ގާސިމަށް: އަނބިމީހާ ވެސް ގެއަކަށް ކަނޑައެއް ނުލާނެ!
އުމުރު ހުސް ވަންދެން މުދާ ބައްކުރިޔަސް ޝެހެންޝާހަކަށް ނުވެވުނު
މީހަކު ނިކަން ރަނގަޅަށް ވާވަދެއްޖެއެވެ. ވާ ވަނތް ވަނީނުން ވަލުން ނިކުންނަން ނޭގި ވާވެއްދި ފަޅުގައި ވައުއޮޅި ރަނގަޅަށް ގައިދު ވެއްޖެއެވެ. ދައުލަތަކީ ވިލާ ގްރޫޕްގެ ވިޔާފާރި މުދާ ގަނޑަކަށް ހައިދައިގެން ނެތް މޮޅު ހޯދަން ގޯސް ހަދަމުން ހަދަމުން ގޮސް މުޅިން މަރު ގޯސްވެ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ވަރަށް ގާސިމު ގަޅި ޖެހިއްޖެއެވެ.
ރަންކޮޅާ ގާސިމާއެވެ. އިރެއްގައި ކިންގމޭކަރ ހެދިގެން ފަނޑިޔާރުގެއަށް ތޮރުފި އުނދުޅި ހެދިގެން ވަދެވުނަސް އެ ދުވަސް މާޒީ ވެއްޖެއެވެ. ކޮންމެ ވެރިއެއްގެ ބޮލުގައި ތެތްގޯނި އަޅުވައިގެން ގާސިމު ދައުލަތް ވީދާ ކާން ދީގެން އުޅުނު ޒަމާން މަޒީވެއްޖެއެވެ. ދެ ލޯ ވަށްކޮށް އަޑަށް ބާރުލާފައި މޮޔަފުޅުވީހޭ ބުނާއިރަށް ހަތިޔާރު ބަހައްޓާ އަމާންދީ ރުއްސަން ބޮލިރަވަ ހަލުވާން އަބަދު އެންމެން ތިބޭނެ ކަމަށް ހީވަނީ ހެއްޔެވެ.
ކަކުނި ފިއްޔަށް ކޮރަކަލި ބަކަ އަޅާހެން އެންމެންނަކު އަބަދަކު ބަކަ އަޅާކަށް ނުތިބޭނެއެވެ. ދޮޅިކެނޑިގެން ބިމަށް ވެއްޓޭ ތާވަޅަ ތުނބުލައިގެން ދާނޭ ކަޅުކާޅެއް ވެސް މިހާރަކު ނެތެވެ. ކަފުޖެހި ސަފު ހަދައިގެން ތުބުން ވެއްޓޭ ބަތް ފުކަށް ބަލަހައްޓައިގެން މުގޯލި އެޅި އެންމެން ތިބާ ދޫކޮށް ހިނގައްޖެއެވެ.
އުމުރު ހުސް ވަންދެން މުދާ ބައްކުރިޔަސް ޝެހެންޝާހަކަށް ނުވެވުނު ނޫން ހެއްޔެވެ. އެކީ ލާހިފާ އެކަކު ނެތެވެ. އިސްވެ އޮވެ ހަދަން އުޅޭ ކޯލިޝަން ވެސް ހަދާނެ މީހަކު ނުވިނޫން ހެއްޔެވެ. ނަޝީދެއް އަދީބެއް ވެސް ތިޔަ އަޅަން އުޅޭ ބޯކިބާ އަޅާކަށް ގާތެއް ނުވި ނޫން ހެއްޔެވެ. ސިޔާސީ ގޮތުން ނާޅާ އެއްވެސް ޅައެއްޗެއް ނެތެވެ. ނުހަދާ ގޯހެއް ނެތެވެ. އެންމެ ފަހުން އަސްލު ސޫރަ ރައްޔިތުންނަށް ތިޔަ ދައްކާލީއެވެ.
ދައުލަތުގެ މިލްކިއްޔާތަކީ އަމިއްލަ ޖީބު ބޮޑުކުރަން ބޭނުން ކުރާ އެއްޗެއްކަން އެންމެނަށް ތިޔަ ހާމަ ކޮށްލީއެވެ. އަދުލުވެރި ބަދަލުގެ ނަމުގައިވެސް ދައުލަތް ލޫޓުވާލީކަން އަމިއްލައަށް ހާމަ ކޮށް ދިނީއެވެ. ވެރިކަމަށް އަންނަން ވެސް ތިޔަ އުޅެނީ މުޅި ދައުލަތްކަޅާ ކޮށްލަންކަން ސާބިތުކޮށް ދެނީއެވެ. ހަމަ ތެދެކެވެ. ތިޔަ އޮވެވުނީ ވާވެއްދިފަޅަށް ވަދެ ނިކުންނާން ނޭގިފައެވެ. ލައްކަ ދުވަހު ދައުލަތުގެ މުދަލާ ސަކަރާތް ޖަހާފީމު ނޫން ހެއްޔެވެ. ލައްކަ ލައްކައިން ރައްޔިތުންނަށް ކެހިދީފީމު ނޫން ހެއްޔެވެ. ދެން އެކަމެއް ނުވާނެއެވެ.
ދައުލަތުގެ މުދަލަކީ ގާސިމް ހިތުހުރި ގޮތެއް ހަދަން އޮތް އެއްޗެއް ނޫނެވެ. ކޮރަޕްޝަނާ ފަސާދައިގެ ތެރެއިން ގާސިމް ހިތުހުރި އެއްޗެއް އަބަދަކު ނުހެދޭނެއެވެ. އެކަން މިހާރު ތިޔަ ފެންނަން ފެށީއެވެ. ކެބިނެޓްގައި ތިމާގެ އަނބިމީހާ ހިމެނޭ ސަރުކާރަކަށް ވަށިވަށިން ދޭކަށް ލަދެއް ހަޔާތެއްވެސް ނެތް ކަހަލައެވެ. މި ސަރުކާރުން ޅައެއްޗެއް އެޅިއްޔާ އެ ޅައެއް އެޅުމުގެ އެންމެ ބޮޑު ބައިވެރިޔަކީ ގާސިމެވެ. އެކަން އިހުސާސް ނުވަނީ އަނބިމީހާގެ ޖަޒްބާތަށް ވުރެ ވާވެއްދިފަޅުގެ ޖަޒްބާތު މާ ބޮޑީތާއެވެ.
ހީކުރާ ގޮތް ހެއްޔެވެ. ގާސިމް ފުއްޕާލީމާ ބިރުން ތުރުތުރު އަޅައިގެން އިރެއްގައި ބަޔަކު އުޅުނަސް މިހާރަކު ސިހޭ މީހަކުނެތެވެ. ހޮދު އަނބިމީހާވެސް ސިއްސައިގެން ގޮސް މިހާރަކު ގެއަކަށް ކަނޑައެއް ނުލާނެއެވެ.