މުއިއްޒަށް: ތިލަމާލެ ބްރިޖުގެ މޮޅުނުކަނޑާ! ރެބަންކަނޑާ!
މުއިއްޒު އިސްނެގިއަސް ނުނެގިއަސް ޝެޑިއުލާ އެއްގޮތަށް ވިލިގިލި- މާލެ ގުޅާލާނިމޭނެ
ކަންކަން އޮޅުވާލަން އުޅުނަސް ތަންކޮޅެއް ބޮޑުވަރެވެ. ތިލަމާލެ ބުރިޖަކީ އެމްޑީޕީ ސަރުކާރުގެ އުފެއްދުމެކެވެ. އިސް ނެގުމެކެވެ. ޑިޒައިނެކެވެ. ފެށުމެކެވެ. އިންޑިއާ އާއި ދިވެހި ރާއްޖޭގެ ވަރުގަދަ ގުޅުމުގެ ރަމްޒެކެވެ. ބުރިޖު ނިމިގެން ދާނީ ވެސް އެމްޑީޕީ ސަރުކާރުން ރާވާފައިވާ ގޮތަށެވެ. އެ ތާރީހަށެވެ. ރައީސް މުއިއްޒުގެ އިސް ނެގުމެއް ދައުރެއް އެކަމުގައި ނުވެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ރާއްޖޭގެ ލޯނު ހިމެނޭ ގޮތުން ޕްރޮޖެކްޓަށް ފައިސާ ދެނީ އިންޑިއަން އެގްޒިމް ބޭންކުންނެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މަސައްކަތުގެ ފުރަތަމަ ބަޔަކީ ކަނޑުއަޑީގައި ކުރެވުނު މަސައްކަތެވެ. އެއްޔަކީ ފެނުން މަތީގައި ތިބޭ ބަޔަކަށް ފެންނާނެ ކަން ކަމެއް ނޫނެވެ. ކަނޑުއަޑީގެ މަސައްކަތް ހިނގަމުން ދިޔައިރު ގުޅިފަޅާއި ތިލަފުށީގައި ބުރިޖާގުޅޭ އެތައް މަސައްކަތެއް އެކުއެކީހިނގަމުން ދިޔައެވެ. އެދުވަސްވަރު ނޫސްތަކުގައި އެ ހަގީގަތް މަންޒަރާއެކު ބަޔާން ކޮށްފައި އެހުރީއެވެ.
އިބޫގެ ވެރިކަން ނިމުނު އިރު ކުރެވިފެންނަން ހުރި
މޫސުމީ ބަދަލުތަކާހުރެ މަސައްކަތް ހަވާލުވެގެން ކުރާ ކުންފުންޏަށް މަސައްކަތުގެ ކުރީކޮޅު ބޮޑެތި ގިނަ ގޮންޖެހުންތައް ކުރިމަތިވިއެވެ. އެކަމާ ގުޅިގެން ހިސާބެއްގެ ލަސްވުމެއް ކުރިމަތިވިއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ބްރިޖުގެ މަސައްކަތް ހުއްޓުމެއް ނެތި ވަރަށް ބާރަށް ހިނގަމުން ދިޔައެވެ. ކަނޑު އަޑީގައި ކުރެވުނު މަސައްކަތުން ބުރިޖުގެ ބައިތައް ފެނުން މައްޗަށް ހުރީ ހިކެން ފަށާފައެވެ. ގުޅީފަޅާއި ތިލަފުށީގައި ބްރިޖާގުޅޭ އެތައް ކަމެއް ހިނގަމުން ދިޔައެވެ.
ބްރިޖު ލޮލަށް ނުފެނިގެން އޭރު އިދިކޮޅުގައި ތިބެ މުއިއްޒުގެ އައުވާނުން އެފްކޮންސްއަށާއި އިންޑިއާ ސަރުކާރަށާއި އެމްޑީޕީ ސަރުކާރަށް ނުގޮވާ ކުނިފުޅައެއް ނެތެވެ. އޭރު މުއިއްޒުގެ ބައިގަނޑުގެ ލޮލަށް ތިބީ މިރުސް އެޅިފައެވެ. މުއިއްޒުގެ އިގްތިސޯދީ ވަޒީރު އޭރު ބުނީ ތިލަމާލެ ބްރިޖު ނޭޅޭނެ ކަމަށެވެ. އެކަން ވަނީ ވަރަށް ބޮޑު ޑިޒާސްޓަރއެއް ކަމުގައެވެ. ވެރިކަމަށް އައިފަހުން ވެސް ފުރަތަމަ މަހު ތެޅިބޭލީ އެފާޑަށެވެ.
ތިލަމާލެ ބުރިޖާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓުނީ މުއިއްޒު ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ބުރިޖުގެ މަސައްކަތަށާއި އެފްކޮންސަށް ތައުރީފްކޮށް ވާހަކަ ދެއްކުމުންނެވެ. އެހިސާބުން އެ ބުރިޖަކީވެސް ރައީސް މުއިއްޒުގެ މޮޅުކަމުން އެޅޭ އެއްޗަކަށް ވެއްޖެއެވެ.
އަޖައިބެކެވެ. ބްރިޖުގެ މަސައްކަތް ނިންމަން ޝެޑިއުލްކޮށް މުއްދަތުތަކެއް އެއްބަސްވުމުގައި އެބައޮވެއެވެ. އެ މުއްދަތަށް މަސައްކަތް ނިންމުމަކީ މަސައްކަތާ ހަވާލުވީ ފަރާތުން ކުރާނެކަމެކެވެ. މަސައްކަތް މުއްދަތަށް ނުނިމޭކަށް އެމީހުން ބޭނުމެއް ނުވާނެއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ ކުންފުންޏަށް ފައިސާދެނީ އިންޑިއަން އެގްޒިމް ބޭންކުންނެވެ. ރައީސް މުއިއްޒުގެ އިސްނެގުމުން ބުރިޖު ލަސްކޮށް އަވަސް ކުރަން ކުރެވޭނެ މާބޮޑުކަމެއް ނުއޮންނާނެއެވެ. މަސައްކަތުގެ ކޮންސަލްޓެންޓްވެސް މާކުރިން ކަނޑައެޅި އެފަރާތުންވެސް އެއްބަސްވެފައިވާ ގޮތަށް މޮނިޓަރކޮށް ފެންވަރުބަލާ ހަދަމުން ދެއެވެ. އެއްޔަކީވެސް ރައީސް މުއިއްޒާ ބެހޭކަމެއް ނޫނެވެ.
ތިލަމާލެ ބްރިޖު ލޯންޖުކުރުމުގެ ރަސްމިއްޔާތުން
ސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ މަސައްކަތް ކުރުމުގައި އެހީތެރިވެ އެއްބާރުލުން ދިނުމެވެ. ސަރުކާރާއި އެފްކޮންސްއާއި ދެމެދު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކޮށްގެން މާހައުލު ފަހިކޮށްދިނުން ނޫން ކަމެއް ސަރުކާރަކަށް ނުކުރެވޭނެއެވެ. އެއްބަސްވުން ބާތިލެއް ވެސް ނުކުރެވޭނެއެވެ. އެއްބަސްވުން ބާތިލުކޮށްގެން ގެއްލުމުގެ ބޮޑު ބަދަލެއް ދޭންނުޖެހޭނެ ނަމަ ތިލަމާލެ ބުރިޖުގެ އެއްބަސްވުން ވެރިކަމަށް އެރިގޮތަށްއަރާ ބާތިލު ކުރީހެވެ. އޭރު އެ ބްރިޖާއި ދެކޮޅަށް މީހުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދީ އެއްބަސްވުން ބާތިލު ނުކުރާ ވަރަކަށް ނޫނެވެ.
މުއިއްޒަށް ވެރިކަން ލިބި ދުވަސްކޮޅެއް ވުމާއެކު އެފްކޮންސް ވަރެއް ތިލަމާލެ ބުރިޖުވަރެއް ނެތެވެ. މަސައްކަތުގެ ސްޕީޑްވެސް ދަނީ ފަތުއަޑު ކިޔާފައި މުއިއްޒު ސްޕީޑްގައި ކަމަށްވެއްޖެއެވެ. ހީވީ ބުރިޖު އެޅުމުގެ އަމަލީ މަސައްކަތުގައި ކުރިން ގުދަށް އޮތީ ރައީސް ސޯލިހު ހެންނެވެ. މިހާރު ބްރިޖު އަޅަނީ ރައީސް މުއިއްޒު އެތާ އެރި އޮވެގެންނޭ ހީވެއެވެ.
ރައީސް މުއިއްޒު އިސްނެގިއަސް ނުނެގިއަސް ތިލަމާލެ ބްރިޖު ޝެޑިއުލާ އެއްގޮތަށް ވިލިގިއްޔާ މާލެ ގުޅާލާ 2026އަށް ނިމޭނެއެވެ. އެއްޔަކީ މުއިއްޒުގެ މޮޅުކަމަކުން ވާކަމެއް ނޫނެވެ. މާމޮޅު ވާހަކަ ނުފަތުރާ ރައީސް ސޯލިހު ފައްޓަވާފައިވާ ތިލަމާލެ ބުރިޖު ނިމުމުން ރެބަން ކަނޑަން މުއިއްޒު ހުންނާށެވެ.