މޮޔަމީހާ މަރާ ބޮޑުގޮހޮޑާ ނަގޫގޮއްޖެހުން

ގޮތްނޭނގޭ ކޮންމެ މަރަކާއި ގުޅިގެން ކާމިނީ ޔާމީނުގެ ނަން

މޮޔަމީހާ މަރާ ބޮޑުގޮހޮޑާ ނަގޫގޮއްޖެހުން

ދިވެހި ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުނީ 08 އޯގަސްޓް 2014 ގައެވެ. ރިލްވާން ގެއްލުނު އިރު ރާއްޖޭގައި އޮތީ ޕްރޮގްރަސިވް ކޯލިޝަންގެ ވެރިކަމެވެ. މައި ޕާޓީއަކީ ޕީޕީއެމްއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމެވެ. އެ ދުވަހަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 265 ވަނަ ދުވަހެވެ. އޭރު އަދި ޔާމީނުގެ ވެރިކަމަށް ނުވަ މަހެއް ނުފުރެއެވެ. އާނއެކެވެ. އެއީ ވަރުގަދައަށް ވެރިކަމުގެ ކަންކަން ރުކުރުވާލެވި ޔާމީނުގެ ފުރިހަމަ ބާރުވެރިކަން ހިނގައިގަތް ވަގުތެވެ.

17 ނޮވެންބަރ 2013 ގައި އުފެދުނު ރައީސް ޔާމީނުގެ ސަރުކާރަކީ ދީނާ ގައުމަށްޓަކައި އުފެދިގެން އައި ސަރުކާރެއް ކަމުގެ ސިއްކައިން ސިއްކަޖެހިގެން ޕީޕީއެމް އިސްވެ އޮވެ އުފެދުނު ސަރުކާރެކެވެ. ޕީޕީއެމްގެ ރައީސް މައުމޫނު ނުއަތު ފަލި އެޅުއްވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޑިފެންސް މިނިސްޓަރަކީ ކާނަލް ނާޒިމެވެ. އިސްލަމިކް މިނިސްޓަރަކީ ޑރ. ޝަހީމެވެ.

ހޯމް މިނިސްޓަރަކީ އުމަރު ނަސީރެވެ. ޕޮލިސް ކޮމިޝަނަރަކީ ހުސައިން ވަހީދެވެ. އެންމެ އިތުބާރު ކުރެވޭ ކޯލިޝަން ޕާޓްނަރަކީ ސަންޓްރެވަލް ޝިޔާމެވެ. އަހުމަދު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރ ކަމުގައެވެ. އެންމެން އެންމެނަށް ތިއްބެވީ ނިގޫ ގޮއްޖެހި ބާރުވެ އެކަތި ގަނޑެއްގެ ގޮތުގައެވެ. އޭރަކު އަދި ސަރުކާރުގެ ބާރުތައް ހައްދެން ނެތް ވަރަށް އަދީބުގެ އަތްޕުޅު މައްޗަށް ރައީސް ޔާމީނު ފުރޮޅައެއް ނުލައްވައެވެ.

އަހުމަދު ރިލުވާނަކީ " މޮޔަމީހާާ " ގެ ނަމުގައި ދީނީ މިނިވަން ކަމަށް މީސް މީޑިއާގައި ވަކާލާތު ކުރާ ޒުވާނެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ރައީސް ޔާމީނަށާއި މިނިސްޓރ އުމަރަށާއި ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދަށް އެކަން މާ ރަނގަޅަށް ސާފުވެ ވަޑައިގަންނަވާނެއެވެ. އެހެން ކަމުން ކުރިން ބަޔާން ކުރެވުނުހެން ދީނާ ގައުމަށްޓަކާ އުފެދުނު ސަރުކާރުގެ އެންމެ ދުޅަ ހެޔޮ ދުވަސްވަރު ގާނޫނީ އިމުގެތެރެއިން އިސްލާމީ ޝަރީއަތާއެއް ގޮތަށް ރިލްވާނާ މެދު ފިޔަވަޅު ނާޅުއްވާ ދޫކޮށް ލެވިފައި ހުރީ ޗާޓުން ބޭރުން އެކަން ނިންމަންތޯ ސުވާލު އުފެދެއެވެ. އުމަރު ނަސީރަކީ އަތްކެނޑުމާއި މަރުގެ އުގޫބާތް ދެއްވާ ހިތްޕުޅުން އަވަހާރަފުޅު ނުލެއްޕެވޭ ބޭފުޅެއް ވިއްޔާއެވެ. ހުންނެވީ ހޯމް މިނިސްޓަރ ކަމުގައެވެ.

