ދިވެހި ދިދައަށް ނޫނީ ބޯނުލަބާން ބުނި މުއިއްޒު އެމެރިކާ ދިދަޔަށް ބޯލަބަންޖެހުނީ
އިޒްރޭލްޕާސްޕޯޓް މަނާނުކުރަނީ ބޭނުން ނުވެެގެން
އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވަނީ ހައްގުތެދެވެ. އޮކްޓޯބަރު 16 ގައި މަޖިލީހަށް ހުށަހަޅައި 20 ދުވަސް ތެރޭ ޓެކްސް ބޮޑުކޮށްފިއެވެ. އެކަމުގައި ލަހެއް ފަހެއް ނެތެވެ.
ސަރުކާރުގެ އިސްރާފުތަކަށް ހަރަދުކުރަން ދުންފަތް އަގުބޮޑުކޮށް 21 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށައިފިއެވެ. އާއްމު ސިއްހަތުގެ ނަންބޯޑު އަޅުވައިގެން އެންމެ އާދައިގެ ރައްޔިތުމީހާގެ ޖީބަށް ސަރުކާރުން އަތްބާނައިގެން ޖީބު ކަނޑާކަށް ގިނަ ދުވަހެއް ނުނެގިއެވެ. ވޭޕް މަނާކުރަން ބޭނުންވުމުން މަޖިލިސް ތެރެއިން ނިންމައި އެކަން ތަންފީޒު ކުރަން ހޭދަވީ އެންމެ 30 ދުވަހެވެ.
މުއިއްޒު ސަރުކާރުން ކަމެއް ކުރަން ބޭނުންވުމުން މޫނަކަށް ކަނދުރާއަކަށް ނުބަލާ އެކަމެއް ކޮށްލާކަށް ދުވަސްތަކެއް ނުނަގައެވެ. ގާނޫނަށް ބަދަލު ގެނެސްގެން ކުރަންޖެހޭ ކަމެއް ކުރާކަށްވެސް ދުވަސްތަކެއް ނުނަގައެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ބޭނުން ނުވުމުން އެކަން ނުކުރަން ދައްކާ ބަހަނާއާއި ހަމަ ގިނަވެފައި ބޮޑެވެ. 2 ޖޫންގައި ސަރުކާރުން އިއުލާނުކުރި ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭކަމީ އެކަމުގެ ހެއްކެކެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ފަހުން 166 ދުވަސް ވެއްޖެއެވެ. އެކަމެއް އަދިވެސް ވީކަމަކަށް ނުވިއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް ޖޫން 10 ގައި މަޖިލީހަށް ބަލައިގަނެ 241 ކޮމިޓީގައި ތަޅު އަޅުވާފައި އޮންނަތާ 158 ދުވަސް ހޭދަވެއްޖެއެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. އަނިޔާވެރި އިޒްރޭލް މީހުނަށް ރާއްޖޭން އަދިވެސް ދަނީ މަރުހަބާ ކިޔަމުންނެވެ. ރައްޔިތުން ތިބީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ކެތްމަދުވެފައެވެ.
ރައްޔިތުންގެ ފަޅީގައި ސަރުކާރު އޮވެގެން މުއިއްޒު ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރާއިރު އިޒްރޭލް ޕާސްޕޯޓް މަނަކުރުމަށް ގޮތެއް ނުނިންމައި ބާއްވާފައި އޮންނަތާ ފަސް މަސް ފާއިތުވެއްޖެއެވެ. ހައްތަހާވެސް ފެންނަމުންދަނީ ސަރުކާރާއި މަޖިލީހުގެ ސުޕަމެޖޯރިޓީ މުއިއްޒަށް އޮވެމެ އެކަމަށް ގޮތެއް ނުނިންމައި ތިބޭތަނެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް އަވަސް ކުރަން ގޮވާލައި ބަޔާން ނެރެ ރައްޔިތުންނަށް ޕީއެންސީން އޮޅުވައިލާތަނެވެ.
ދިވެހި ދިދައަށް ނޫނީ ބޯނުލަބާން ވިދާޅުވި ރައީސް މުއިއްޒު އެމެރިކާ ދިދަޔަށް ބޯލަބަން ޖެހުނީތޯ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް ސުވާލު އުފެދަވަނީ އެހެން ވެގެންނެވެ. ފައްޔާޒު ވިދާޅުވާހެން އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލު ފާސްކުރިޔަސް ނުކުރިޔަސް ސަރުކާރުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ. ސަރުކާރަށް އަހަރުވެގެން އެކަން ފާހަގަކުރާއިރު ދޮގު ހަދައި އޮޅުވައިލުން ހުއްޓާލައި އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ވެއަރޕާސަން ސަރުކާރަށް ގޮވާލައްވައެވެ.