މުއިއްޒު ގާނޫނުއަސާސީއާ ކުޅޭކުޅުން ހުއްޓުވާ!

މުއިއްޒު ގާނޫނުއަސާސީއާ ކުޅޭކުޅުން ހުއްޓުވާ!

މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ހުރީ "މަކުނު ފިނދާ ކުޅޭހެން" ގާނޫނުއަސާސީއާ ކުޅެން ހުވާކޮށްގެނެއް ނޫނެވެ. މުއިއްޒު ހުވާކުރީ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. ގާނޫނީ ވެރިކަމެއް ކުރުމަށެވެ. ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ބަދަލުކޮށްގެން ވެރިކަން ކުރާކަށް ނޫނެވެ. 

ގާނޫނު އަސާސީ އިސްލާހުކުރަން ވީމާ އެނގޭނީ ރައްޔިތުންނަށެވެ. މުއިއްޒަކަށް އުޝާމަކަށް ނޫނެވެ. ވެރިކަން ހިންގުމުގައި ގާނޫނީ ހުރަސްތަކެއް ހުރިނަމަ އެކަން ގެންނަން ޖެހޭނީ ރައްޔިތުންގެ ސަމާލުކަމަށެވެ. ނޫސްވެރިން ކުރިމަތީގައި ހުރެ ނިޒާމުގެ އެވެނިކަމެއް މިވެނިކަމެއް ބަދަލުކުރާނަމޭ ބުނުމުގެ ގާނޫނީ ބާރުވެރިކަމެއް ރައްޔިތުން މުއިއްޒަކަށް ނުދެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ 3/4 އަށްވުރެ ގިނަ މެންބަރުން މުއިއްޒުގެ ފިހިގަނޑު ބުމަރުތަކަކަށް ހަދައިގެން އެ މެންބަރުން ލައްވާ މުޅި ނިޒާމް އަގަޑަބަގަޑަ ކުރުމަކީ ޝަރީއަތް ހިންގަން ޖެހޭކަމެކެވެ. ވިޕްލައިން ނެރެގެން ވަކިގޮތަކަށް މެންބަރުން ލައްވާ ވޯޓު ލައްވަން މަސައްކަތް ކުރާ އެންމެންނަކީވެސް ބޮޑެތި ކުށްވެރިންނެވެ. 

ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަށް ވަކި ގޮތަކަށް ވޯޓުދޭން މަޖުބޫރުކުރުމާއި ނުފޫޒު ފޯރުވުމަކީ ކުށެކެވެ. ނުފޫޒާއެއް ގޮތަށް ވޯޓު ދިނުމަކީ މެންބަރު ވެސް ކުރާ ގާނޫނު އަސާސީއާއި ހިލާފުކުށެކެވެ. މެންބަރުންނަށް ހަމަހަމަ ފުރުސަތުނުދީ ގަވައިދެއް ހަދައިގެން މައްސަލަތަކުގައި ބަހުސްކުރުމުގެ ފުރުސަތު ހަނިކުރުމަކީ ވެސް މަޖިލީހުން ހަދާ ގޯހެކެވެ. ޕާޓީ ނިޒާމަށް މަޖިލިސް ހިންގުން ބައްޓަންކޮށްގެން ބައެއް ދާއިރާތަކުގެ އަޑު ކަނޑުވާލުމަކީވެސް ކުރާކުށެކެވެ. 

މަޖިލީހުގައި މެންބަރަކު އިސްލާމުދީނުގެ އަސްލަކާ ހިލާފުނުވެ ދައްކާ ވާހަކައަކުން ވޯޓު ދޭގޮތަކުން ސުވާލުކޮށް ފިޔަވަޅުއަޅާ ހެދުމުގެ ބާރެއް އެއްވެސް ފަރާތަކަށް ގާނޫނުއަސާސީ ނުދެއެވެ. އެއްވެސް މެންބަރަކު ތިމާ ނިސްބަތްވާ ޕާޓީއަށް ރަށަށް އަތޮޅަށް ދާއިރާއަށް ނުވަތަ އެނޫންވެސް މަސްލަހަތެއްގައި ވޯޓުދީ ވާހަކަ ދައްކާ ހެދުމަކަށް ގާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. 

ޕީއެންސީއަށް ރައްޔިތުންގެ މައިނޯރިޓީން ދީފައިއޮތް މަޖިލިސް މެޖޯރިޓީއެއް އޮތަތީ މުއިއްޒު ބޭނުންހާ ގޮތަކަށް ގާނޫނު އަސާސީ ކޮށާމަށަން އުޅޭ އުޅުން ހުއްޓުވަން ރައްޔިތުން ތެދުވާންޖެހިއްޖެއެވެ. ނުލިބޭ ބާރެއްގެ ބޭނުންކޮށްގެން މުއިއްޒު ގާނޫނުއަސާސީ އިރާއިރުން ހުއްޓުވަން ގާނޫނީ ވަކީލުންނާއި ފަނޑިޔާރުން ބިރު ފަހަނައަޅާ ތެދުވުމުގެ ވަގުތު ޖެހިއްޖެއެވެ.