ލާދީނީ ކަމުން ކުރިން އޮތް އެމްޑީޕީ ސަރުކާރު ވައްޓާލީ ދީނުގެ ހައްގުގައި މި ދެންނެވި ބޭބޭފުޅުން އިސްވެ ތިއްބަވައިގެނެވެ. އެ ވަރުގެ ދީނީ ސަރުކާރެއް އޮތްއިރު ރިލުވާނުމެނަށް ގާނޫނީ ފިޔަވަޅު ނާޅާ ދޫވެފައި ތިބީ ކީއްވެހެއްޔެވެ. ތަކުރާރުކޮށް މަރުގެ އިންޒާރުތައް ލިބެމުން ދާކަމަށް ޕޮލިހަށް ރިޕޯޓްކޮށް މައުލޫމާތު ދީފައި އޮތްކަން އެނގިވަޑައިގެން ތިއްބަވާ ހަނު ތިއްބެވީ ކަނޑު މަތީން އިންސާނުންގެ ފުރާނަ އުދުއްސާލުމަށް ހެއްޔެވެ.

ރިލުވާނު ގެއްލުނު ފަހުން ވެސް 4 އަހަރާއި ތިން މަހާ ގާތަށް ރައީސް ޔާމީނު ވެރިކަމުގައި ހުންނެވި އިރު ރިލްވާނަށް އިންސާފު ހޯއްދަވާ ދެއްވަން އެއްވެސް ކަމެއް ކުރެއްވި ނަމަ މަރު ކޮމިޝަން ހަދައިގެން ބޮޑު ގޮހޮޑާ ވާހަކަ ކިޔާކަށް، ލިޔާކަށް މި ސަރުކާރަކަށް ނުޖެހުނީހެވެ. ރައީސް ޔާމީނަށް ތުހުމަތުތައް ކުރެވި މަރު ކޮމިޝަންގައި ހަނު ހުންނަވާކަށް ޖެހިވަޑައެއް ނުގަތީހެވެ.

ބޮޑު ގޮހޮޑާގެ މިނިކާ ކަމަނާ އެކޭ ކާމިނީ ޔާމީނެކޭ ތަފާތެއް ނެތެވެ. ގޮތްނޭނގޭ ކޮންމެ މަރަކާއި ގުޅިގެން ކާމިނީ ޔާމީނުގެ ނަން އައުދެއެވެ. ޑރ. އަފްރަޝީމްގެ ގަތުލުގެ ވާހަކަ ގޮތް ގޮތަށް ޔާމީނާ ގުޅުވައެވެ. ގޭންގް މާރާމާރީއެއްގައި ވަޅިޖަހައިގެން ޒުވާނަކު މަރުވީ ޓީޝާޓްގެ އޮޅުމަކުން ކަން ޔާމީނަށް އެނގިވަޑައި ގަތެވެ. ވީނުވީއެއް ނޭގި ގެއްލުނު ރިލްވާނު މަރުވެއްޖެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ވެސް ޔާމީނެވެ. އަދިވެސް މި ކަހަލަ ކިތަންމެ ވާހަކަ އެކެވެ.

ޑރ. އަފްރާޝީމް ގަތުލު ކުރި މީހަކު ރައީސް ޔާމީނާ ބައްދަލުކުރި ވާހަކަ ދެކެވޭހެން އާރާ ބާރު އޮތްއިރު މުޅި މައްސަލަ ބަލާ ކޮޅެއްގައި ޖައްސުވާފައި އޮތް ނަމަ ރިލުވާނު ކަތިލި މީހަކު ފުރުވާލާ ދެއްވި ވާހަކައެއް އުފަނެއް ނުވީހެވެ. ރައީސް ކަމުގައި ހުންނަވައިގެން ފުލުހުން ބަލާނެ ކަމަށް ވިދާޅުވި ކަމެއް ބައްލަވާ ނިންމަވާފައި އޮތް ނަމަ މަރު ކަމިޝަން ހަދައިގެން ބައެއްގެ ވަގުތާ ފައިސާ ހޭދަ ކުރާކަށް މި ސަރުކާރަކަށް ނުޖެހުނީހެވެ.

ގައިރު ގާނޫނީ އަމުރު ފުލުހުންނަށް ކުރާ ކަމުގެ ބަހަނާގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލަން ފުލުހުން ދޮން ކުރެއްވި ހުސައިން ވަހީދު އިސްވެ ހުންނަވައިގެން ހެކި ނައްތަވާލާފައި އޮތް ކަމެއް ފަހުން ބަލަންޏާ ޖެހޭނީ ބުނި ބުންޏަށް ގޮސްގެން ވެސް ހަގީގަތް ހޯދާންތާއެވެ. ބުނިބުނިން ވެސް ރިލުވާނުގެ އާއިލާއަށް އިންސާފު ލިބިދާނެ ކަމުގެ އުންމީދު އައުވާ ވަރުގެ ބޮޑުގޮހޮޑާ ވާހަކައެއް ލިޔެވުނުކަން ވެސް ރަނގަޅެވެ.