ކޮންމެ ކޯލިޝަނެއް ރޫޅުމުގެ ސަބަބަކީ ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީއަކީ ވިލާ ކުންފުނީގެ ސިޔާސީ ވިންގް
އަންތަރީސް ވާވަރުގެ ކަމެކެވެ. ރިޔާސީ އިންތިހާބަށް ދޮންކުރީމާ ހޭލާ މޯޅިއަކަށް ދެމިލާ ދައުލަތް ލޫޓުވާލަން އަޅާ ކަނދު ފައްޗެއްގައި ތިބޭނީ ކޮން މެންބަރުންނެއް ހެއްޔެވެ. ދެބައިންބައިވެ ބޭނުން ކެނޑިގެން އެހެން ޕާޓީތަކުން ބާކީވާ ކުނިބުނި އެއްކޮށްގެން ޕާޓީއެކޭ ކިޔައިގެން އުޅުނަސް ޖުމުހޫރީ ޕާޓީ އަކީ ޕާޓީއެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ކުރީސަފަށް ބަލައިލުމުން އެތާތިބީ ކީއްކުރި ކޮންބައެއްކަން ވަރަށް ސާފެވެ.
ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ ޕާޓިއެއްގެ ގޮތުގައި ހަރަކާތްތެރި ކަމެއް ނެތި ސަރުކާރުން ބައި އަޅައިގެން ކައިރިއަށް ބޮޑު ކުރުން ނޫންކަމެއް ޖޫމްހޫރީ ލީޑަރަަށް ކުރެވޭހެއްޔެވެ. ކުރުކޮށް ބުނަންޏާ ޖުމްހޫރީ ޕާޓީއަކީ ވިލާ ކުންފުނީގެ ސިޔާސީ ވިންގެވެ. އެވިންގުން ކުރާހާ ކަމަކީވެސް ވިލާ ގްރޫޕަށް ވިޔަފާރި ހޯދުމެވެ. އެވިޔަފާރި ހޯދުމަށްޓަކައި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ގަދަ ދޭކަށް ނުގޮސް ގަދަވާ ފަޅިއަކަށް އަރާ ކުޅަދު ހަމަ ކޮށްލައިގެން ދައުލަތުން ބޮޑުބައެއް ނަގައިގެން ވިލާގެ ވިޔާފާރި ފުޅާކުރެއެވެ.
ވިލާގެ ވިޔާފާރި މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއްހެން އަތްދަށު ލައެވެ. 2008 ގައިވެސް 2013 ގައިވެސް ކަންތައް ކުރީ އެހެނެވެ. ރައީސް ނަޝީދާ ރައީސް ޔާމީނުގެ ހިޔަޅުކަން ބޮޑު ކަމުން މާގިނަ ވަންނި ވަންނިއެއް ނުޖެއްސުނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ ޑރ. ވަހީދު ކޮނޑަށް ސަވާރު ވެގެން ލައްކަ މޮޅު އެޅިއެވެ. އެޅި މޮޅުގައި ނިކަން ރަނގަޅަށް ކަޅާކޮށްލިއެވެ. އުސޫލުން ބޭރުން ދައުލަތަށް ބުރައަކަށް ވާނޭހެން ބިންތަކާ ފަޅުތަކާ ހޯދާ އެއްބަސްވުމާ އެއްގޮތަށް އެ ތަންތަން ތަރައްގީ ނުކޮށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނެގުނުހާ އެޑްވާންޓޭޖެއް ނެގިއެވެ.
ސަރުކާރު ތެރޭގައި ކަންކުރަން ތިބި މީހުންނަކީ ވިލާގެ އެޖެންޓުންނަށް ހަދާ އެމީހުން ލައްވާ ދައުލަތަށް ގެއްލުން ވާގޮތަށް އެގްރިމަންޓްތައް ހައްދާ ދައުލަތުން އަޅާ އިސްލާހީ ކޮންމެ ފިޔަވަޅަކުން އަތްގުޅި ނުކާވަރު ބަދަލެއް ދައުލަތުން ވިލާއަށް ދޭންޖެހޭ ގޮތަށް ކަންކަން ކުރީ އެނގި ހުރެއެވެ. ވިލާގެ ވިޔާފާރިއަށް ނަފާވެރި ގޮތް ގޮތަށެވެ. ދުވަހަކު ވެސް ދިވެހި ދައުލަތް ވިލާގެ އަތްދަށުން ސަލާމަތް ނުވެވޭ ގޮތަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ބާތިލު ކުރެވުނު އެގްރިމަންޓް ތަކުން އެކަން އެހެރީ ސާފުކޮށް ފެންނާށެވެ. ސަރުކާރުން ވިލާއަށް އަދުލުވެރި ބަދަލު ދިނުން ނޫން ކަމެއް ނުކުރެވޭ ވަރަށް ދައުލަތް އޮތީ ކުރިއްސުރެ ވިލާގެ މުށުތެރޭގައި ގައިދުކޮށްފައެވެ.
