ހަމަސްނުވެ މުއިއްޒަށް ޗައިނާ ގުއިވެ އިންޑިއާ އުނގަށް!
ކޮންމެ ކަމެއްގައި ވަށަފަރު މުއިއްޒަށް ޖެހެނީ އުނބަށް ޖަހަން
ބޮކަށް ރަންފުއް މައްޗަށް އެރިގެން އުޅެގަންނަހެން ވެރިކަމެއް ލިބިގެން ބަޔަކު ތެޅިފޮޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. އެހެން މީހަކު ދުވަހަކު ނުކުރާ ކަމެއް މީހަކަށް ލިބިގެން އުޅެގަތް ކަހަލައެވެ. ގަހަށް ފެންނަގޮތަށް ބިމަށް ނުފެންނާނެ ކަމެއް މުއިއްޒަކަށް ނޭނގެއެވެ، ކަނޑުދުވަން ނިކުތުމުން ހާޑަށް ތިރިކޮށް ކުޑަރިޔާ އަޅަން ޖެހިދާނެ ކަން އަމްދުން ނޭނގުނީތާއެވެ.
އެހެން ބަޔަކު ނެތަސް ވަރިހަމަވެ ޖެހިގެން ހުރިގޭ ފުރާޅަށް އޮއްގައުކާ އާޑަ ފުރައްސާރަ ކުރިއިރު އެގޯތީގައި އަޅާ މިރުސް ދުމުން ތިމާކޮށި އަރުވާލެވޭނެކަން އެނގޭ ވަރަށް ވުރެ ގަމާރީތާއެވެ. އަރާއިން ލަކުޑިގަނޑުގެ ކީސްވަޅަށް އަމިއްލަ ނަގޫ ފައިބާފައި އޮތްކަން ރާމާމަކުނަށް ނޭގެނީތާއެވެ. އަބު ލުހެލާއިރަށް ނަގޫ ފިތޭނެކަން ނޭނގޭ ވަރަށް ހޭބުއްދި ފިލީތާއެވެ. ސީނުކަރަޔަށް ގެންގޮސް ރަތް ދޫލަމަތީގައި ދެލަތްކެއް ޖައްސުވާލާ ކުރުނީސް ކޮށްލުމުން ދުނިޔެ ރަންވީތާއެވެ.
ބަނޑު ހަނޑުލާ ކޮއްތުދަރާ ބޯފެން ސީނުކަރައިން އޮހިއޮހި އޮންނާނެ ކަމަށް ހީކޮށް ދަތްމައްޗަށް ތުންނާރާ ތަންދޮރު ކުޑަވެގެން އުޅެގަތީ އެހެންވެތާއެވެ. ދުނިޔޭގެ އާޖުފާޖު ކުޑަކޮށްވެސް އެނގޭނަމަ އެހާ މާއިރާ ބައިބަހާ ފަޅިނަގައިގެން އަވަށްޓެރިންނާ ޖެހިއެއް ނުގަންނާނެއެވެ.
ކުޑަވެސް ސިނކުނޑިއެއް ހުރިނަމަ ބަޔަކު ކަމެއް ކޮށްދީފާނެ ކަމަކަށް އަންޒަމާނުއްސުރެ ބަތާކައިގެން އުޅުނު ކާންދޭ އަތުގައި ދަތް އަޅާކަށް ދިމައެއް ނުކުރީހެވެ. އެއްތާކުން އެކައްޗެއް ނުދިނަސް އެންމެ އުދަގޫ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދޭ އަވައްޓެރިޔާއަށް ހަރާންކޯރުވީމާ ތިމާމެނަށް އިތުބާރުކޮށް އަތުގައި ހިފާނީ ކާކު ހެއްޔެވެ. ހެވެއް އެދިގެން އެހީތެރިވެދޭނެ އެއްވެސް ބަޔަކު ނޫޅޭނެއެވެ.
ވަށަފަރު މުއިއްޒު ވެރިކަމަށް އައީ އިންޑިއާއަށްވުރެ ނުބައި ނުލަފާ ބަޔަކު ނެތްކަމަށް ދައްކައިގެންނެވެ. އިންޑިއާ އާއި ޖެހި ފިތި ބާރު ވެގެންނެވެ. ރާއްޖޭގައި އިންޑިއާއިން ނުކުރާ ވިޔާނުދާ ކަމެއް އޮތްކަމަކަށް އޭރަކުނުވެއެވެ. މިނިވަންކަން ގެއްލުވާލާ އަސްކަރީ ގޮތުންނާއި މާލީގޮތުން ރާއްޖެއޮތީ އަޅުވެތިކޮށްފައި ކަމަށް ބުނެ އިންޑިއާއަށް ނިސްބަތްކޮށް ނުކިޔާ ކުނި ފުޅައެއް ނެތެވެ. ނުކުރާ އާޑަ ފުރައްސާރައެއް ނެތެވެ.
ވެރިކަމަށް ހަމަހެއް ނުވެއެވެ. ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ހީކުރިހެން ޗައިނާއިން އެހީތެރިއެއް ނުވިއެވެ. ކުޑަމިނުން ޗައިނާގެ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްލާވެސް ނުދިނެވެ. ޕާކިސްތާނުން ފިޔައާއި އަލުއްވާއި ބިހެއް ގެންނާކަށް ނުލިބުނެވެ. ތުރުކީން ކާޑެއް ނުގެނެވުނެވެ. ބެންކޮކާ ދުބާއީން އާސަންދައެއް ހަމައެއް ނުޖެއްސުނެވެ. އެންމެ ފަހުން ޖެހުނީ އިންޑިއާ އެޅިހާ ބަތަކަށް ރިހަވާށެވެ. ކޮންމެ ކަމެއްގައިވެސް ވަށަފަރު މުއިއްޒަށް ޖެހެނީ އުނބަށް ޖަހާށެވެ.