.

އެނގުނު ކަމަކީ ފުރަަތަމަ ދުވަހުން ފެށިގެން ރައީސް ނަޝީދުގެ ރުހުމާ ދެކޮޅަށް އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތް ހިސާބުން އެ ބޭފުޅުން ތިއްބެވީ އެމްޑީޕީ އަށާއި އެމްޑީޕީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް އެންމެ މުހިންމު ވަގުތު އެންމެ ބޮޑު ދެރައެއް ދެވޭނެ ވަގުތަކަށް އިންތިޒާރު ކޮށްގެން ކަމެވެ. އެ ވަގުތު އައުމުން އެ ބޭފުޅުން ކަން ކުރައްވާ ގޮތް ފެންނަމުން މިދަނީ ރިޔާސީ އިންތިޚާބު ބޯމަތިވީމައެވެ.

ގެެއްލިގެން އުޅޭ ތަޅުދަނޑި ވެސް ލޯ ކުރިމަތީގައި އޮއްވާ މުޅިގެ ހާވާ އެބަޑިބަޑިން ޖަހާ ފަހުން ހަމަ ކުރިމަތީގައި އޮއްވާ މާފަހުން ފެންނަނީ ދެއްކެވީމައެވެ.

ލޮލެއް ހުއްޓަސް ފެންނަނީ އަދި ކަންފަތެއް ނުވަތަ  ސިކުނޑިއެއް  ހުއްޓަސް  އޭގެ  ބޭނުމެއް  ހިފެނީ  އެވަގުތު  ޖެއްސެވީމައެވެ.

އީވާ މަޖިލިހުގެ ނައިބު ކަމުން ވަކިކުރަނީ އީވާއަށް ކިތައް ބަނޑިލެއްވި ބެލީ ޑާންސް ޝޯ ދެވިގެން ކަން، ވަކި ބަޔަކަށް މޭރުން ނުވިޔަސް އެހެން މީހުންނަށް އީވާ އާއި އަންނި އާއި ޑިމޮކްރެޓު ބޭފުޅުން ދެއްވި ހުރިހާ ޝޯތައް އޮތީ ފެނިފައެވެ.

ހިތަށް އަރަނީ ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ކެތްތެރިކަން މިހުރީ ބޭނުންވާ ވަރަށްވުރެ އިތުރަށް ނޫން ބާވައެވެ؟