މުއިއްޒު އަޒުލްކޮށް ގާސިމްގެ އެއްބައިވަންތަ ސަރުކާރެއް!!
ސިޔާސީ ޕާޓީތަކާ މެދު ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑު
ރައީސް ނަޝީދަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތުމުން އިސްތއުފާ ދެއްވިއެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދައުރުގެ ބާކީބައި ފުރިހަމަ ކުރެއްވީ ރައީސް ނަޝީދުގެ ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް އަޒުލް ކުރެވިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ވަގުތީގޮތުން އުފުއްލަވާނީ ރައްޔިތުންގެ މަޖިލީޙުގެ ރައީސްއެވެ. މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ މެންބަރު އޮނަރަބަލް މުހައްމަދު އަސްލަމެވެ. މަޖިލީހުގެ ރައީސަށް ލާޒިމުވެގެން ވަނީ ގާނޫނު އަސާސީގައި ބުނާ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުވުމެވެ. އެހެން ކަމުން އަސްލަމް ރައީސިުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާތައް އުފުއްލަވާނީ ރައްޔިތުންގެ ވޯޓަކުން ރައީސުލް ޖުމްހޫރިއްޔާ ކަމަށް މީހަކު ހޮވެންދެނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ހުރިގޮތުން ރައީސަކު އަޒުލްކޮށްފާ އެހެން މީހަކު ރައީސްކަމަށް ހޮވުމަކީ އާދައިގެ ކަމަކަށް ނުވާނެއެވެ. އަމްދުން ވަކި ޕާޓީއެއްގެ އާރާބާރު އޮވެގެން ވެރިކަމެއް ނިންމާލުމަށް ފަހު އެ ޕާޓީން މީހަކު ވެރިކަމަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސިޔާސީ ޕާޓީތަކާ މެދު ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑު ދުވަސް ވަރެއްގައި ގައުމު ހަމަ މަގަށް އެޅުވުމަށް ވަކި ޕާޓީއަކަށް ބާރުދޭން ރައްޔިތުން އެހާ ބޭނުން ނުވެދާނެއެވެ. އެހާލަތުގައި ގިނަ ބަޔަކު ގަބޫލުކުރާ ވިސްނުމަކަށް ސިޔާސީ ޕާޓީތަކުން އާދެވޭތޯ ބެލުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.
މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ނަގުލުވަމުން އައި ދުވަސްވަރު ވެސް ގިނަ ކަންކަމުގައި ހުއްޓުން ތަކެއް އެރިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލިސް ހުއްޓި ގާނޫނު އަސާސީގައި އެންމެ އަކުރެއް ނޭޅި އެތައް ދުވަހެއް ދިޔައެވެ. ގާނޫނު އަސާސީގެ މަސައްކަތް ކުރިއަށް ހިނގައިގަތީ މެދުމިނު ސިޔާސަތެއް ގަބޫލުކުރާ އެންމެނާ ވެސް ގުޅުން ބެހެއްޓޭ ގައުމު އިސްކުރާ ލީޑަރަކު މަޖިލީހުގެ ރިޔާސަތަށް ގެނެވުނު ހިސާބުންނެވެ.
ރާއްޖޭގެ ގިނަކަންކަން މަރުތަޅާ ހަމައަށްދާ ކޮންމެ ފަހަރަކު ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި އިސްވެ މަސައްކަތް ކުރައްވާތީ ފެންނަނީ އޮނަރަބަލް ގާސިމް އިބުރާހީމެވެ. ސިޔާސީ ވާދަވެރިކަމުގައި ގާސިމް އިބުރާހީމަށް ރާއްޖޭގެ ރައީސްކަމަށް އިސްވެވަޑައި ގަތުމަކަށް ފުރުސަތެއް ލިބި ވަޑައިގެންފައެއް ނެތެވެ. އެހެން ނަމަވެސް ކޮންމެ ވެރިކަމެއްގައި ކިންގ މޭކަރެއްގެ ރޯލު އަދާ ކުރައްވަނީ ގާސީމް އިބުރާހީމެވެ. ވެރިކަން ލިބެނީ ގާސިމް އަރުއްވާ ފަޅިއަކަށެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް ފަޅިއެއް ނުނަންގަވާ ހުންނެވީ ހަނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޑރ. މުއިއްޒަށް ރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޑރ. މުއިއްޒަށް އެންމެ ރައްކާތެރި ގޮތަކީ އިސްތިއުފާ ދެއްވުމެވެ. އިސްތިއުފާ ނުދެއްވިޔަސް މުއިއްޒު އިންޕީޗް ކުރާނެ ކަމަކީ ޝައްކެއް ނެތް ކަމެކެވެ.
ޑރ. މުއިއްޒުގެ ސަރުކާރު އަޒުލްކޮށް މުއިއްޒުގެ ދައުރުގައި ބާކީ އޮތްބައި ގާސިމް އިބުރާހީމް އިސްވެ ހުންނަވާ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކުން ފުރިހަމަ ކުރުމަށްވުރެ މޮޅު އެއްވެސް ގޮތެއް ގައުމަކަށް މިހާރަކު ނެތެވެ. ހުރިހާ ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެބިނެޓެއް ރައްޔިތުންނަށް ހުށަހަޅައިގެން ރައީސްކަމަށް ގާސިމް އިބްރާހީމް އިންތިހާބުކޮށްގެން ސަރުކާރުގެ އޮނިގަނޑާއި ގާނޫނީ އޮނިނޑު ހަމަމަގަށް އަޅުވާ ތަރުތީބުކުރުމަށް ރައްޔިތުންނަށް ލިބޭ މިއީ ރަނުގެ ފުރުސަތެކެވެ.