ނަޝީދު ދައްކަން އުޅެނީ މައުމޫނު ދައްކާފަ އޮތް ފިލްމެއް

ރިޓަޔަރ ކުރުމުގެ ފުރަތަމަ އުމުރުފުރާގައި ރިޓަޔަރވުން

ނަޝީދު ދައްކަން އުޅެނީ މައުމޫނު ދައްކާފަ އޮތް ފިލްމެއް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހަންމަދު  ނަޝީދުގެ 56 ވަނަ އުފަންދުވަހުގެ ހެޔޮއެދުމާ ތަހްނިޔާ ދަންނަވަމެވެ.

އުމުރުން 55 އަހަރުވުމަކީ ސިޔާަަސީ ލީޑަރެއްގެ ގޮތުގައި ހަމަ އެންމެ ރަނގަޅު ޢުމުރެެކެވެ. ސިޔާސީ ގޮތުން މަގްބޫލްވެ މެދުއުޑުގައި ފިޔަޖަހަން ފަށަން އެންމެ ރަނގަޅު ދުވަސްވަރެވެ. ނަމަވެސް ރައީސް ނަޝީދުގެ 56 ވަނަ އުފަންދުވަހުގެ ހަދިޔާއިން ފެނިގެންދަނީ ހުސްކަމާ މާޔޫސްކަމާ އެކަނިވެރި ކަމާ ބާކީ ވުމެވެ. ފަނޑުވުމާ ކަނިވުމާ ނިވެމުންދާ ދިއުމެވެ. ރިޓަޔަރ ކުރުމުގެ ފުރަތަމަ އުމުރުފުރާގައި ރިޓަޔަރވުމެވެ.

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއަކީ އެމްޑީޕީއެވެ. އެޕާޓީގެ ރައީސަކީ އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ ވެސް ރައީސް ނަޝީދެވެ. އެ މަނިކުފާނާ އެކުއުޅުއްވާ އަރިސް ގިނަ މަޖިލިސް މެމްބަރުން ތަކެއް އެމަނިކުފާނު ރައީސްކަން ކުރައްވާ ސިޔާސީ ޕާޓީން ވަކިވުމަކީ ލިބިވަޑައިގަތް އުފަންދުވަހުގެ ހަދިޔާ އެކޭ ނުވަތަ ސިޔާސީ ގޮތުން ހޯއްދެވި ކާމިޔާބީ އެކޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. މި ކަމުން ދޭހަވަނީ ކުރިންވެސް ބުނިހެން އެކަނިވެރިވުމާ ބާކީ ވުމާ ގޮތް ހުސްވުމާ ގޮތްދޫނުކުރުން އެކަންޏެވެ.

ޑިމޮކްރަސީގައި އޮންނަނީ ބަލިވާ މީހާ މޮޅުވާ މީހާ ފަހަތަށް އެރުމޭ، އެކުގައި ކުރިއަށް ގޮސް އިންތިޚާބްތައް ކާމިޔާބު ކުރުމޭ އެންމެ ހަރުއަޑުން ވިދާޅުވި ބޭފުޅުންނަށް ބަލި ގަބޫލު ނުކުރެވިގެން އުޅޭ މަންޒަރު ފެނުމުން އެމްޑީޕީ އާއި ވާދަވެރި ފަރާތްތަށް އުފާ ކުރާނެއެވެ. ނަމަވެސް އެއީ އެމްޑީޕީ މެމްބަރުން ދެރަވެ ލަދުގަންނާނެ ކަމެކެވެ.  

ހުރިހާ ދުވަހު ތިމާމެން އިތުބާރުކޮށް ފަހަތުން ހިނގި ސިޔާސީ ބޮޑުން އަޅާހާ ގޯޅިއެއް އަޅާ ދާހާ ކައްޗާ އެއްގައި އެ މީހުން ޖައްސާ ހައްލާ ވާވައްދަން އުޅެނީ ކަން އެ މީހުންނަށް އެނގުނީމާ އެހުރީ ލަދުހުތުރު ކަންކަމެވެ.

އަޖައިބެކެވެ. ރައީސް ނަޝީދު ނޫން ބޭފުޅަަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުވީމާ އުޑު ބޮލަށް ވެއްޓެނީ ހެއްޔެވެ؟ އިމްތިޔާޒު ފަހުމީއަށް ޗެއަރޕާސަންކަން ނުލިބުނީމާ ބިންގަނޑު ހެލިގަތީ ހެއްޔެވެ؟

ދުނިޔޭގައި އުޅޭއިރު އަބަދު ވާނީ ހިތްއެދޭހާ ގޮތެއް ނޫނެވެ. ރޭގައި ކުރަން ހިތުލީ އެތައް ކަމެއް އަނެއްރޭ ނިދަން އޮށޯންނަ އިރުވެސް ނުވެ ތޮޅިއަށް ދިއުމަކީ ދުނިޔެ ހިނގާ ގޮތެވެ. މިހުރިހާ ކަމަކަށް ރުހި ރީތި ގޮތުގައި އުޅެން ނޭނގިއްޖެ ކޮންމެ މީހަކު ދާނީ އެކަހެރިވެ ބާކީ ވަމުންނެވެ. 

ދިވެހިންނަށް މިންވަރު ކުރައްވާފައި އޮތް ގޮތަކީ އަބަދާ އަބަދު ޒުވާބާ ޖަދަލުކޮށް ހަލަބޮލިވެ ހައިޖާނުގައި އުމުރު ހުސްކުރުން ނޫންކަން މިހާރު ދިވެހިންނަށް ވެސް އެނގޭނެއެވެ.

ވާކަމެއް ވަމުން ނުވާކަމެއް ނުވަމުން ، އިއްޔެވީ ގޯސް މާދަމާ ރަނގަޅު ވުމުގެ އުންމީދުގައި ކުރިއަށް ދިއުމަކީ ގިނަ ބަޔަކަށް ކަމުދާ ގޮތެވެ. 

އެތައް ވައްތަރެއްގެ ޚިޔާލު ތަފާތުވުމާއި ސިޔާސީ ކޯޅުމާހުރެ މިހާތަނަށް އުފެއްދި ހުރިހާ ކޯލިޝަނެއް ދުވަސް ނުފުރާ ބައިގެން ދިޔައެވެ. ކޯލިޝަން ހަދާ އެކިފަހަރު އެކި ގޮތަށް ބައި ބަދަލު ކުރަން އަބަދުވެސް ތިބެނީ އެއް ބައެެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހަކީ ރާއްޖޭގެ ހަމަ ޖެހުމަށްޓަކާ މިހާތަނަށް އެންމެންނާ އެކު މަސައްކަތް ކުރެއްވުމުގެ ރޫޙު ކުރިއަށް ނެރުއްވި ރައީސެވެ. އެ މަނިކުފާނު އެގޮތުގައި ހުންނެވި ނަމަވެސް ދެންތިބި މީހުން ކެތް ނުވެގެން ތެޅިފޮޅޭ މަންޒަރު ހައްތާ ބޮޑަށް މިދަނީ ފެންނަމުންނެވެ.

ފިކުރެއްގެ ދިރުމުން ވަކި ޕާޓީއެއް ހަދައިގެން ދިވެހިރާއްޖެއަށް ވާނެ ރަނގަޅެއް ނެތެވެ. ރައީސް މައުމޫން އެމްއާރުއެމް ހައްދަވައިގެން ވީ މޮޅެއް ނުފެނެއެވެ. މައުމޫނު ރިފޯމްވެ ވަޑައިގަތްތަނެއް ވެސް ކުޑަމިނުން ނުފެނުނެވެ. 

ރާއްޖޭގެ ސިޔާސީ ބޮޑު ދެފިކުރަށް މިވީ އެއްވެސް ދިރުމެއް ނެތް، ހަމަ އެެއް ގޮތެކެވެ. ވެރިކަމާ ހުރެ ޕާޓީ ގުރްބާން ކޮށް ވަކިވެ ގަންނަނީއެވެ. ރައީސް މައުމޫނާ ރައީސް ނަޝީދުގެ ފުށުން ދިވެހިންނަށް މިފެނުނީ ދެއިސްކިރީނުގައި އަޅުވާފައިވާ އެއް ފިލްމެވެ.