ޑޮމައިން ކްއީން ކޮރަޕްޓްކަމަށް ހެކިދެނީ ގާސިމް
މުދަލާ ފައިސާގެ ލާލަޗުގައި ގާސިމު ހުރީ ރަނގަޅަށް ދުނިޔެ މޮޔަވެފަ
ބުނަންހެއްޔެވެ. އުމުރުން ދުވަސްވެ ބޯނުބައިވީމާ ބައެއް މީހުން އުނުއޮތް ފޮށާ ބޮލުއަޅައިގެން ދުވާ މީހުންވެސް ދެކެމެވެ. އެއްޔަކީ އެމީހުން ހަމަ ބުއްދީގައި ކުރާކަމެއް ނޫނެވެ. މީހުން އަންނައުނުލަނީ އޮރިޔާން ނިވާކުރާށެވެ. ސަލާމަތް ސިނކުޑިއެއް އޮތް މީހަކު ރޯމާ ދުވާލު ބޮލާފޮށާ އަޅައިގެން ރަށުތެރެއަކު ނުދުވާނެއެވެ. ހަމަރަނގަޅަށް ވެސް މާމިގިލީ ބުރުމާ އިބްރާހީމުގެ ދަރި ގާސިމަށް މިހާރު އެހުރީ އެހާލު ޖެހިފައެވެ. ހަމްދަރުދީވަމެވެ.
މުދަލާ ފައިސާގެ ލާލަޗުގައި ގާސިމު އެހުރީ ރަނގަޅަށް ދުނިޔެ މޮޔަވެފައެވެ. ގައުމުގެ ވެރިކަން ހޯދުމަށް ނާށިން ފުށްކަނޑައިގެން ގައިވީދޭތާވެސް ކިތަންމެ ޒަމާނެކެވެ. ކޮންމެ ފަސް އަހަރަކުން ތިޖޫރީގެ ދޮރުފަތް ނައްޓާލައިގެން ފައިސާ ތަޅާބާލައެވެ. އާހިރުގައި ގާސިމަށް މާލޫދު ހަރުގޭގައި އެލުވާ ދޮންކެޔޮގަނޑަށް ވާވަރު ވެސް ނުވެއެވެ. މާލޫދު ހަރުގޭ ދޮންކެޔޮގަނޑުންވެސް ޖެހުނު މީހަކުއައިސް ވައްތައްް އުފުރާ ކައި ހުސްކޮށްލަނީއެވެ. ކޭމުގެ ވެރިމީހާ ގެއަށް ގެންދަން އޮންނަނީ ހުސްދަޅިގަނޑެވެ. ހަރުގޭގައި ކެޔޮގަނޑު އެލުވާއިރުވެސް ގެއަށްގެންދަން ލިބޭނީ ހުސް ދަޅިގަނޑުކަން ކޭމުގެ ވެރި މީހާއަށް އެނގެއެވެ. ގާސިމަށް އެވަރުވެސް ނޭނގެއެވެ.
ވެރިކަން ހޯދަން ގައިވީދާ ވެރިކަން ނުލިބުމުން އަލަށް އުފެދޭ ސަރުކާރެއްގެ ތެރެއަށްވަދެ ގައުމު ދަވާލުމަކީ ގާސިމުގެ އާދައެވެ. މުޅި ދައުލަތް ފައިކޭޓަށް މަހާލެވުނަސް އެސަރުކާރެއްގެ ތެރޭން ބޭނުންވާ އެންމެ ކަމެއް ނުވުމުން ދުނިޔެ ރަންވެގެން ސަރުކާރު ވައްޓާލަން ނިކުތުމަކީ ގާސިމުގެ ގޮތެވެ. އެހެނެއް ކަމަކު ވަރިހަމަތާއެވެ. ވެރިކަމަށް އަންނަން އުޅޭކޮންމެ މީހަކަށް ވެސް ގާސިމު ވަރެއް ނޯވެއެވެ.
އެމްޑީޕީ 2018ގައި ވެރިކަމަށް އަންނަން އުޅުނުއިރު މުޅި ސަރުކާރުގެ 40 އިންސައްތަ ދިނެވެ. ދެނަކާ ދެނެއްނެތެވެ. އަނބި ގޮއްޔެއަށް ހޯދީ ދަތުރުފަތުރުގެ ވަޒީރުކަމެވެ.
ގާސިމަކީ އާގުބޯޓު ދުއްވާ މީހެކެވެ. މަތިންދާ ބޯޓު ދުއްވާ މީހެކެވެ. ކަނޑާއި އެއްގަމުގެ ދަތުރުފަތުރުކުރާ އެންމެ ގިނަ އުޅަނދު ގެންގުޅޭ މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއަރޕޯޓް ހިންގުމާއި އެތައް އެއަރލައިންގެ އެޖެންޓްކަން އޮތް މީހެކެވެ. ގާސިމުގެ އެއަރލައިން ވިޔަފާރީގެ ވާދަވެރިއަކީ ދިވެހި ދައުލަތެވެ. ތެލާއި ގޭހުގެ ވިޔަފާރީގައިވެސް ގާސިމް ވާދަކުރަނީ ދައުލަތާއެވެ.
ކަނޑާވައިގެ ދަތުރު ފަތުރާބެހޭ ވަޒީރުކަމުގައި ގާސިމުގެ އަނބިމީހާ އިނުމުން މަސްލަހަތުގެ ފުށުއެރުން ދާންމަތިކޮޅުގެ ފުށުއެރުމަށްވުރެ ވަކީން ކުޑަވާނެ ހެއްޔެވެ. ވަގު ހިފަން ވަގާ ހަވާލުކުރުމެކޭ ގާސިމުގެ އަންހެނުން ދަތުރުފަތުރާބެހޭ ވަޒީރުކަން ކުރުމެކޭ އޮންނާނީ ކޮންތަފާތެއް ހެއްޔެވެ. އެވަރުންވެސް ގާސިމަށް މިހާރު ގޯސްވެގެން އުޅެނީ ކުރީ ސަރުކާރެވެ.
ރައްޔިތުންނަށް މިހާރުޖެހެމުންދާ ހާލުޖެއްސީ ކުރީސަރުކާރުން ކަމަށް ގާސިމް ބުނީމާ ގާސިމަކީ ދެއުޅިއެއްވާ މީހެއް ކަމަކަށް މީހަކު ގަބޫލެއް ނުކުރެއެވެ. ތިމާއަށް އެސަރުކާރެއްގެ 40 އިންތަސައްތަ ބައިވެރިވުން އޮތް ސަރުކާރު ވެއްޓުނީމާ މަހާނަ މައްޗަށް މަޑިއަކަށް ޖެހޭއިރު އަނބިގޮއްޔެގެ ފަސާދައިގެ ސަބަބުން "ޑޮމައިން ކުއީން" ގެ ނަމުން ނަން ލިބުނީ ގައިމު ވަރެއް ކޮށްލެވިގެންތާއެވެ. އެކަމަކު ގާސިމް ބޮލަށް ފިތިފައި ހުރިވަރުން ތިމާ 40 އިންސައްތަ ހިއްސާކުރި ސަރުކާރަށް އަޑުލާއިރު ވެވެނީ އަމިއްލައަށް ބަރަހަނާކަން ނޭނގޭ ވަރަށް ބުއްދި ގޯސްވީތާއެވެ.