ވެރިންގެ ޖައްބާރުކަމުން ގައުމު މިންޖުކުރުން ލާޒިމު

ގައްދާރު ވެރިން ދިފާއު ކުރުމަކީ ގައުމީ ވާޖިބެއްނޫން

ވެރިންގެ ޖައްބާރުކަމުން ގައުމު މިންޖުކުރުން ލާޒިމު

ތަމަޅަ ޓައިގަރުން ރާއްޖެ ހިފަން އައީ ކީއްކުރަންތޯއެވެ. ސްރީލަންކާއަށް ވުރެ ރައްކާތެރި ތަނެއް ބާރުވެރިކަމާއިއެކު ހޯދުމުގެ އުންމީދުގައި ނޫންތޯއެވެ. ހުސެއިން އާދަމް ޝަހީދުވީ ކޮންކަމެއް ހާސިލު ކުރަންތޯއެވެ. މޫސާ އަލީ ޖަލީލު އަމިއްލަ ފުރާނަ ދުޝްމަނުންގެ ވަޒަންތަކުގެ ކުރިމައްޗަށް ނެރެލީ ކޮން ކަމެއްގެ ހައްގުގައި ތޯއެވެ. އެ ދުވަހު ދިވެހި ސިފައިންނާއި ދިވެހި އާންމު ރައްޔިތުން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދިފާއު ކުރެވޭތޯ ބެލީ ކޮން ކަމެއްތޯއެވެ. އެތައް ދިވެހީންނެއް ޝަހީދުވީ ކޮންކަމެއް ދިފާއު ވޭތޯ ހެއްޔެވެ. އެތައް ދިވެހީންނެއް ޒަހަމުވެ ނުކުޅެދޭ ހާލަތަށް ހުށަހެޅީ ކީއްވެގެންތޯއެވެ. ގައުމާއި ރައްޔިތުންނެވެ. ދިވެހިވަންތަކަމެވެ. އިސްލާމް ދީނާއި ހުއްބުލް ވަތަނުގެ މާތް ސިފަ ހުރީމައެވެ. 

ތަމަޅައިން ރާއްޖެ އެރީ ދިވެހީންތަކަކާއި ގުޅިގެން ބަރު ހަތިޔާރު ހިފައިގެންމެވެ. އެކަން ދިފާއު ކުރަންވެސް ބަޔަކު ދިވެހީންގެ ތެރޭގައި އުޅުނެއެވެ. އަލައްބާރު އައީ ޑޮލަރުގެ ދަޅަ ހިފައިގެންނެވެ. ނަތީޖާ އެކައްޗެކެވެ. ގައުމިއްޔަތު ފުނޑުމެވެ. ތަމަޅައިން އެރީ ދިވެހީން ތަކެއް ފަހަތުގައި ތިބެއެވެ. ވެރިކަމުގެ ބޭނުމުގައެވެ. އަލއްަބާރުގެ ޖައްބާރުކަމުގެ ފަހަތުގައިވެސް ދިވެހީން ކަމަށް ބުނާ ޖައްބާރުން ތަކެކެވެ. ވެރިކަން ދިފާއު ކުރުމުގެ ބޭނުމުގައެވެ.

އަލައްބާރުގެ އަމަލުތައް ދިފާއު ކުރާ އެކި ގިންތީގެ މީހުން މަދެއް ނޫނެވެ. ގެއްލިދަނީ ގައުމެވެ. ގައުމިއްޔަތެވެ. މާތްވެގެންވާ އިސްލާމް ދީނަށް ދިވެހީން ދީފައިވާ ދަރަޖައެވެ. މުސްލިމުން ނޫން ބަޔަކު ދިވެހީންގެ ގޮތުގައި ދިވެހިރާއްޖެއަކު ޖާގަ ނުލިބޭނެ ކަމަށް ބުނާ ބުނުމުގެ ނިމުމެވެ. 

ތަމަޅަ ޓައިގަރުން ރާއްޖެ އެރިތާ 38 އަހަރުވީއެވެ. މިއަދު އެދުވަހުގެ ގުރުބާނީތައް ވަޒަން ކުރާނީ ކިހިނެތް ތޯއެވެ. ޝަހީދު ހުސެއިން އާދަމަށް ރައްދު ކުރާން އޮތީ ކޮން މެސެޖެއްތޯއެވެ. ދިވެހި ސިފައިންގެ ކިބައިގައި  އެދުވަހު ދެއްކި ރޫހު ނެތީ މާއްދިއްޔަތަށް ހެއްލި، ގެއްލިފައިވާތީ ތޯއެވެ. ގައުމިއްޔަތާއި ދިވެހިވަންތަކަން ކުޅޭ ޑްރާމާއަކުން ނިންމާލަން ހެޔޮ ނުވާނެއެވެ. ހެއްދެވިފަރާތް ގަންދީ ކުރި ހުވާ އާ ކޮށްލައްވާށެވެ. ގާނޫނު އަސާސީގައި ޔަހޫދީން ވަޒަންވެރި ކުރުވުން އޮތީތޯއެވެ. 

ޔަހޫދީންނަކީ މުސްލިމުންނާއި އެކު އުޅެވޭނެ ބައެއް ނޫންކަން ކީރިތި ގުރުއާނުގައި ވެއެވެ. މިކަމުން ގައުމަށް ދިމާވެދާނެ ގެއްލުން ވަޒަން ނުކުރަނީ ކީއްވެގެންތޯއެވެ؟ ދިވެހީން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ދިވެހި ފަސްގަނޑުގައި ވާން ދޫކޮށް ނުލާށެވެ. ފަލަސްތީނުގެ ހާލަތަށް ވިސްނަވާށެވެ. ފަލަސްތީނުގެ ފަސްގަނޑުން ތަންކޮޅެއް ޔަހޫދީން އުޅެން ދެއްކީ ހެޔޮ ކަމުންނެވެ. މިއަދު ފަލަސްތީނުގައި ފަލަސްތީނު ރައްޔިތުން އުޅެނީ ޖަލުތަކެއްގައި އުޅޭ ގޮތަށެވެ. ގާތް ގަނޑަކަށް 100 އަހެރެވެ. 

ޔޫއޭއީގެ ހާލަތަށް ބައްލަވާށެވެ. ދުނިޔެއަށް ހުޅުވާލާ ދުނިޔޭގެ އެކިތަންތަނުން މީހުން އާބާދު ކުރަން ފެށީއެވެ. 2021 ވަނައަހަރުގެ ތިންމަސް ދުވަހެއްގެ ހިސާބުތައް ދައްކާގޮތުން 5000 ޔަހޫދީން ޔޫއޭއީގައި ވަޒަންވެރިވިއެވެ. މިއަދު ޔޫއޭއީގެ އާބާދީގެ ނިސްބަތް ގުނާނަމަ މިއަދުގެ އާބާދީ އަކީ 10.7 މިލިއަން މީހުންނެވެ. އޭގެ ތެރެއިން 89 ޕަސެންޓު މީހުންނަކީ ބޭރު އެކިއެކި ގައުމުތަކުން ވަޒަންވެރިވެފައިވާ މީހުންނެވެ. ޔޫއޭއީގެ އަސްލު ރަށްވެހިންގެ ނިސްބަތަކީ އެންމެ 11 ޕަސެންޓެވެ.

މިއަދު އަސްލު އެމިރޭޓްސް މީހުން އެކަމާއި ހިތާމަކުރެއެވެ. އެ މީހުންގެ ގައުމެވެ. އެހެން ނަމަވެސް އެ ގައުމުގެ ކަންކަމުގައި ބަސް ބުނަނީ ބޭރުން އައިސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޒަންވެރިވި މީހުންނެވެ. އެމިރޭޓްސްގެ އަސްލު ދަރީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވެ ނިމުނީއެވެ. ޔަހޫދީ ބޮޑު އާބާދީއެއް އޮވެއެވެ. 

ރަސްމާލޭގެ ބަހުސް މުހިންމު ވަނީ މިފަދަ ސަބަބުތަކާއި ހުރެއެވެ. އެމިރޭޓްސްގައި ޔަހޫދީން އާބާދު ކުރުމުގެ މަރުހަލާގައި އިސްކޮށް ސިއްރުންނާއި ފާޅުގައި ހަރަކާތްތެރިވި އިސް މީހުންގެ ތެރޭގައި އަލައްބާރު ރަސްމާލެ ހިބަޔަށް އެރުވިފަރާތް ވުމަކީ އިއްތިފާގެއް ނޫނެވެ. އިރާނުގެ ހަމަލާތައް ޔަހޫދީންގެ ސަހަރުތަކަށް ފޯރަން ފަށާފައިވާ ދުވަސްވަރެއްގައި ޔަހޫދީންނަށް އެމިރޭޓްސް ރައްކާތެރި ތަނަކަށް ނުވެއެވެ. އަދި އެމިރޭޓްގެ ސަރުކާރަކަށްވެސް އެމީހުން ދިފާއު ކޮށްދިނުމުގެ ގާބިލުކަމެއް ނެތެވެ. އެ މީހުން އިތުރު މަންޒިލެއް ހޯދަންޖެހިއްޖެއެވެ.

އަލައްބާރާއި ހެންލީ އެންޑް ޕާޓްނާރސް ގުޅިގެން ކަޅިއަޅަނީ ދިވެހިރާއްޖެއަށެވެ. ވެރިކަމުގައި ދަހިވެތި ސައުދާގަރުން އުޅޭ ނަމަ ގައުމުތައް ހަލާކު ކޮށްލުމަކީ ފަސޭހަ ކަމެކެވެ. ލީޑަރޝިޕް ވީކް މީހުން ބޭރުގެ މިފަދަ މީހުން ހޯދާނެއެވެ. ދިވެހި ތާރީހު ނުދެކޭހާ ބަލިކަށި ލީޑަރޝިޕެއް އޮތް ވަގުތެކެވެ. ޔަހޫދީ އެޖެންޓުން ފުރުސަތުގެ ބޭނުން ހިފީއެވެ. 

ދިވެހި ގައުމު އަޅުވެތި ކުރަން، ހަލާކު ކޮށްލާން ހަތިޔާރެއް ބޭނުމެއް ނުވާނެއެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ލީޑަރޝިޕް ދަށް ހިޔަޅަކަށް ވެރިކަން ހޯދާދޭން ވީއެވެ. މުއިއްޒަކީ ދެދުވަހު އެއްވާހަކައެއް ދައްކަން ދަންނަ މީހެއް ނޫންކަން މުޅި ދުނިޔެ ދަނެއެވެ. އެހެން ނަމަވެސް ދިވެހި އަސްކަރިއްޔާ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހުރަސްތައް ވަޒަން ކުރަން ޖެހޭނެއެވެ.

ގައުމާއި ދީނުގެ ހައްގުގައި ކޮންމެ ކޮންމެ ވެރިކަމަކާއި ވެރިއަކު ދިފާއުކުރުމަކީ ގައުމީ ވާޖިބެއް ނޫނެވެ. ހަނދި ހަސަން ރަސްގެފާނާއި ނުވަވަނަ ހަސަން ރަސްގެފާނާއި އެނދި މަރިޔަބު ފަދަ ކިތަންމެ ގައްދާރުންނެއް ކުރީން ވެސް ވެރިކަން ކޮށްފައިވެއެވެ. ގައްދާރުންގެ މައްޗަށް ގައުމު އިސްކުރުމަކީ ހުވައަށް ތަބާވުމެވެ. ގައުމަށާއި ރައްޔިތުންނަށް ވަފާތެރިވުމެވެ.

ނަސްރުގެ ދުވަސް ބޯމަތިވި އިރު މިއޮތީ އިތުރު އުދުވާނަކާއި އަނެއްކާވެސް ކުރިމަތި ލާންޖެހިފައެވެ. ސިފައިންނަށް އެގެެއެވެ. އެހެން ނަމަވެސް ކުރީގައި ލޭގައި ހުރި ހުއްބުލްވަތަނުގެ ޖޯޝް ހުރީ ކުޅޭ ޑްރާމާ އާއި ކިޔާ ލަވައިގައި ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް:-

“ދިވެހި އުންމަތުގެ މީ ޢިލްތިމާސް

ވާޖިބާ ޚިދުމަތާ ތިލަފަތުން ކިރާ

ލާށެ ޙުއްބުލް ވަޠަން ޢަޒުމަކުން ދިރާ 

ދީނަށްޓަކާ ޖާނުދީ ފިދާ

ދާށެ ސީދާމަގުން ނެއްޓިގެން ނުދާ   

ދާށެ އެންމެން އެކީ ދާށެ ރޫޙާއެކީ

ދިވެހި އުންމަތުގެ މީ ޢިލްތިމާސް”

ހަނދާނަށް އާދެއެވެ. ލޮލުން ކަރުނަ ފޭދެއެވެ.