ވައްޑެއަށް: ނޫސްވެރިންނެއް ނުހުއްޓުވޭނެ!
އަތްއަޅައިގެން ފޮރުވޭނީ އަތްތިލައިގެ ބޮޑުމިން
އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ވަހީދު ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްތަކާއި ނޫސްވެރިންނާ ޖައްސަލައިގެން އުޅުއްވަނީ ކޮންކަމެއް ހާސިލު ކުރައްވަން ކަމަށް ހެއްޔެވެ. ރާއްޖޭގެ ނޫސްވެރިކަން މަރާލަން ތިޔަ އުޅުއްވަނީ ނޫސްތައް ބޭނުން ކުރައްވައިގެން ރައީސް ނަޝީދު އަނބުރާ ވެރިކަމަށް ގެނެވޭނެ ކަމަށް ހެއްޔެވެ. ނޫސްވެރިން ހަގީގަތް ހާމަކުރާތީ ތިޔަހާ ވަރަށް ނޫސްވެރިނާއި ނޫސްތަކާ ޖައްސާލެއްވިޔަސް މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށް ނުދޭކަމަކަށް ނުވާނެއެވެ.
ރައްޔިތުންގެ މަސްލަހަތު ހުރި ގިނަ ރަނގަޅު ކަންތައްތަކެއް ސަރުކާރުން ކުރަންޏާ ނޫސްވެރިން އެވާހަކަ ގެނެސް ދޭނެއެވެ. ވެރިކަމުގެ މަސްތުގައި ވާދަވެރިން ފަތުރާހާ ފިތުނަވެރި ވާހަކައެއް ހުރިހާ ނޫސް ތަކަކުން ވާދަވެރިން ބޭނުން ވާހާ ގޮތަކަށް ގެނެސް ނުދީފާނެއެވެ. އެއީ ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. ސަރުކާރުގެ މައްސަލައެއްވެސް ނޫނެވެ. އެކަން އެގޮތަށް ކޮށް ދޭނެ ނޫސްވެރިން ވެސް ތިބޭނެއެވެ. އެކަމަކު އަމިއްލަ ގައިގާ ރޯކޮށްލަން ދަރު އެއްކޮށްދޭނީ މޮޔައެކެވެ.
އެކި ނޫސްތަކުން މަސައްކަތް ކުރާނީ އެކި އެޑިޓޯރިއަލް ޕޮލިސީއަށެވެ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރޭ ގޮވާނެގީވެސް ވައްޑެމެންނެވެ. ރައީސް މައުމޫނާއި އެއްކޮޅަށާއި ރައީސް ޔާމީނާ ދެކޮޅަށް ނޫސްތައް އެބިއުޒް ކުރީވެސް ވައްޑެމެންނެވެ. ކޮއިމަލާ އާއި ހަމަރޯޅި އާއި ފެކްޓް މޯލްޑިވްސް ދުށީމުއެވެ. އެކިއެކި ސިޔާސީ މަސްލަހަތުގައި ނޫސް އެޖެންސީ ތަކަށް އޮއްގަލާއި އަލިފާނުން ހަމަލާ ދިނުމުގެ ސަބަބު މެދުވެރި ކުރުވީ ވެސް ވައްޑެމެނެވެ. މިއަދު މާބޮޑަށް މާޒީގައި އަތްއަޅަން އުޅުނަސް އަތްއަޅައިގެން ފޮރުވޭނީ އަތްތިލައިގެ ބޮޑު މިނެވެ.
ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ރަނގަޅު ކަންކަމުގެ ވާހަކަ ނޫސް ތަކުން ގެނެސް ދޭތީ މޭނުބައި ކޮށްގެން އުޅޭނެ ކަމެއް ނެތެވެ. ކައިރި މާޒީގެ ފަތްފުށް ތަކުގައި ވައްޑޭމެންގެ އަމަލާއި ބަސް މަގު ހުރިގޮތް އެހެރީ ފެންނާށެވެ. މި ވެެރިކަމުގައި މަޖިލީހަށް ދޮން ކުރިއިރު ކުޅަހާ ތައުރީފާއި ވައްޑެ ބުނާ ދަރަނިވެރި ފެނަކައިން އުނގޫފާރުގެ ކަރަންޓް ދިނުމާ ހަވާލުވުމުން ހުސްވި އަހަރު އެތާ ވައްޑެ ހުރެ ކުރި ތައުރީފާ ކީހާ ސަނާ އެ ހުރީ ފެންނާށެވެ. އަޑުއެހި މީހުން ވެސް އެ ތިބީއެވެ. ނަޝީދަށް ވެރިކަން ހޯދާދޭން ޖެހުނީމާ ކުރިން ކުރިހާ ކަމާއި ދެއްކިހާ ވާހަކަ ތިޔަ ހަރަ ކުރަނީ ކެންސަލެވެ. އެކަމަކު ރައްޔިތުން އެ ވާހަކަ ތަކާއި ކަންކަމެއް ކެންސަލެއް ނުކުރެއެވެ.
ވައްޑެމެންގެ ވިސްނުމާ ދެކޮޅު ވާހަކައެއް ލިޔާ ނޫހަކަށް ހަބަރެއް ގެނެސްދޭ ޗެނަލަކަށް ބަޔަކު އިސްތިހާރެއް ދިނަސް ސްޕޮންސަރއެއް ދިނަސް އެދެން ކަންތަކާ ޖެހުނީއެވެ. އަމިއްލަ ވިޔަފާރިއަކުން އެފަދަ ނޫހަކަށް ސްޕޮންސަރއެއް އިސްތިހާރެއް ދިނަސް އެ ބައަކަށް ވިޔާފާރި ނުކުރެވޭ ވަރަށް އުދަގޫކޮށް އެ ބައެއްގެ ޒަމާން ދުއްވާލައެވެ. ހަދާނަށް އަންނަ އެންމެ ވާހަކައެއް ބުނެލާނަމެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔާފާރިކުރާ ބީއެޗްއެމް ބޮއިކޮޓް ކުރުމަށް ގޮވާލާ މުޒާހަރާ ކުރީ ފިކުރެއްގެ ދިރުމުގައި އިސްކޮށް ތިޔަ އުޅޭ މީހުން އިސްވެ ތިބެއެވެ. އޭރުއޮތް ސަރުކާރަށް ތާއީދުކޮށް އެ ތަނުން ފަންޑް ކުރާ ކަމަށް ބުނެއެވެ. ރާއްޖޭގެ ޓޫރިޒަމްގެ ޓައިކޫނުން ތަކަކާއި އަޅައިގަނެގެން އެ މީހުންގެ ދުވަސް ދުއްވާލަން ފުޅާދާއިރާއެއްގައި މުޅި ދުނިޔޭގައި ކެންޕޭން ޖެއްސީ ވެސް ފިކުރެއްގެ ދިރުމުގެ ތިޔަ ބައިގަނޑު އިސްވެ އޮވެއެވެ.
