ވާދަވެރިންނަށް ނޭގުނު އިބޫގެ ތަރައްޤީ ފޯމިއުލާ

ކޮވިޑް-19 ގައި އިގްތިޞާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ގައުމުތައް ވެއްޓުނު.

ވާދަވެރިންނަށް ނޭގުނު އިބޫގެ ތަރައްޤީ ފޯމިއުލާ

2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކު އިގްތިޞާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ގައުމުތައް ވެއްޓުނެވެ. 2020 ވަނަ އަހަރަކީ މި ބަލިމަޑުކަން ރާއްޖެއާއި ހަމައަށް ފޯރައި ރާއްޖޭގެ އިގްތިޞާދީ މައި މަސައްކަތް ހުއްޓުމަކަށް އައި އަހަރެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގައި އިންސާނުންގެ ފުރާނަތަށް ގެއްލިފައިވާއިރު، މިއީ އާންމު ސިއްހަތާއި ކާބޯތަކެތީގެ ނިޒާމުތަކާއި މަސައްކަތުގެ ދުނިޔެއަށް މީގެ ކުރިން ނުފެންނަ ގޮންޖެހުމެކެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ބުރޫއެރުމަކީ މީގެކުރިން ދުވަހަކުވެސް ކުރިމަތިނުލާ ފަދަ ކާރިސާއެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާތައް ގެއްލި، އެތައް މިލިއަން ބައެއްގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވަނީ ވެއްޓުނެވެ.

ދިވެހިރާއްޖޭގައި ވެސް މިކަން ތަޖުރިބާ ކުރަން ޖެހުނީ މި ފަދައިންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ ހުއްޓުމަކަށް އައިސް، އިގްތިސާދުތައް ހީނަރުވެ، މީހުންގެ އަތްމަތި ދަތިވެ، ގިނަގުނަ ގޮންޖެހުންތައް ދިގުލައި ދިޔުމާއެކު ދިރިއުޅުން ކޮޅަށް ޖަހާ މިނިވަންކަމާއެކު ކުރިން އުޅުނު ގޮތައް އުޅެވޭނެ ދުވަހަކަށް އިންސާނުން ތިބީ ކެތްމަދުވެފައެވެ. ކޮވިޑް- 19 ގެ ސަބަބުން ދެކުނު އޭޝިއާ އިން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް ވޯލްޑް ބޭންކުން އޭރުވެސް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައި ވަނީ އެ ބޭންކުން އެކުލަވާލި “ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020” ރިޕޯޓްގައެވެ. އެރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން 13- އާއި 8- އާއި ދެމެދަށް ވެއްޓޭނެއެވެ. މިހެން ކަންތައް ދިމާވާނެ މައިގަނޑު ސަބަބެއް ކަމުގައި އެ ބޭންކުން ބުނީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވުމުން ކޮވިޑް 19 އާ ގުޅިގެން އެ އިންޑަސްޓްރީ އެއްކޮށް ހުއްޓިފައި އޮތުމެވެ.

ދުނިޔޭގައި ފެތުރެމުންދިޔަ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހުރިއްޔާ ނިންމެވިއެވެ. މި ގޮތުން އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ:-

1. 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ކުރެއްވުން.

2. ސަރުކާރު ބަންދު ކުރި މުއްދަތުގައި، ތިރީގައި މިވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުން.

(ހ)  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛

(ށ)  ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛

(ނ)  ބްރޯޑްކާސްޓިންގގެ ޚިދުމަތް؛

(ރ)  ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛

(ބ)  ބޭންކުތަކުން ދޭ ޚިދުމަތް؛

(ޅ)  ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛

(ކ)  ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛

(އ)  ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛

(ވ)  ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛

(މ)  ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛

(ފ)  ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛

(ދ)  ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛

(ތ)  އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛

(ލ)  ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛

(ގ)  ޖަލުތަކުގެ ޚިދުމަތް؛  

(ޏ)  ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛

(ސ) މޫސުމާބެހޭ ޚިދުމަތް.

3. ބަޔާންވެ ދިޔަ ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރުއްވި މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނު ކުރައްވައިފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވި މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުން.

4. ސަރުކާރު ބަންދު ކުރެއްވި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވި ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހުނު މަސައްކަތްތައް ކުރެއްވުން.

5. ސަރުކާރު ބަންދު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) ތަންފީޒު ކުރުމުގެ ގޮތުން،  ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުން ހިމެނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވުމާއި ގުޅިގެން އާންމު ވިޔަފާރިތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ރިލީފް ޕެކޭޖުތަކެއް ސަރުކާރުން ތައާރަފު ކުރިއެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް ހާއްސަ އެހީ ފޯރުކޮށްދީ މުޖުތަމަޢު ހިނިތުންކޮށްލިއެވެ. މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމާއި އެކު ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވެސް ވަރުގަދަ ކުރެވިގެން ދިޔައެވެ. ބަލިމަޑުކަމުން ހަގީގަތުގައި އަރައިގަނެވި ހިންދަމާ ނުލެވުނު ނަމަވެސް ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތި ގެންދިވީ ކުރިއަށެވެ. އަދިވެސް ދަނީ ކުރިއަށެވެ.

ކޮވިޑް19އާއި ގުޅިގެން އެންމެ ފަހުން ބަންދުކުރެވި އެންމެ ކުރިން ހުޅުވުނު ބޯޑަރަކީ ރާއްޖޭގެ ބޯޑަރެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ އިން 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު 172،536 ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ. ޓްރޭޑިން އިކޮނޮމިކްސް ގްލޯބަލް މެކްރޯ މޮޑެލްސް އަދި އެނަލިސްޓުން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ 5.83 ބިލިއަން ޑޮލަރަށް އަރާނެއެވެ.