މުއިއްޒު އިސްތިއުފާދީ! ޔާމީނަށް އިންތިހާބެެއް ހޯދާދީ!
ހަރާން ހުކުމަކުން ރިޔާސީ އިންތިހާބުން ޔާމީނުވަނީ މަހުރޫމް ކޮށްފާ
ދިވެހި ތާރީހު ދެކޭނެ ވެރިކަމުގެ އުމުރު އެންމެ ކުރުމީހަކަށް ޑރ. މުއިއްޒު ވުން ނުވުމަށްވުރެ ކައިރިއެވެ. ވެރިއެއްގެ ކިބާގައި ހުންނަންޖެހޭ ކެތްތެރިކަމެއް އޯގާތެރި ކަމެއް މުއިއްޒުގެ ގަޔަކު ނެތެވެ. ހިކުމަތްތެރިކަމާއި ތެދުވެރިކަމެއް ވެސް ނެތެވެ. ރޯމާ ދުވާލު ހަދަނީ ބުހުތާން ދޮގެވެ. ކައްޒާބުގެ ނަމުން މީހުން ނަންކިޔަނީ ކިޔަން ވެގެންނެވެ.
ވާދަވެރިންނަށް ރައްދު ދިނުމުގައި ހަމައެއް ލަމައެއް ނެތެވެ. ބުނާކަށް ނުބުނާކަށް ވަކި އެއްޗެއް ނޯވެއެވެ. އުނބަށް ޖެހުމުގައި ވެސް ދެވަނައެއް ނެތެވެ. އެއްކޮޅަސް އިދިކޮޅަސް ރައީސް މީހާ ކޮންމެ ރައްޔިތަކަށް އެއް ހަމަޔަކުން ދެކެން ޖެހެއެވެ. ރައްޔިތުންގެ ތެރޭން ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްދުދީ ޖަދަލު ކުރުމަކީ ރައްޔިތުންގެ ވެރިއެއްގެ ސިފައެއް ނޫނެވެ. ފެންނަ ފެނުމަށް ދިވެހީންގެ ރައީސް ކަމުގައި މިހާރު ހުރީ ވަކަރުގޭ ކުއްޖެކޭ ހީވެއެވެ.
ރައްޔިތުންގެ ވެރިއަކަށް ހުންނައިރު ތުހުމަތުތައް ކުރާނެކަމާއި ފާރަވެރިވާ ބަޔަކު އުޅޭނެ ކަމެއް އޭނާއަކަށް ނޭގެއެވެ. ކުށް ހޯދުމާއި ކުށްދެއްކުމުގައި ވާދަވެރިން އަވަދި ނެތި އުޅޭނެ ކަމެއް ވެސް ނޭނގެއެވެ. އެންމެންނަކު ޖަހާހާ ބެރަކަށް ނުނަށާނެ ކަމެއް ވެސް ނޭގެއެވެ. ގޮތް ދޫނުކުރުމާއި މަވެތި ކަމުގައި ލާމަސީލެވެ.
ކުޑައިރު މައިންބަފައިން ވަކިވުމުން ލޯބި ނުލިބުމުގެ ވިޔަރިގަނޑު ބާލައިލުމަށް ވަކިމީހެއް ވަކިތަނެއް ބައެއް ކުދިންގެ ނުހުރެއެވެ. ބޭނުންވާ ގޮތްނޫން އެއްވެސް ގޮތަކީ ގޮތެއް ނޫންކަމަށް އެފަދަ ކުދިން ދެކެއެވެ. އެކަހެރި ކަމާއި މަޑު މޮޅިކަން ހުންނަނީ ކަމަކާ ޖެހެން ދެނެވެ. އަމިއްލަ އާރެއް ބާރެއް ފޯރާ އެއްވެސް ކަމެއްގައި އެހެންބަޔަކު ދެކެފާނެ ގޮތަކަށް ނުބަލައެވެ. ފަހުން ނިކުމެ ދާނެ ނަތީޖާއަކަށް ނުބަލައެވެ. ބޭނުންވާ ގޮތަށް ކަންކޮށް ނިންމާލައެވެ.
