ގައުމީ ދުވަހަކީ ރައްޔިތުންގެ އަޑު އިއްވުމުގެ ދުވަސް: ފައްޔާޒު

އަނެއްކާވެސް މިވަނީ ބިރުވެރިކަން އުފެދިފައި

ގައުމީ ދުވަހަކީ ރައްޔިތުންގެ އަޑު އިއްވުމުގެ ދުވަސް: ފައްޔާޒު

ގައުމީ ދުވަހުގެ ތަހުނިޔާ ފަޚުވެރި ދިވެހި ދަރިންނަށް އަރިސްކުރައްވާ ކަން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ފާޅު ކުރައްވާފައެވެ.

ފައްޔާޒު ވިދާޅުވި ގައުމީ ދުވަހުގެ ގޮތުގައި ޙާއްސަ ދުވަހެއް ފާހަގަ ކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މަތިވެރި ޖިހާދުން، ޕޯޗްގީޒުންގެ އަތްދަށުން މި ވަޠަން ސަލާމަތް ކުރެއްވުމާއެކު، ދިވެހީންގެ އަމިއްލަ ވެރިކަމެއް ހިންގާ މިނިވަން މުސްތަޤިއްލު ގައުމަކަށް ދިވެހިރާއްޖެ ވީ ކަމުގެ ޒިކުރާ އައު ކުރުމަށެވެ.

ފުރިހަމަ މިނިވަންކަމާއެކު، ގައުމެއްގެ ސިފައިގައި ދިވެހިރާއްޖެ އޮތުމަށް ޓަކައި ފަރުދީ، ދާހިލީ އަދި ހާރިޖީ މިނިވަންކަން އެކުއެކީ ދެމެހެއްޓުން ނުހަނު މުހިންމު ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ތާރީހު ހެކިދޭ ގޮތުން، މި ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަމެއް މެދުވެރި ވެފައިވަނީ، ދިވެހީންގެ ތެރެއިން ބަޔަކު އަމިއްލަ މަންފާއަށް ޓަކައި ނުވަތަ ރައްޔިތުންނަށް މޮޅުގޮތް ހޯދައި ދިނުމުގެ ނަމުގައި ހިންގި ފަރުވާކުޑަ އަދި ނޭއްގާނީ ޢަމަލުތަކެއްގެ ސަބަބުން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ގައުމީ ދުވަހަށް އަލިވިލޭއިރު، ގައުމިއްޔަތާއި އަދި ގައުމީވަންތަކަން ގެއްލިގެންދާ ގޮތަށް ނިންމޭ ނިންމުންތަކުން އަނެއްކާވެސް މިވަނީ ދިވެހި ޖައްވުގައި ބިރުވެރިކަން އުފެދިފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ. 

ގައުމީ ދުވަހަކީ މި ކަންކަމުގެ މައްޗަށް ރައްޔިތުން ބަސްބުނެ، އަޑު އިއްވަން އެންމެ މުނާސަބު ދުވަސްކަމަށް ވިދާޅުވަމުން މާތް ރަސްކަލާންގެ މި ލޮބުވެތި ވަތޮން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދި ދުއާ ކުރައްވައެވެ.