ބިންވެރިޔާ ސްކީމްގެ ގޯތިތައް ފޭރިއެއް ނުގަނެވޭނެ!
ރައްޔިތުން ބޭނުންވީ ނުހިއްކިޔަސް ރަޖިސްޓްރީ އަތަށް ލިބޭން
ރައީސް ސޯލިހް ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ނުހިއްކާ އޮތް ބައެއް ފަޅުތަކުން ގޯތި ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އައު ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ ރާއްޖޭގެ އާޖުފާޖު ދެނިވަޑައިގެން ނޫންކަމަށް ބެލެވެއެވެ. ރާއްޖެއަކީ މޫދުން ގޯތިދިނުމުގެ މާޒީއެއް އޮތް ތަނެއް ކަމެއް ހަނދުމަފުޅެއް ނެތެވެ. މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން ބާޑި ޖަހައިގެން އަމިއްލައަށް ގޯތި ހިއްކާ ގެއަޅައިގެން މީހުން ދިރިއުޅޭ ގޯތިތައް އެހުރީއެވެ. ދެލޯ ހުޅުއްވައިގެން ރަނގަޅަށް ބައްލަވާ ލައްވާށެވެ.
މިޒަމާނުގައި ފަސޭހަކަމާއެކު އެތައް ސަތޭކަ ހެކްޓަރުގެ ބިން ހައެއްކަ ދުވަހުގެ ތެރޭގައި ހިއްކުމުގެ ގާބިލުކަން އޮތް އިރު މޫދުން ކީއްކުރަން ހެއްޔެވެ. ކަނޑުންވެސް ގޯތި ދޭންވީ ނޫން ހެއްޔެވެ. ނުހިއްކާ މޫދުން ގޯތި ދިނަސް ރައްޔިތުން މިއަދުވެސް ގޯތި ބޭނުމެވެ. އަމިއްލައަށް ހިއްކަން ވިޔަސް ރައްޔިތުން ބޭނުމީ ގޯއްޗެވެ.
ސަރުކާރުން ގޯތި ހިއްކާ ދޭނެ ކަމުގެ ޔަގީންކަމާއެކު މޫދުން ރައްޔިތުނަށް ގޯތިދޭން ކަނޑައަޅާ އެގޯތީގެ ރަޖިސްޓްރީ ދިނުމަކީ ރައްޔިތުން ބޭނުންވި ގޮތެވެ. އެގޮތްވެސް ބޭނުންވީ ބިން ހިއްކުމަށް ފަހު ރަޖިސްޓްރީގައި އޮތް ގޯތި ލިބޭނެ ކަމުގެ ކަށަވަރުކަން ހޯދުމަށެވެ. ސަރުކާރު ބަދަލުވިޔަސް ބިން ހިއްކުމަށްފަހު އެގޯތި ލިބޭނެކަން ކަށަވަރު ކުރުމަކީ ރައްޔިތުން ބޭނުންވި ގޮތެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުގެ ނިންމުންތައް ބޮލާލާ ޖަހާ ދޭން ހަމަޖައްސާފައި ހުންނަ ގޯތިތައް ފޭރިގަންނާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބޭނުންވީ ނުހިއްކިޔަސް ރަޖިސްޓްރީ އަތަށް ލިބޭށެވެ.
މޫދުއަޑީގައި އޮތީ ބިމެއް ނޫންހެއްޔެވެ. ނުހިއްކިޔަސް މޫދުން ބިން ދިނުމުން މޫދުގައި ގެއަޅައިގެން އުޅެވެންވެސް މި ޒަމާނުގައި އެބައޮތެވެ. ނުހިއްކާ ފަޅުފަޅުން ގޯތި ދިނުމުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަނީ ހިސާބަށް ވުރެ ބޮޑަށް ފޭރުމުގެ ވިސްނުން ހުންނާތީއެވެ. ރައްޔިތަކަށް އެއްޗެއް ލިބެން ނޭދޭތީއެވެ. ނިޔަތް ހެޔޮނަމަ ގާނޫނީ ސުވާލު އުފައްދައިގެން ގޯތިނުދީ ވާން އޮތް ގޮތެއް އޮތްތޯއެއް ނުބަލާނެއެވެ. ބަލާނީ ވީހާވެސް އަވަހަކަށް ބިން ހިއްކާ ދީފާ ގޯތި ހަވާލުކޮށް ދެވޭތޯއެވެ.
ރިއަލް އެސްޓޭޓް އުސޫލުން އިމާރާތްތައް ކުރަހާފަ ބިންގާ އެޅުމުގެ ކުރިން 15 ވަނަ ބުރީގައި ހުންނާނެ ކަމަށް ބުނާ އެންމެ ފަހު ފްލެޓްވެސް ވިއްކާ ރަޖިސްޓަރކޮށް ރަޖިސްޓްރީ ވެސް ދެއެވެ. އެކަމަކަށް ގާނޫނީ ހުރަހެއް ނެތެވެ. މި ކަމުގައިވެސް އޮތީ ހަމަ އެ ގަވައިދާ ގާނޫނެވެ.
ކުރީ ސަރުކާރުން ދޭން ކަނޑައަޅާ ރަޖިސްޓްރީ ދޫކޮށްފައި ވާނަމަ ގޯތި ނުދީ ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެއްވެސް މީހެއްގެ ހައްގެއް ގެއްލޭ ގޮތަކަށް ފަހުން ނިންމާ ނިންމުމަކުން ކުރީން ނިންމާފައި އޮތް ނިންމުމެއް ބަދަލެއް ނުކުރެވޭނެއެވެ. ފަހުގެ ނިންމުން ތަންފީޒުވާނީ އޭގެ ފަހުން ކުރާކަން ކަމަށެވެ. ކުރީ ސަރުކާރުން ދޭން ނިންމާ ރަޖިސްޓްރީ ދޫކޮށްފައިވާ ގޯތިތައް ކިތަންމެ ނުދޭން ގަދަފައި ވިއްދިޔަސް ޝަރީއަތުން ވެސް ރަޖިސްޓްރީގައިވާ ގޯތި ރައްޔިތުމީހާ ހޯދާނެއެވެ. ހޯދޭނެއެވެ.