މެންބަރުން ޖަވާބުދާރީ ކުރެވޭ ނިޒާމެއް ނެތުމަކީ އުނިކަމެއް: ފައްޔާޒު
އުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވާހެން ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ހަމައެކަނި އިލެކްޝަން ސައިކަލްތަކަށް ގެންނަންވީ ބަދަލުތަކެއް ނޫނެވެ. ރާއްޖޭގެ ގާނޫނުއަސާސީން އެންމެ ބޮޑަށް އުނިވާ އެއް ކަމަކީ، އިންތިހާބުކުރެވޭ މަންދޫބުންގެ ދައުރުގެ ތެރޭގައި އެ މީހުން ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ.
އޮނަރަބަލް ފައްޔާޒު ވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. ޕޮލިޓީޝަނުންނަކީ ރައްޔިތުން ހަވާލުކުރާ މެންޑޭޓު ފުރިހަމަނުކުރެވި، ވައުދުތައް ފުއްދުމަށް ފެއިލްވާ ބައެކެވެ. ސިޔާސީ މީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ރައްޔިތުން އިތުބާރު އެއްކޮށްހެން މިހާރު ވަނީ ގެއްލިފައެވެ.
"ފާއިތުވި އަހަރުތަކުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެފަދަ ނިޒާމެއްގެ ބޭނުންތެރިކަން ރާއްޖެއަށް މިހާރު މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ރައްޔިތުންނަށް ގާނޫނީ ގޮތުން އެ ފުރުސަތު އޮތްނަމަ، މިހާރު ތިއްބެވި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މަގާމުން ވަކިކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ." ފައްޔާޒު ވިދާޅުވެއެވެ.
ފައްޔަޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު "ރިކޯލް" ނިޒާމަކާ އެންމެ ވައްތަރު ކަމަކަށް އޮތީ މަޖިލީހުގެ ތެރެއިން ހިންގާ އިތުބާރު ނެތްކަމުގެ ވޯޓު ނުވަތަ "އިމްޕީޗްމަންޓް" އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި، ވަޒީރުންނާއި، ފަނޑިޔާރުންނާއި އެހެނިހެން އޮފިޝަލުން ވަކިކުރުމަށް އޮންނަ އިޖުރާއަތަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތް ފުރުސަތެކެވެ.
ފައްޔާޒު ވިދާޅުވާ ގޮތުގައި ދާދިފަހުން ފާސްކޮށް އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ ހިލާފު "އެންޓި-ޑިފެކްޝަން" ގާނޫނަކީ ވެސް މަތިން ތިރިއަށް ހިންގާ ނިޒާމެކެވެ. މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ޕާޓީގެ ކުޑަ ކޮމިޓީއެއްގެ މުށުތެރެއަށް ބާރުތައް ޖަމާކުރާ ގާނޫނެކީ އެންޓިޑިފެކްޝަން ގާނޫނެވެ. ފައްޔާޒު ވިދާޅުވަނީ އެއީ ވެރިކަމުގައި ހުންނަ މީހަކަށް ދެވޭ ޑިމޮކްރަސީއާ މުޅިން ބީރައްޓެހި ބާރެއް ކަމުގައެވެ.
ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށްވުރެ ބޮޑަށް ޕާޓީގެ ބާރު ގަދަވެ، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި، ރައްޔިތުން އިންތިހާބުކުރި މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީއަށް ލިބިގެން ދާކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. ފައްޔާޒު ވިދާޅުވާހެން މެންބަރުން އިންތިހާބު ކުރަނީ ޕާޓީއަކަށް ހިދުމަތް ކުރާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. އަނެއްކޮޅުން މެންބަރުން އިންތިހާބު ކުރަނީ ހަމައެކަނި ޕާޓީ މެންބަރުންގެ ވޯޓުން އެކަންޏެއް ނޫނެވެ. އެންޓި ޑިފެކްޝަން ގާނޫނުން ގެނައި ބަދަލަކީ ފެހި ގާނޫނުއަސާސީގެ އެންމެ މުހިންމު އަސާސް ކަމަށްވާ ބާރުތައް ވަކިވެފައި އޮތުން ފުނޑުފުނޑުކޮށްލި ބަދަލެއްކަމަށް ފައްޔާޒު ވިދާޅުވެއެވެ.
ޕާޓީ ބަދަލުކުރުމުގެ (ފްލޯ-ކްރޮސިން) މައްސަލައަށް އޮތް ހައްލެއް ގޮތުގައި ފައްޔާޒު ފާހަގަކުރައްވަނީ ހުދުމުހުތާރު ގޮތަކަށް މެންބަރުން ވަކިކުރުމުގެ ބަދަލުގައި، މެންބަރަކު ރައްޔިތުން ހަވާލުކުރި މެންޑޭޓަށް ހިޔާނާތްތެރިވެއްޖެކަން ނިންމުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމުގެ މުހިންމުކަމެވެ.
ފައްޔާޒު ވިދާޅުވާ ގޮތުގައި "ރިކޯލް ޕެޓިޝަން" އަކީ އިންތިހާބުކުރި މީހާގެ މައްޗަށް ރައްޔިތުންގެ ރުހުމެއް ނެތްކަން ހާމަކުރަން އޮތް އެންމެ ފަހުގެ ވަސީލަތެވެ. ރައްޔިތުން އިސްނަގައިގެން ހުށަހަޅާ މިފަދަ ހުށަހެޅުމެއްގެ ޝަރުތުތައް ހަމަވުމުން، ވަގުތުން ރިފަރެންޑަމްއެއް ނަގައި، ރައްޔިތުންގެ ބަސް ހޯދުމުގެ މުހިންމުކަން ފައްޔާޒު ފާހަގަ ކުރައްވައެވެ.
ރިކޯލް ވޯޓެއް ނެގުމަށްޓަކައި، އެންމެ ފުރަތަމަ ރައްޔިތުންގެ އެކަށީގެންވާ މިންވަރެއްގެ ޝައުގުވެރިކަން އޮތްކަން ސާބިތުކޮށްދޭން ޖެހޭކަންވެސް ފައްޔާޒު ފާހަގަ ކުރައްވައެވެ. މީހަކު އިންތިހާބު ކުރަނީ ރައްޔިތުންގެ އަގުލަބިއްޔަތުން ކަމުން އޭނާ ވަކިކުރަން އެދޭ މީހުންގެ އިންސައްތަވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހޭނެކަމަށް ވެސް ފައްޔާޒު ދެކިވަދައި ގަންނަވައެވެ.
ކުދިކުދި ކަންކަމާ އިންތިހާބީ މަންދޫބުން ބަދަލުކުރުމަކީ ބުއްދިވެރި ގޮތް ނޫންކަމުން އިންތިހާބީ މަގާމެއްގައި ހުންނަ މީހަކު އެހާ ފަސޭހައިން ވަކިކުރެވިގެން ނުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީހަކު މަގާމަކުން ވަކިކުރަން ޖެހެނީ ބޮޑެތި ގޯސްތަކެއް ފެނި، އޭނާ ވަކިކުރުމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމުން ކަމަށް އަދަދު ނޫހުގައި ފައްޔާޒު ލިޔުއްވި އާޓިކަލްގައި ބަޔާން ކުރައްވާފައިވެއެވެ.