ރައްޔިތުން އިންތިހާބު ކުރީމާ މަޖިލީހަށް ވަދެ ތިބޭއިރު ސަރުކާރުން ރަށްރަށުގައި އިންޖީނުގެ އަޅާ ޒަމާނީ ފެންވަރަށް ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ ވަކީލު ތިޔަ އުފުލަނީ އަޑެވެ. ރަށްރަށުގެ ފެނާ ނަރުދަމާ އަޅާ ރައްޔިތުންނަށް ލުއިފަސޭހަ ހޯދާދޭތީ ތިޔަ ހަދަނީ ދެކޮޅެވެ. ބަނދަރުތައް ހަދާ އާރުޓިއެލް ފެރީ ނިޒާމް ގާއިމުކޮށް ހަދާތީ ހަޖަމް ނުވެ ރައްޔިތުންނަށް ތިޔަ ކުރަނީ ފުރައްސާރައެވެ. މަގުތައްހަދާ ސްކޫލްތަކާއި ކުޅޭބިންތައް ހަދާ ރަށްރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރާތީ ރައްޔިތުންނަށް އެކަންކަން ވިޔަނުދޭން ތިޔަ ވިއްދަނީ ފައެވެ. ހިލޭ ޑިގްރީ ތައާރަފްކޮށް އާސަންދައިން ރައްޔިތުން ބޭސްކުރެވޭތީ ތިޔަ ކުރަނީ މަލާމާތެވެ. މުއައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތް ރައްޔިތުންނަށް ވާތީ ބޭނުން ތިޔަ ވަނީ ހުއްޓުވާށެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރާ ރަގަޅު ކަންކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާ ނޫސްތައް ވެސް ވައްޑެމެން ބޭނުން ތިޔަ ވަނީ ހުއްޓުވާށެވެ. އިއްޔެ ވައްޑެމެންނަށް ފުރައްސާރަކުރި ވަގުން ހިންގާ ވެލިރާޅުފަށް ވެސް ވައްޑެމެނަށް މިހާރު މާކަމުދެއެވެ. ސަރުކާރު ކުންފުނިތަކާއި ސިޔާސީ މަގާމުތަކުގައި ތިބެގެން ފިކުރެއްގެ ދިރުމަށް މަސައްކަތް ކޮށްދޭ ކޮންމެ މީހަކު އެ ކަނީ ވައްޑެމެންގެ ނަޒަރުގައި ހަލާލު ފައިސާއެވެ.
ސަރުކާރުގެ ވެރިއަކު ރައްޔިތުންގެ ހިދުމަތުގައި ދަތުރެއް ކުރިޔަސް ވައްޑެމެންގެ ދެފައި ކައިރިއެއް ނުވެއެވެ. ބަނގުރޫޓާއި ދަރަނީގެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުކޮށް ހިދުމަތްތެރި ސަރުކާރަކަށް ރައްޔިތުން ކުރާ އިތުބާރުކަނޑުވާލަން ދައުލަތުން މުސާރަކައިގެން ރައްޔިތުންނަށް ފުސާރަކުރަން މުސާރަދީފައި ތިބި ބައެއް ކަހަލައެވެ. ގޯސްކޮށް ކަމެއް ހިނގާނަމަ އެކަން ރަނގަޅު ކުރެވޭ ހިސާބުގައި ތިބެ ކަންކަން ގަސްތުގައި ގޯހުން ގޯހަށް ދުއްވާލުންނޫން ކަމެއް ވައްޑެމެން ނުކުރެއެވެ. ވަކި މީހަކަށް ވެރިކަން އޮވެގެންނޫނީ އެއްވެސް ކަމެއް ރަނގަޅަށް ކުރަން އުޅުމުގެ ވިސްނުން ދޫކޮށް ވަކި މީހަކަށް ވަފާތެރިވެ ރައްޔިތުންނަށް ހަރާން ކޯރުވާން ތިބެ ބޮޑު މުސާރަ ނެނގުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމެއް ވައްޑެއަކަށް ވެސް ނޭގެއެވެ. ވައްޑެމެނަށް ކޮރަޕްޝަނަށް ވެސް ހިޔާނާތަށްވެސް ފަސާދައަށްވެސް ދަރަންޏަށްވެސް ވަނީ ރާއްޖޭގެ ގިނަ ނޫސްތަކެއް ހައްގު ހަލާލުގޮތުގައި ކުރާ މަސައްކަތުން ހޯދާ އިސްތިހާރާއި ސްޕޮންސަރއެވެ. މިއަދު ނޫސްވެރިކަން ކުރިއަރާ ހައްގުބަސް ބުނާތީ ނޫސްވެރިކަން ފުޑުފުޑުކޮށްލަން ވައްޑެމެން ތިޔަ ކުރާ މަސައްކަތުން ހަލާކުވެ ދާނީ ވައްޑެމެންނެވެ. ނޫސްވެރިކަން އޮންނާނެއެވެ.