މީޑިއާ ކޮންޓްރޯލް ބިލަކީ ވަރަށް ބޮޑަށް އުނި ބިލެއް: ޑރ. ސަވާދު
މީޑިއާ "ރެގިއުލޭޓް" ކުރުމަށް ފާސްކޮށްފައިވާ ބިލަކީ ވަރަށް ބޮޑަށް ފުރިހަމަ ނޫން އުނި ބިލެއްކަން ޑރ. އަހުމަދު އަލީ ސަވާދު ފާހަގަ ކުރައްވައެވެ. ކޮންޓްރޯލް ބިލުން ހުލާސާ ގޮތެއްގައި ޑރ. ސަވާދު ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލައިލުމުން މީޑިއާ ކޮންޓްރޯލް ބިލަކީ މިނިވަން ކަމާއެކު ހިޔާލުފާޅުކޮށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ރޭވިގެން ސަރުކާރުން އަރައިގަތް އަރައި ގަތުމެއް ނޫންކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.
މީޑިއާ ރެގިއުލޭޓް ބިލުން އެންމެ ބޮޑަށް އުނިކަމަށް ޑރ. ސަވާދު ފާހަގަކުރައްވާ އެއްކަމަކީ މީޑިއާތައް އޭގެ އަމިއްލަ ޒާތުގައި ރެގިއުލޭޓް ކުރުން ނުވަތަ މީޑިއާތައް ބައިވެރިވެގެން ރެގިއުލޭޓް ކުރުމަށް ގަބޫލުކުރެވި ބަލައިގެންފައިވާ ބައިނަލްއަގުވާމީ މިންގަނޑުތައް ބަލިކަށިކޮށްލާފައި އޮތް އޮތުމެވެ. މީޑިއާ އަމިއްލަ ޒާތުގައި ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ގާނޫނު އަސާސީގެ ޑިމޮކްރެޓިކް އުސޫލުތަކާވެސް ހިލާފަށް، ދައުލަތުގެ ބާރުގެ ދަށުން ހިންގޭ ރެގިއުލޭޓަރީ ނިޒާމެއް ތައާރަފު ކުރާ ކުރުމެވެ.
ދޮގު ހަބަރާއި، އޮޅުވާލުމުގެ މައުލޫމާތާއި، ނުބައިކޮށް މައުލޫމާތު ދިނުމުގެ މައްސަލަތައް ހައްލުކުރުމަށް ހާމަކަން ބޮޑު ހަގީގަތް ދެނެގަތުމުގެ ނިޒާމެއް ހުށަހެޅުމުގައި މީޑިއާ ރެގުލޭޓް ބިލް ވަނީ ނާކާމިޔާބު ވެފައިކަމަށް ޑރ. ސަވާދު ފާހަގަ ކުރައްވައެވެ. އޭގެ ބަދަލުގައި، މައްސަލަ ހައްލުކުރުމަށް އަދަބު ދިނުމާއި ސެންސަރ ކުރުމަށް ދީފައިވަނީ މާބޮޑު އިސްކަމެއްކަން ފާހަގަ ކުރައްވައެވެ.
އަމިއްލަ ފަރާތްތަކުގެ މީޑިއާތަކަށާއި އާންމު ހިދުމަތްތަކުގެ މީޑިއާތަކުގެ މިންގަނޑުތައް އެކަށީގެންނުވާ ގޮތެއްގައި ތަތުބީގު ކުރެފިއޮތް އޮތުމަކީ އެހާމެ ބޮޑު ގޯހެއް ކަމަށާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމާ ގުޅޭ މާއްދާތައް ބިލުގައި ހިމަނާފައިވާތީ، މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ސޯޝަލް މީޑިއާވެސް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތްއޮތުމަކީވެސް އެހާމެ ބިރުވެރި ކަމެއްކަން ޑރ. ސަވާދު ފާހަގަ ކުރައްވައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ގާނޫނީ އިޖުރާއަތުގެ ހައްގުތަކަށް މީޑިއާ ރެގިއުލޭޓް ބިލުން ގެނެސްފައިވާ ހަނިކުރުންތައް، ޤާނޫނު އަސާސީގެ 16 (ހ) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 'އެކަށީގެންވާ ހަނިކުރުންތަކުގެ' މިންގަނޑުތަކަށް ނުފެތޭ ކަމަށްވެސް ޑރ. ސަވާދު ވިދާޅުވެއެވެ،