ފެނަކައިގެ ނަން ހަރާބުކުރަނީ ނޫސް މަސްހޫރުކުރަން
ނޫސް ކިޔާ ފަރާތްތައް އިތުރު ކުރުމުގެ ހީލަތްތެރި އުކުޅެއް
ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުން ކޮށްގެން އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާޢިޢު ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ. އެފަދަ ނޫސްތަކުން އެކަން ކުރަނީ ފެނަކައަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށް ވުމުން އެކަމުގެ ފައިދާ ނަގައިގެން ނޫސް ކިޔާ ފަރާތްތައް އިތުރު ކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ފެނަކައިން އިލްތިމާސް ކުރެއެވެ.
ބައެއް ފަރާތް ތަކުން ކުރާ އެފަދަ ކަންކަން ހުއްޓާލުމަށް ފަހު، މުޖްތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުން ކުރުމަށް ފެނަކައިން ނަސޭހަތްތެރި ވެއެވެ.
އެއްވެސް އަސްލެއް، އަސާސެއް ނެތި އެ ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި، ނަން ކިލަނބު ކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކައިން އިލްތިމާސް ކުރެއެވެ. މިގޮތަށް ފެނަކައިން އިލްތިމާސްކުރީ އެ ކުންފުނިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައެވެ.