ރިލުވާނު ގެއްލުވާލުމުގައި އެމްޑީއޭގެ ދެ މީހުން
ޔާމީނަށް އިނގިލި ދިއްނުކުރެވި އެހެން މީހަކަށް އިނގިލި ދިއްކުރެވުނު ނަމަ އެރިޕޯޓަކީ ނިކަން ފުރިހަމަ ރިޕޯޓެއް ކަމަށް ބުނީސް.
ގޮތްނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ރައީސް ކޮމިޝަނެއް އުފެއްދެވުމުން އެކަމާ ކަންބޮޑުވެ އެންމެ ބާރަށް ހަޅޭލީ ޕީޕީއެމުންނެވެ. ކޮމިޝަން އުފެދުނު ފަހުން އެކޮމިޝަންގެ މަސައްކަތުގެ ނަތީޖާ ނުފެނިގެން ވެސް އެހާ ބާރަށް އެމީހުން ހަޅޭލިއެވެ. ލިބި ހުރި ހެކިތަކާއި ގަރީނާތަކުގެ މައުލޫމާތު ނުލިބިގެން ވެސް އެހާ ވަރުވިއެވެ.
އެހާވަރަކުން އެކަމެއް ސާފުނުވެގެން އެހާ ހަޅޭކެއްލީ ސަބަބު އެހުރެ ސާފުވަނީއެވެ. ސިޔާސީ ވާހަކައަކަށްވުރެ އެހަޅޭވެގެން ގޮސްފައިވަނީ މިސްކިތު ހުޅުޖެހުމަށެވެ. މަށޭ ކިޔަނީ ކިހާ ވަރަކަށްތޯ ބެލުމަކީ އެލީ ހަޅޭކުގެ އަސްލެވެ. ގޮތްނޭގޭ މަރާއި މީހުން ގެއްލުމާއި ކޮންމެވެސް ހިސާބަކުން ޔާމީނާ ގުޅޭ ގުޅުމަކީ އިއްތިފާގެއް ހެއްޔެވެ.
ޑރ. އަފްރާސީމްގެ ގަތުލު ވެސް ޔާމީނާ ގުޅުން ހުރިކަމަށް ވަރަށް ފާޅުގައި މީހުން ކިޔާ އުޅެއެވެ. ހޮދު ޔާމީނުގެ ހޯމްމިނިސްޓަރުކަން ކުރި އުމަރު ނަސީރު ވެސް އެ މޭރުމުން އެ ވާހަކަ ދައްކާ އެތައް ހުއްޖަތެއް ގާއިމުކުރިއެވެ. މި އުޅެނީ އެ ވާހަކަ ދައްކާކަށް ނޫނެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނުގެ ކަންކަން ހިގާފައިވާ ގޮތް ބެލި ބެލުމުން ރިޔާސީ ކަމިޝަނަށް ފާހަގަ ކުރެވުނު ކަންކަމުގެ ރިޕޯޓް ރައީސަށް އެރުވުމުން ބަޔަކު މީހުން ގައިން ހީބި ނަގައިގެން ތެޅެފޮޅެން ފެށުމުން ލައްކަ ސަޅި މަންޒަރެއް އެބަ ކުރެހެއެވެ.
ރިޕޯޓަކީ ބުންޏޯ ބުންޏޯ އެއްޗަކަށް ވެއްޖެއެވެ. މަރު ކޮމިޝަންގެ ރިޕޯޓަކީ ސިޔާސީ ޑްރާމާއެއް ކަމަށް ހަދާ ކަމުގެ ސީރިޔަސްކަން ކަނޑުވާލުމަށް ފާޑު ފާޑަށް ވާހަކަ ދައްކަން ފަށައިފިއެވެ. ކުރީގެ ރައީސް ޔާމީނަށް އިނގިލި ދިއްނުކުރެވި އެހެން ކޮންމެވެސް މީހަކަށް އިނގިލި ދިއްކުރެވުނު ނަމަ އެރިޕޯޓަކީ ނިކަން ފުރިހަމަ ރިޕޯޓެއް ކަމަށް އެ މީހުން ބުނާނެތެވެ. ރިލުވާނުގެ މައްސަލާގައި އެހާތަނަށް ހޯދި ހޯދުންތަކުން ޔާމީނުގެ ބައިވެރިވުމެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށް މަރުކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވާތީ އެއީ ފިސާރި ބޮޑު ވާހަކަ އަކަށް އެބަހަދައެވެ. ކުރިން ކަމެއް ނުފެނުމަކީ ފަހުން އެހެން ހަގީގަތެއް ފާޅު ނުވާން އޮތް ސަބަބެއް ނޫންކަން ގަބޫލު ކުރާކަށް އެ މީހުން ބޭނުމެއް ނުވާނެތާއެވެ.
ކަންކަން ހިނގާ ނިއުޅެމުން ދާގޮތް ބަލަން ތިބި ބަޔަކަށް މަންޒަރު ފެންނަ ގޮތް ތަފާތެވެ. 2013 ގައި ޔާމީނު އަބްދުލްގައްޔޫމު ވެރިކަމަށް އައީ ޕްރޮގްރަސިވް ކޯލިޝަން ކިޔާ ބޮޑުކޯލިޝަނަކުންނެވެ. ވެރިކަމުގެ ކުރީކޮޅު ކޯލިޝަންގެ ގިނަ ބައިވެރިން ފައްސާ ނަގާލި އިރު ކޯލިޝަން ޕާޓްނަރ އެމްޑީއޭ ގަދަކޮށް ކޯލިޝަނުގައި އޮތެވެ. އެމްޑީއޭގެ ލީޑަރ ސަން ޝިޔާމް ހުންނެވީ އެންމެ އަރިހުގައެވެ.
ބާބުލްއަވާލީގައި ޖަނާބުގެ ކްލާސް ތަކުގެ ތެރެއިން ސަލަފީންނާއި ޝިޔާމުގެ ބަދަހި ގުޅުމެއް އޮތުމަކީ މައްސަލައެއް ނޫންތާއެވެ. ސަލަފީ ހަރަކާތް ތަކަށް ފަންޑް ކޮށްދީ ސަން މީޑިއާ ސަލަފީންނަށް ހިތަކަށް ދީފައި އޮތުމަކީ ވެސް މައްސަލައެއް ނޫންތާއެވެ. އަނެއް ކޮޅުން ކުރިއްސުރެ ސަންޓްރެވަލުން ބައިއަޅާ މީހަކަށް ޔާމީނުވެފައި އޮތުމަކީ އިއްތިފާގެކެވެ.
މޮޔަމީހާ ސޯސަލް މީޑިއާގައި އެޖެހި ސަކަރާތެއް ޖަހައިގެން މަރު ހައްގުވުމާ ނުވުން ކަނޑައަޅާނީ އިސްލާމީ ޝަރީއަތުގެ ތެރެއިން ނޫންހެއްޔެވެ. ބަޔަކު ހިތައް އަރާއިރަށް ކަރާމާތްތެރި ވެގެންވާ ނަފްސުތައް އުދުއްސާލުމަކީ އެއްވެސް ބަޔަކަށް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ދީނުގެ އިލްމުވެރިން ބުނެ އުޅޭތީ އަހަމެވެ. ދީނުގެ ހައްގުގައި ވެސް ނަފްރަތު އުފެއްދުމަކީ ހުއްދަ ކަމެއް ކަމަށް ދަންނަ ބޭކަލަކު ބުނާތީ ވެސް ނާހަމެވެ.
ރިލްވާނު ގެއްލުވާލުމުގެ ބައިވެރިއެއް ކަމަށް ބުނާ މީހަކު ރައީސް ޔާމީނުގެ އެއް ބާރުލުންދީގެން ފުރުވާލިކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިގެން ތަހުގީގަށް ޔާމީނު ހާޒިރު ކުރުމުން އެކަމާ ދެކޮޅު ހެއްދެވުމެއްނެތި ހުންނެވީ ހަނެވެ. ތުހުމަތުން ބަރީއަވުމަށް ދެކޮޅުހެއްދެވުމެއް ނެތި ހަނު ހުންނެވުމުން ރިލްވާނު ގެއްލުވާލުމުގެ މައްސަލަ ޔާމީނާ ގުޅުމެއް ނެތޭ ބުނަން އޮތީ ކޮންޖާގައެއް ހެއްޔެވެ.
އަނެއް ކޮޅުން މަރުކޮމިޝަނުން ނެރުނު ރިލްވާނުގެ ރިޕޯޓު ނެރުމާ އެކު އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ ޑރ. ރަފިއްޔާ ފުންމައި ގަތީމާ މި ވަނީ ކީއްތޯ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.
ރިލުވާނު ގެއްލުވާލުމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ބުނާ ހަ މީހުންގެ ތެރެއިން ދެމީހުން އެމްޑީއޭގެ ދެމެންބަރުން ކަމުގައި ވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ.