އިސްތިއުފާ ދީފާ ގެއަށް ކަނޑާލާ!
އިތުބާރު ނެތްކަމަށް ނިންމާ ރިޔާސަތުން ތިރިގޮނޑިއަށް ވައްޓާލަ ފާނެ!
ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރެއްވި 12 މެންބަރަކު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ޕާޓީ އޮފީހަށް ފޮނުއްވެވި ސިޓީގައި ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ކުރިފުޅު މަތީގައެވެ. އެ މަނިކުފާނުގެ މޭޒުކޮޅު މަތީގައެވެ. އެ 12 މެންބަރުން އެމްޑީޕީން ވަކިވެ ވަޑައިގެންފިކަން އިއްޔެވަނީ ނޫސްކޮންފަރެންސެއް ބާއްވަވާ އާއްމުކޮށް އެ ބޭފުޅުން އަމިއްލަފުޅަށް އިއުލާނު ކުރައްވާފައެވެ. އެމްޑީޕީގެ ސެކެރެޓެރިއޭޓުން ވެސް އެކަންވަނީ ކަށަވަރު ކޮށްދީފައެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްއަށް އެމްޑީޕީން ރަސްމީކޮށް ވަނީ އަންގަވާފައެވެ.
އެހެންނަމަވެސް އެމްޑީޕީގެ 12 މެންބަރަކު އެ ޕާޓީން ވަކިވެ ވަޑައިގަތް ކަމެއް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. މަޖިލިސް ޖަލްސާގެ ބަހުސުގެ ވަގުތުގެ ތެރެއިން އެމްޑީޕީއަށް ކަނޑައެޅިފައިވާ ވަގުތުގެ ބޮޑުބައެއް ރައީސް ނަޝީދު ދެއްވީ އެ ޕާޓީން ވަކިވެވަޑައިގެންފައިވާ މެންބަރުންނަށެވެ. މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. ރިޔާސަތުން ރައީސް ނަޝީދު ދެއްކެވި ހުއްޖަތަކީ އެމްޑީޕީ ވަކިވެ ވަޑައިގެން މެންބަރުން އަމިއްލަފުޅަށް އެކަން މަޖިލީހަށް ނާންގަވާހާ ހިނދަކު އެމްޑީޕީގެ ވަގުތުން ބައެއް އެ ބޭފުޅުންނަށް ދެއްވާނެ ކަމަށެވެ.
އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ ހައްގަށް އަރާވަޑައި ގެންނެވޭނީ އެހާކަށް ވަރަށެވެ. އެމްޑީޕީގެ މެންބަރެއްގެ ކިބައިގައި ހުންނަން ނުޖެހޭނެ ކަމަށް އަސާސީ ގަވައިދު ބުނާ ހުރިހާ ސިފައެއް ރައީސް ނަޝީދުގެ ކިބައިގައި ވެއެވެ. އަމްދުން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރައްވައިގެން ނުވާނެ ހުރިހާ ކަމެއް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގާނޫނީ ތަރަހަ ފަހަނަ އަޅާ ރައީސް ނަޝީދު ހައްދުން ބޭރުވެ ވަޑައިގެންފިއެވެ. އެމްޑީޕީގެ ރައީސް ކަމަކަށް ވެސް ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަކަށް ވެސް މިހާރަކު ރައީސް ނަޝީދު ކުފޫ ހަމައެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުން ރައިސް ނަޝީދު އިސްތިއުފާ ދެއްވުމަށް ވުރެ ރީތި އެއްވެސް ގޮތެއް މިހާރަކު ނެތެވެ. އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމާ ރިޔާސަތުން ތިރިގޮނޑިއަށް ވައްޓާލައްވަންދެން ހުންނެވުމަކީ ހުތުރު ކަމެކެވެ.
އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެ ޕާޓއަށް އެ މަނިކުފާނު ނުދެއްވާ ގެއްލުމެއް ނެތެވެ. ޕާޓީ ބައިބައި ކުރައްވާ ފިކުރެއްގެ ދިރުން އުފައްދަވާ ޕާޓިން މެންބަރުންތަކެއް ޕާޓިން ވަކިކުރެއްވުމުގެ ރޫހު އުފެއްދެވިއެވެ. ޕާޓީގެ މެޖޯރިޓީއަށް އިހުތިރާމް ކުރެއްވުމެއްނެތި ޕާޓީގެ ގައުމީ މަޖިލީހާއި ޕާލަމެންޓްރީ ގުރޫޕާއި ކޮންގްރެސްގެ ނިންމުންތައް ގަބޫލު ނުކުރައްވާ ބޮލާލާ ޖެއްސެވިއެެވެ. ބަލި ގަބޫލު ނުކުރައްވާ އާއްމު މެންބަރުން އިންތިހާބުކުރި ރިޔާސީ ކެންޑިޑޭޓް ބަލައެއް ނުގެންނެވިއެވެ. ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވިޔަ ނުދޭން ކުރެއްވެން އޮތް ހުރިހާކަމެއް ގެންދަވަނީ ފާޅުގައި ކުރައްވަމުންނެވެ. މިވަރު ވީމާވެސް އެ މަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށް ބަލައިގެން މެންބަރުން ތިބެން ވީހެއްޔެވެ.
ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނަވާ ބޭފުޅެއްގެ އަމަލުފުޅު މިހާވަރަށް ހުތުރުވެ ގޮތްފޮތް ނެތުނީމާ ޖެހިވަޑައި ގަންނަވާނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާށެވެ. އިސްތިއުދެއްވާފައި ގެއަށް ވަޑައިގަންނަވާށެވެ. ހުތުރު ގޮތަކަށް ބޭރުކޮށްލުމުގެ ކުރިންނެވެ.