ގާނޫނާ ހިލާފުވެގެން އުސޫލު އޮވާލި މީހުން ގާސިމަށް ބަދަލުދޭ ގާނޫނުކޮބާ!

ގާނޫނާ ހިލާފުވެގެން އުސޫލު އޮވާލި މީހުން ގާސިމަށް ބަދަލުދޭ ގާނޫނުކޮބާ!

ސަރުކާރުން ކުރާ ގައިރު ޒިންމާދާރު ކަންކަމުގެ ސަބަބުން މީހުނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައި އެބަހުއްޓެވެ. ގެއްލުމުގެ ބަދަލު ހޯދަން ކޯޓުތަކަށް އެތައް ބަޔަކުވަދެ ދައުލަތުން ބޮޑެތި އަދަދުން ގެއްލުމުގެ ބަދަލު ހޯދާފައި އެބަހުއްޓެވެ. ނަތީޖާއެއްގެ ގޮތުން ދާންނުޖެހޭ އެތަން މިލިޔަން ރުފިޔާއެއް ދައުލަތުން ގެއްލިގެން ގޮސްފައި އެބަހުއްޓެވެ. 

ދައުލަތުން އާއްމު ގޮތެއްގައި ގެއްލުމުގެ ބަދަލު ދޭންޖެހެނީ ދެހާލަތެއް އުފަން ކުރުވުމުންނެވެ. އެއްހާލަކީ ދައުލަތުން ބަދަލު ހޯދުމުގެ ނިޔަތުގައި ރާވައިގެން ބަދަލު ދިނިމުގެ ހާލަތު އުފަންކުރުވުމެވެ. އަނެއް ހާލަތަކީ ރަނގަޅަށް ހިނގަ ހިނގާ ހުންނަ ކަންކަން ސަރުކާރު ހިންގަން ތިބޭ ބަޔަކު ހަމައެއް ލަމައެއް ނުބަލާ ސިޔާސީ ނުވަތަ ޒާތީ މަސްލަހަތުގައި ބަދަލު ދިނުމުގެ ހާލަތު އުފަން ކުރުވުމެވެ. އޭގެ އެންމެ ވަރުގަދަ އެއް މިސާލަކީ އެއަރޕޯޓް ހިންގުން ޖީއެމްއާރުން ވަކިކުރި ވަކިކުރުމެވެ. އުފެދުމުގައި ވެސް ބާތިލު އެއްޗަކަށް ހަދައިގެން އެގްރީމެންޓް ބާތިލުކޮށްލުމުން 271 މިލިޔަން ޑޮލަރ ދިވެހި ދައުލަތުން ޖީއެމްއާރަށް ދޭންޖެހުމެވެ. 

ޖީއެމްއާރު މައްސަލަ ނޫނަސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި ބޮޑެތި އަދަދުގެ ފައިސާއާއި ހަރުމުދާ ދައުލަތަށް ގެއްލިގެން ގޮސްފައިވަނީ މަދެއް ސުމާރެއްކޮށް ނޫނެވެ. ސަރުކާރާއި އެކިފަރާތްތަކާއެކު އެއްބަސްވުންތައް ހަދަނީ ދުވަސްކޮޅަކުން އެގްރިމަންޓް ބާތިލުކޮށްލައިގެން ދައުލަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ނިޔަތުގައި ކަމަށް ވުމުން ދައުލަތް ލޫޓުވާލާކަށް މާއުނދަގުލެއް ނުވާނެއެވެ.

ރައީސް ނަޝީދުވެރިކަމުން ވައްޓާލާ އެވެރިކަމުގައި އެކިއެކި ތަރައްގީގެ މަޝްރޫއު ހިންގުމަށާޢި ދަތުރުފަތުރު ސްކީމް ފަދަ ކަންކަން ކުރުމަށް ކޮށްފައިވާ އެތައް އެއްބަސްވުވުމެއް ޔާމީނު އިސްވެހުރެ ވަހީދުގެ ބަގަވީ ސަރުކާރުން ބާތިލުކުރިއެވެ. ގާނޫނީ ހަމައެއް އުސޫލަކަށް ބެލުމެއްނެތި ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުގައެވެ. 

ޔާމީނާއި އާޒިމާ ޝުކޫރު އިސްވެތިބެ ވަހީދުގެ ބަގަވީ ސަރުކާރުން އަމަލުކުރި ގޮތުން އެތައް ބަޔަކަށް އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް އެތައް ޒަމާނެއް ވަންދެން ލިބެމުން ދިޔައެވެ. އެކަންކަމުން އެކިފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމަކީ ސަރުކާރަށް ބަރީއަ ވެވެން ނެތް ހިތި ހަގީގަތެކެވެ. އެކި މަރުހަލާގެ ކޯޓުތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފިތްކަނޑައިގެން ދާވަރުގެ ބަދަލު ހޯދަން ދައުވާކޮށްގެން ނެރޭ ގިނަ ކޯޓު ހުކުމްތަކާ އެއްގޮތަށް ބަދަލު ދިނުމަކީ ސަރުކާރަށް ކުޅަދާނަ ވަރަކަށް ނުވެއެވެ. 

ބަދަލު ހިފުމުގެ ގޮތުންނާއި އުސޫލުން ބޭރުން އިންތިޒާމުވެގެން ބަދަލު ދޭންޖެހޭ ހާލަތު އުފަންކުރުވި ޑރ. ވަހީދާއި ޔާމީނާއި އާޒިމާ ޝުކޫރު ފަދަ އެތައް ބަޔަކަށް ޖެހޭ އޮޔެއް ވަޔެއްނެތެވެ. ތިމާމެންގެ ޒާތީ ޖަޒުބާތުގައި ދައުލަތަށް ފޫ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ދީފައި އެތިބެނީ ހެވިދިލިފައެވެ. ރަނގަޅަށް ހިނގާ ދައުލަތެއް އޮތްނަމަ ދިންގެއްލުމާ ބައްދަލު ބަދަލެއް އެމީހުންގެ ކިބައިން ދައުލަތަށް ހިﷲަނެއެވެ.

އެހެން ކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ވީހާވެސް ކުޑަމިންވަރެއް އެއް އުސޫލަކުން ދެވެން އޮތް ގޮތެއް ހޯދައިގެން ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމެއް ރައީސް ސޯލިހު ތައާރަލްކުރިއެވެ. ސެތްލްމަންޓް އުސޫލެއް އެކުލަވާލާ ސެޓްމަންޓް ކޮމިޓީއެއް އުފައްދާ ބަދަލު ދިނުމުގެ މައްސަލަތައް އުފުލޭވަރުގެ ތަކުލީފަކަށް ބަދަލުކުރިއެވެ. އެހެނީ ބައެއްގެ އިހުމާލުން ދައުލަތުގެ ނަމުގައި ކުރާކަމަކުން ސަރުކާރަށް ބަރީއަ ނުވެވޭނެ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. 

ރައީސް މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ރައީސް ސޯލިހު އުފެއްދެވި ސެޓްލްމެންޓް ކޮމިޓީއާއި ސެޓްމަންޓް އުސޫލު ގާނޫނާ ހިލާފުކަމަށް ބުނެ އުވާލުމެވެ. ގާނޫނާއި ހިލާފްކަމަށް ބުނެ ސެޓްލްމެންޓް ކޮމިޓީއާއި ސެޓްމަންޓް އުސޫލު އުވާލި މީހުން ގާސިމަށް 18 މިލިޔަން ޑޮލަރ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިނީ ކޮން ގާނޫނަކުން ހެއްޔެވެ.