މާލޭމީހުނަށް ގޯތިދެއްވީ ވޯޓް ހޯއްދަވާކަށްނޫން!
އެވަރު ކުރެއްވުމުންވެސް މުއިއްޒު އެހުންނެވީ ގޯތިތައް ނުދެއްވާން ބަހަނާ ދެއްކެވުމުގަ.
2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހުގެ ރިޔާސީ އެއް ވައުދަކީ ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވާ ދެއްވުމެވެ. ރައްޔިތުންނަށް ބިންވެރިކަން ކަށަވަރު ކޮށްދެއްވުމެވެ. ގޯތިދެވެން ބިން އޮތް ރަށްރަށުން ގޯތި ބޭނުން މީހުނަށް ގޯތި ދެއްވުމެވެ. ގޯތިދޭނެ ބިން ނެތިންޔާ ބިން ހިއްކައިގެންވެސް ގޯތި ދެއްވުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.
ވައުދުވެ ވަޑައިގަތް ގޮތަށް ރާއްޖޭގައި ގޯތި ދެވެން ހުރި ރަށްރަށުން ރައިސް ސޯލިހު ވެރިކަމުގައި ގޯތި ދެއްވިއެވެ. ނިމިދިޔަ ފަސް އަހަރަކީ މުޅި ރާއްޖޭން ވެސް އެންމެ ގިނަ ބަޔަކަށް ގޯތި ލިބުނު ފަސް އަހަރަށް ވާނެއެވެ. ގޯތި ދެވެން ނެތް އެތައް ރަށެއްގައި ފްލެޓް އަޅައިގެން ފްލެޓް ދެއްވިއެވެ. އޭގެ ކުރީ ސަރުކާރު ތަކުން އަޅަން ފަށާފައިވާ އެތައް ފުލެޓެއް ނިންމާ ހައްގުވެރިންނަށް ހަވާލު ކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އަބާދީއެއް އޮތް މާލޭގައި ހިޔާވަހިކަން ބޭނުންވާ މީހުނަށް ފްލެޓްއަޅާ ގޯތިދޭނެ ބިމެއް މާލެއަކު ނެތެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް އޮތްހާވެސް ތަނަކީ ހުޅުމާލެއެވެ. ހުޅުމާލެ ހިއްކި ބޭނުން އޮޅުވާލާ އޭގެކުރީ ސަރުކާރުތަކުން ހުޅުމާލެ އޮތީ ބިމުގެ ވިޔަފާރީގެ ރަންވަޅަކަށް ހަދާފައެވެ. އެހެން ކަމުން ރައީސް ސޯލިހު އަމާޒު ހިއްޕެވީ ހުޅުމާލެ ފޭސް ދޭއްގައި ބޯހިޔާވަހިކަމަށް ފްލެޓް އަޅާދީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯއްދަވާ ދެއްވުމަށެވެ. ހަމައެޔާއެކު މާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތި ދެއްވުމަކީވެސް ހިއްޕެވި އަމާޒެކެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދެއްވުމަށް ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ރައީސް ސޯލިހު ފެއްޓެވިއެވެ. ބޮސްކާލީސްއާއި ހަވާލުކޮށްގެން ފުރަތަމަ ފެއްޓެވީ ގުޅިފަޅު ހިއްކެވުމަށެވެ. 2019ގައި ގުޅިފަޅު ހިއްކަން ބޮސްކަލީސްއިން ފެށިތަނާ ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވެ އެ މަސައްކަތް މެދުކެނޑިގެން ދެ އަހަރަށް ދިޔައެވެ. މާލޭ މީހުންގެ ބޯހިޔާވަހި ކަމަށް ބިން ހިއްކުމުގެ މަސައްކަތް އަލުން އިންތިޒާމް ވެގެން ފެށުނީ 2022ގައެވެ. ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރު ތިލަފަޅުގެ ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ދައުރު ނިމެންވާއިރަށް މުޅިން ނިންމާ ނުލެވުނަސް ބޮޑުބައެއް އޮތީ ހިއްކާ ނިންމިފައެވެ.
ހުޅުމާލެ ފޭސް ދޭކުން ބަޔަކާއި ގުޅިފަޅާއި ގިރާވަރުފަޅު ހިމެނޭހެން ބިންވެރިޔާ ސްކީމުން މާލޭ ރައްޔިތުންނަށް 9003 ގޯތި ދޭން ނިންމާ ވެރިކަން ނިމުމުގެ ކުރިން ގޯތިތައް ދިނީ ދެވަނަ ދައުރު ރައީސް ސޯލިހަށް ނުލިބެއްޖެނަމަ އެ ބިންތަކުން މާލޭ ރައްޔިތުން މަހުރޫމް ކުރާނެކަން ޔަގީންވެ ވަޑައިގަންނަނަވާތީއެވެ. އަވަސް އަރުވާލައިގެން ވިޔަސް އެ ގޯތިތައް ކަޑާ ރަޖިސްޓްރީ ހައްދަވާ ދެއްވީ ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ މާލޭ ރައްޔިތުންނަށް ހިލޭ ގޯތީ ނުދެއްވާނެކަން ރައީސް ސޯލިހަށް ކަށަވަރުވެ ވަޑައިގަންނަވަތީއެވެ. ބިންވެރިޔާ ސްކީމުން މާލޭ މީހުނަށް ރައީސް ސޯލިހު ގޯތި ދެއްވީ ރިޔާސީ އިންތިހާބުގައި ވޯޓް ހޯއްދަވާކަށް ނޫނެވެ. އެވަރު ކުރެއްވުމުން ވެސް ޑރ. މުއިއްޒު އެ ހުންނެވީ ގޯތިތައް ނުދެއްވާން ބަހަނާ ދެއްކެވުމުގައެވެ.