2018 ގައި ޔާމީނު ނޫން ގޮތެއް ހޯދަން ދިވެހި ރައްޔިތުން ކުރި ދަތުރުގައި މިހާރު މި އޮތްވެރިކަން ގެނައުމަށް ޖުމްހުރީ ލީޑަރުގެ މުދަލާ ފައިސާ އިންވެސްޓްކުރީ ދެ ސަބަބަކަށްޓަކައެވެ. ޖުމްހޫރީ ލީޑަރާއި އެ ލީޑަރުގެ ދަރި ޖަލުގެ ތޭރިތަކުގެ ބިއްދަށުން ނިކުތުމަށާއި ވިލާގެ ވިޔަފާރީގެ ކުރި މަގަށްޓަކައެވެ. ވިލާގެ ސިޔާސީ ވިންގުން މި ސަރުކާރުގެ މައްޗަށް އަތް ގަދަކޮށްފައި އޮތީ ބޯވައެއް ހަކި ހިއްޕާލާ ފަދަ ގޮތަކަށެވެ. މަސްލަހަތު ހުރި ހުރިހާ މިނިސްޓްރީއަކާއި މުއައްސަސާއެއްގެ މައްޗަށް ޖުމްހޫރީން އޮތީ ސަވާރުވެއެވެ.
ކަނޑާ އެއްގަމާ ވައިގެ ދަތުރުން ވިޔާފާރި ތަންމިނަށް ކުރާ ވިލާ ގްރޫޕްގެ އިސްވެރިޔާގެ އަނބިމީހާއަކީ ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން ވަޒީރަކަށް ހުރެ ކަންކަން ހިންގާނެ ގޮތް އޮތީ ހިތައް އަރުވާލުމެވެ. ރިސޯޓު ވިޔަފާރީގައި އެންމެ ގިނަ އެނދު ގެންގުޅޭ ވިލާ ގްރޫޕްގެ ސިޔާސީ ވިންގަށް ޓޫރިޒަމް މިނިސްޓަރުކަން އޮތުމުން ވާނެގޮތުގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ. ދަނޑުވެރިކަމާ މަސްވެރިކަމުގެ ވިޔަފާރީގައި ވާދަވެރި ވިލާ ކުންފުންޏަށް މަސްވެރިކަމާ ދަނޑުވެރިކަމުގެ ވަޒީރުކަން އޮތީމާ ދެން ވާނެގޮތް ހިތައް އަރުވަލާށެވެ. މިހެން ކިޔަނެ ކަމެއްނެތެވެ.
ދައުލަތުން ނެގުނުހާ ނަފާއެއް ހައްގުންނާއި ނުހައްގުން ހޯދަމުން އެއްބަސްވި ގޮތަށް ސްލޮޓްތައް ނުދޭ ވާހަކަ ދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅޭނެ ކަމަށް ހެއްޔެވެ. ފެމުނު މިޔަރުގެ އަނގަޔަށް ކަނޑު ކަހަލާހެން ދައުލަތް އެކީ ނުލިބެންޏާ އެއްޗެއް ލިބުން ކަމަކަށް ނުވާނެއެވެ.
ހެޔޮވިސްނި ވާނުވާ ސާފު ވީވީހެން ސްލޮޓް ތަކުގައި ތިބި މީހުން ކީއްކުރަން ހެއްޔެވެ. ކައިރީގައި ތިބި މީހުންވެސް ޖުމްހޫރީ ދޫކޮށް ބަޗާނެއެވެ. ކޮންމެ ކޯލިޝަނެއް ހަލާކުވުމުގެ ރޫޅުމުގެ ސަބަބަކީ ޖުމްހޫރީ ޕާޓީއެވެ. އެމީހުންގެ އަމިއްލަ އެދުމެވެ. ވިލާ ގްރޫޕްގެ ސިޔާސީ ވިންގ ޖުމްހޫރީ ޕާޓީގައި އޮތް ވިޔަފާރި މަސްލަހަތެވެ.
އާނއެކެވެ. ރިޔާސީ އިންތިހާބަށް ދޮންކުރަން ދެން ޖުމްހޫރީ ކޯލިޝަނުގައި އޮންނާނެއެވެ. ސަރުކާރުން ނެނގުނުހާ ފައިދާއެއް ނަގާ ފުރިއަރަންދެން ކުކުރާވެސް ނުލާނެއެވެ. އެޅިހާ ބަތަކަށް ރިހަވާނެއެވެ. ރިޔާސީ އިންތިހާބު ބޯމަތިވުމުން ހިފި ނުހުރެގެން ތެޅިފޮޅެގަނެއެވެ. ކޮޅުމައްޔަލަށް އެހެލާފާ ދޯންޏެއް ހުއްޓަސް ކޮޅާ މަދަން އަޅާ ބާލައިގެން ޖުމްހޫރީން ކަނޑު ދުވަން ނިކުންނާނެއެވެ. ކޯމަހު ކުރި އައިނެއް ތިލަވޭތޯ ޖުމްހުރީން މަރުފަލި ޖަހަން ފަށައެވެ.