ހަށިވިއްކުމުގެ ވިޔަފާރި ޔާމީނު ކުރަނީތަ!

ކޮންމެ ވިޔާނުދާ ކަމެއް ސަރުކާރަށް ފޫޅުކަނޑައިގެން ކުޅެނީ ސިޔާސީ ޗަރުކޭސް!

ހަށިވިއްކުމުގެ ވިޔަފާރި ޔާމީނު ކުރަނީތަ!

އިމިގްރޭޝަނުން ޕާސްޕޯޓްގައި އެތެރެވުމުގެ ތައްގަޑު ޖެހިގެން ރާއްޖެ އެެތެރެވާ ކޮންމެ މީހަކު ވާނީ ސަރުކާރުން އެތެރެ ކުރި މީހަކަށް ތާއެވެ. އެ މީހަކު ރާއްޖެ އައިސް ރާއްޖޭގައި ކުރާ ކޮންމެ ކަމެއް ވާނީ ސަރުކާރުން ކުރުވާ ކަމަކަށްތާއެވެ. ގަވައިދުން ހުއްދަ ލިބިގެން ރާއްޖެ އެތެރެވާ ބޭރު މީހުން ލައްކަ ކަންކަން ރާއްޖޭގައި ކުރެއެވެ.

ރަނގަޅު ކަންކަމާއި ނުބައި ކަންކަމެވެ. ރާއްޖޭގައި ބޭރު މީހަކު ކުރާ ކޮންމެ ނުބައި ކަމެއް ވަނީ ސަރުކާރުން ކުރުވާ ކަން ކަމަށެވެ. އަމްދުން އެތައް ބިލިޔަން އުޅޭ އިންޑިޔާއިން ރާއްޖެ އައިސް އުޅޭ މީހެއްގެ ފަރާތުން ކިރިޔާ ވެސް ވިޔާނުދާ ކަމެއް ފެނިއްޖެތަ! އެދެން ކަމާ ޖެހުނީއެވެ.

އިންޑިއާ މީހަކު މިސްކިތެއްގެ ކުރި ކަނޑާލިޔަސް އެ ހިސާބުން އެ މިސްކިތް ފައްޅި އަކަށް ބަދަލު ކުރަން ސަރުކާރުން އުޅޭކަމަށް ހަދައެވެ. ގޭގައި ގެންގުޅޭ އިންޑިއާ މީހާ މެޑަމަށް ފެން ހިއްކާ ތުވާލި ގެންގޮސް ދިނަސް އެކަން އެ ކުރަނީ ވެސް ސަރުކާރުން ބުނެގެންނެވެ. ރާއްޖޭގައި އިންޑިއާ މީހަކު ފޮޑިއެއް ޖަހަނީ ވެސް ސަރުކާރުން ބުނާ ބާރު މިނަކަށެވެ.

އެކި ސިޔާސީ ފިކުރުގެ އެކި ދީނުގެ އެކި ނަސްލުގެ މީހުން އުޅޭ އިންޑިއާއިން ރާއްޖެއަށް އަންނަނީ މޯދީ ފޮނުވައިގެން އަންނަ އިންޑިއާ މީހުންނެވެ. ފަތްކޭލާ ބިހާ އަލުއްވާ ފިޔާ ބަރުކޮށްގެން ކަސްޓަމް ސަރަހައްދަ އައިސްއުޅޭ ބަނގަލާ އޮޑިފަރަކީ ވެސް ސަރުކާރުން ބުނެގެން ހިންދީ ދީން ފަތުރަށް އަންނަ ބަޔަކީތާއެވެ.

