ދަނޑި މުކޮހުންނަށް އެމްޑީޕީ ރޫޅާލަން ކުރެވޭނެ ކަމެއްނެތް
ދަނޑި މޮކޮހުން ނަކަސް ތަޅަތަޅަ ތިއްބާ އެމްޑީޕީ ދެވަނަ ދައުރު ކަށަވަރު ކުރާނެ
17 ވަރަކަށް އަހަރު ވާންދެން އަންނި އެޅިހާ ބަތަކަށް ރިހަވެފައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އަންނިގެ މުށުތެރެއިން ދެމިގަތީ ލޮނދި ހިކައެއް ދެމިގަންނަ ހެންނެވެ. އަންނިއަށް ޕާޓީގެ ޕީޖީ ގްރޫޕްގެ ކޮންޓްރޯލު ގެއްލި ބަސް ނުވިކި ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ.
ގޮނޑިކޮއްކޮ އަކަށް ހަދައިގެން އުޅުނު ގައުމީ މަޖިލީހުގައި އަންނި ޖެހުނީ ހުޅުހުޅުން ދޫވެ ބަނޑު ބިންމަތީ ދެމޭށެވެ. ރަބަރު ތައްގަޑަކަށް ގެންގުޅުނު ސެކެރެޓެރިއޭޓްގެ ފައިފުއްސަކަށް ވެސް އެންމެ ފަހުން އަންނި ކަމުނުދިޔަ ނޫން ހެއްޔެވެ. ކޮންގްރަސް ދިޔައީ ބޯމަތިންނެވެ. ރިޔާސީ ޓިކެޓް ނުލިބި އެންމެ ފަހުން މަނާ މަންތިރިވެ އަރާނެ ގެ ހުސްވީއެވެ.
އެމްޑީޕީ ހޯދަން ކުރިބޯށިން ފުންމާ ނުލާން އިންދާ ވާބޮއެފާ ވައްޓާލާ ކަށިކެޔޮ ވަކެއްހެން ގުޅަޔަކަށް ޖެހުނީ ބިންމައްޗަށެވެ. ގުޅަޔަކަށް ބިމަށް ޖެހުނީމާ ތެދުވެ މޭގައި އަތްޖަހާފައި ދެން ނިކަން ޖަހާބަލާށޭ ގޮތްވަކަސް ޑަރުވެސް ބަޔަކަށް ހީނުވާނެއެވެ.
އެމްޑީޕީ ސަރުކާރަކީ އަންނިގެ ގޮނޑި ކޮއްކޮއަކަށް ހަދަން އަތުރާލި ކުޅިބައިން ފަހަރަކު ކުޅިއެއް ޖަހާ އަންނިގެ ކުޅިތައް ރާޒުވާ ގޮންޑިމަތން ހުސްވެއްޖެއެވެ. ބާރުކެނޑިފައި ނަކަސް ތަޅަން ތިބި މަދު ކުޅިކޮޅު ވެސް ގޮތް ހުސްވާން ފެށުމުން ހިލޭ ޖަހަންދީ ހުސްވެ ނިމެނީއެވެ.
އާނއެކެވެ. ސަރުކާރުތެރޭގައި ތިބި އަންނިގެ މީހުންކޮޅު މަޑުމަޑުން އިސްތިއުފާ ދީފާ ނިކުމެގެން އެދަނީއެވެ. އެއްޔަކީ ކުރިއަކުންވެސް އެމްޑީޕީކޮޅަށް ކުޅޭ ބައިކޮޅު ކުޅުން ތެރިން ކަމަކަށް ބަލާބައެއް ނޫނެވެ. އެމްޑީޕީ ރޫޅާލަން އިތުރަށް އަންނިއަށް ދެން ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
ބަލަން ތިބޭށެވެ. ފުއްޕާފައި ރެޓުންނާގުޅު ކިތަންމެ ބަޔަކު މުކޮހުންގެ ގޮތުގައި ނުތިބޭން އެނބުރި އަންނަތަން ފެންނާނެއެވެ. މުކޮހުންގެ އަސާސަކީ އަންނިއާއެކު ނަކަސް ތެޅުމެވެ. އަންނި ބޭނުންނުވާ މިންވަރަކަށް މޮކޮހުންގެ ތެރެއިން އެއްވެސް މީހަކަށް ބާރުވެރިކަމެއް ލިބޭނަމަ އެމީހެއްގެ ޒަމާން ދުއްވާލަތަން ދެކެން އެބަތިބީމެވެ. ދަނޑި މުކޮސް ތަރުތީބު ވެގެން ކަންކަމަށް މީހުން އިސްކުރަން ފެށުމާއެކު މަތީފަޑި އޮންނަގޮތް ބަލަން ތިބޭށެވެ.
އެމްޑީޕީގެ ފުލުވަކަށް ވެގެން އެމްޑީޕީއާއި ސަރުކާރާއި ރާއްޖެ އަމިއްލަ މިލްކަކަށް ހަންދަން އަންނި އުޅުނު އުޅުން ދިވެހި ރައްޔިތުން ނިންމައިފިއެވެ. އިތުރަކަށް ދަނޑި މުކޮހުންނަށް ކުރެވޭނެ ކަމެއް މި ގައުމަކު ނެތެވެ. އަމްދުން ދަނޑި މުކޮހުންނަށް އެމްޑީޕީ ރޫޅާލަން އިތުރަށް ކުރެވޭނެ ކަމެއްނެތެވެ. އެމްޑީޕީ ދެވަނަ ދައުރު ކަށަވަރު ކުރާނީ ދަނޑި މުކޮހުން ނަކަސް ތަޅަތަޅަ ތިއްބައެވެ.