ރާއްޖޭގެ ވެރިކަން މުއިއްޒަށް ލިބުނީ ބައެއްގެ ތެރޭގައި މަގުބޫލު ކަމެއް އޮވެގެނެއް ނޫނެވެ. މުއިއްޒަށް ތާއީދެއް ކޮށްގެން ވޯޓެއްދޭނެ މާބޮޑު އާއިލާއެއް އޮތީއެއް ނޫނެވެ. ރައީސް ޔާމީނު ވިދާޅުވިހެން މޭވާ ދޮންވެފައްކާވާ ގަހަށް ވައު ޖައްސާ އުސޫލުން މުއިއްޒަކީ މަގާމަށްޓަކާ ޕާޓީ ބަދަލު ކުރަމުންއައި މީހެކެވެ. އަދާލަތުން އެމްޑީއޭ އަށް ދިޔައީ ހައުސިން މިނިސްޓަރު ކަން ހޯދާށެވެ. އެމްޑީއޭ ދޫކޮށް ޕީޕީއެމަށް އައީ މޭޔަރުކަން ހޯދާށެވެ. ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ދިޔައީ މިނިކާ ބާޒެއްހެން ރައީސް ޔާމީނުގެ ރިޔާސީ ޓިކެޓް ފޭރިގަންނާށެވެ.
ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ހިތުގައި ރައީސް ޔާމީނުގެ މައްޗަށް އުފެދިފައިވާ ހަމްދަރުދީގެ ނާޖާއިޒު ފައިދާ ނަގައިގެން ވެރިކަން ފޭރިގަތީ ހުސް ގޮނޑިއާއި ރައީސް ޔާމީނުގެ ފޮޓޯގެ ހިޔަނިންނެވެ. ތިމާއަށް މީހަކު ކުރި ތާއީދަކުން ނޫނެވެ.
ގަނެގެން ގެންދާ މެންބަރުންނާއި ވަޒީފާގެ ބޭނުމުގައި ތާއީދު ކުރާކަމަށް ދައްކައިގެން އުޅޭ މީހުންނަކީ ކަލާސީންނަށް އޮޑި ބައުނުވާހެން ހިހޫތަނުން ކައިގެން އުޅޭ ބަނޑުއަކިރިއެވެ. ރާޅާ ދެމޭ ބަނޑުއަކިރި އަކީ އެއްތާކު ހުއްޓި ހުންނަ އެއްޗެއް ނޫނެވެ. މުއިއްޒު ވަށައިގެން ތިބީ ހައްތަހާވެސް ބަނޑު އަކިރިއެވެ. ނުވަތަ ދަނޑިވަޅު ބަލަންތިބި މިނިކާ ބާޒެވެ. އާދަންޝަރީފެއް ޝިޔާމެއް ގައްސާނެއް ސައީދެއް ޝަހީމެއް ކިޔާނެ ކަމެއް ނެތްތާއެވެ. ހައްތަހާވެސް ވެރިކަމަށް ފައިނަގައިގެން ތިބި މީހުންނެވެ.
މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީނަށް އިންސާފު ހޯދާ ދިނުމަށެވެ. މިނިވަން ކުރުމަށެވެ. ރައީސް ޔާމީނަށް ގެއްލިފައިވާ ހައްގުތައް ހޯދާ ދިނުމަށެވެ. މިއްޔަކީ އެއްތާކު ދެތާކު އެއްފަހަރަކު ދެފަހަރަކު މުއިއްޒު ދެއްކި ވާހަކައެއް ނޫނެވެ. އެހެން ކަމަށްވާނަމަ ރައީސް ޔާމީނަށް ގެއްލުނު އެންމެ ބޮޑު ހައްގަކީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގެވެ.
މުއިއްޒަކީ ރައްޔިތުންގެ ތާއީދެއް އޮތް މީހެއް ނޫނެވެ. މުއިއްޒަކީ ވެރިކަމުގެ ފެށުމުން ފެށިގެން އެންމެ ބޮޑަށް ތާއީދު ގެއްލެމުންދާ ރައީސެވެ. އެހެން ކަމުން މުއިއްޒު މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ރައީސް ކަމުން މުއިއްޒު އިސްތިއުފާދީ ރައީސް ޔާމީނަށް މިނިވަން އިންތިހާބެެއް ހޯދާދިނުމެވެ.