އިންޑިއާ އަށް ނިސްބަތްވާ ހަތަރު މީހަކު ރާއްޖެ އައިސް ސަރުކާރުގެ އެއްބާރުލުމާއެކު ނަސާރާދީނުގެ ފޮތް ތަކެއް ބަހައިގެން އުޅޭކަމަށް ވެގެން ބަޔަކު ނެގި ނެގިފައި އެބަ ޖެހެއެވެ. އަރަތްބަކު ވެސް، ތަމަޅައަކު ވެސް. ދިވެއްސަކު ވެސް އެޒާތުގެ ކަމެއް ނުކުރާނެއޭ ބުނާކަށް ނެތީމެވެ. މައްސަލައަކީ ކޮންމެ ވިޔާނުދާ ކަމެއް ސަރުކާރަށް ފޫޅުކަނޑައިގެން ސިޔާސީ ޗަރުކޭސް ކުޅުމެވެ. އަނެއްކާ މިދާކަށް ދުވަހު ބަންގާޅު ސޮރެއްގެ ހަވާދު ގުދަނަށް އެތައް ބައިވަރު ދިވެހިން ވެއްދީ ވެސް ސަރުކާރުން ކަމަށް އޮތީ ހަދާފައެވެ.

ކުށްހީއާއި އަސްލެއް ނެތް ބުނިބުނި ވާހަކަ ތަކުގެ މައްޗަށް ސަރުކާރު ބަދުނާމު ކުރަން ފޫގަޅާފައި ތިޔަ ތިބީ މާ ވަރަކަށެވެ. މީހަކު ކުރާކަމެއް ކުރަނީ ސަރުކާރުން ރުހިގެންނޭ އެމީހަކު ބުނުމުން އެއީ ތެދަކަށް ވާނެ ހެއްޔެވެ. ޔާމީނު ވެރިކަން ކުރި ދުވަސްވަރު ރާއްޖެއަށް ގިނަ އަދަދަކަށް ބެންކޮކާ ފިލިޕިންސުން އަންހެނުން ރާއްޖެ އައެވެ. އޭގެތެރޭން ގިނަބަކު އުޅުނީ މަސާޖުޕާލަރ ނަމުގައި ތަންތަން ހަދައިގެން ހަށިވިއްކާށެވެ. އޭރު އެ މީހުން ހަށިވިއްކީ ޔާމީނު ސަރުކާރުން އެ މީހުން ގާތު އެކަން ކުރާށޭ ބުނެގެން ހެއްޔެވެ.

(ފައިލް ފޮޓޯ: ސަން.އެމްވީ)

ހެންވޭރު ދޫވެހި ކައިރިން ތައިލެންޑް ދެއަންހެން ކުދިންނާ ދާދިފަހުން ދިމާވިއެވެ. އެ މީހުން އެތާ ކީއްތޯ ކުރަނީ އަހާލީމާ ބުނީ އަޖައިބު ކުރަނިވި ވާހަކައެކެވެ. އެ މީހުން އެ އައީ ހަށިވިއްކާ ދެ ތަނަކުން އެ ހަފްތާގައި ލިބުނު ފައިސާގެ ތެރެއިން ޔާމީނަށް ވީ ބައި ހަވާލުކޮށްފައި ކަމަށެވެ. އެ ދެ އަންހެނުން އެބުނީ ތެދެއް ކަމަށް ދެކިގެން އެ ވާހަކަ ނޫހެއްގެ ފަލަސުރުހީ އަކަށް ޖަހާ ލެވިދާނެއެވެ. އެކަމަކު އެއީ ހައްގު ތެދަށް ވުމަށް ވުރެ ގާތީ ނުވުމާއެވެ.

ޔާމީނު ވެރިކަމުގައި އެމްއެމްޕީއާރުސީ ދަވާލީ ޔާމީނު ކަމަށް އަދީބާއި ޒިޔަތާ އަދިވެސް އެތައް ބަޔަކު ބުނާއިރު އެއީ ތެދަކަށް ނުވެއެވެ. އެކަމަކު މި ސަރުކާރު ގެތެރޭގައި ހުރި މީހަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން ކުރާ ކޮންމެ ގޯސްކަމެއް ވެސް ވަނީ ސަރުކާރުން ކުރާ ކަމަކަށެވެ. މި ވެރިކަމުގެ މުއްދަތުގެ ތެރޭގައި ބޭރު މީހަކު ރާއްޖޭގައި ވިޔާނުދާ ކަމެއް ކުރިޔަސް އެ ކަމަކީ ރައީސް ސާލިހު ކުރުވާ ކަމަކަށް ހަދައިގެން ސުރުހީ ހަދަނީ އިސްލާމް ދީނުގެ ކޮން ރުކުނަކަށް ވެގެން ހެއްޔެވެ.