އޮކްޓޯބަރ 3 ގައި މުޒާހަރާއަށް ނިކުންނަންޖެހޭ ސަބަބުތައް މިއޮތީ!

އޮކްޓޯބަރ 3 ގައި މުޒާހަރާއަށް ނިކުންނަންޖެހޭ ސަބަބުތައް މިއޮތީ!

ރައީސް މުއިއްޒު ސަރުކާރު ހަމައިންނައްޓާލާ ގައުމު ލޫޓުވުން ހުއްޓުވަން އޮކްޓޯބަރު 3 ގައި ނިކުންނާތީ ބަޔަކު ބިރުން ތުރުތުރު އެބައަޅައެވެ. 3 އޮކްޓޯބަރ މުޒާހަރާ ވައިގައި ހިފިޔަ ނުދިނުމަށް ސަރުކާރުން މަރުފަލި އެބަޖަހައެވެ. ކަމަކަށްފަހު ކަމެއް ކޮށްގެން ވީހާވެސް ގިނަ ބަޔަކު މުޒާހަރާއަށް ނުނިކުންނާނެ ގޮތެއް އެބަހަދައެވެ. 

މުޒާހަރާ ރާވާ ހިންގާ އިދިކޮޅު އެމްޑީޕީ ގެ ލީޑަރޝިޕަކީ ވަގުންކަމަށް ތުހުމަތުކޮށް ގައުމު ލޫޓުވާލީ އެމްޑީޕީންކަމަށް ދެއްކުމަށް ސަރުކާރުން ނުކުރާ މަސައްކަތެއް ނެތެވެ. ދަންވަރަށް ނެރޭ އޯޑިޓް ރިޕޯޓުތަކާއި އަވަސް އަރުވާލައިގެން ކުރާ ނުހައްގު ހުކުމްތަކުން ރާހަތެއް ނުކުރިއެވެ. ބަޖެޓްގައި ހިމެނިފައި ނެތަސް ސިވިލް ސާވިސް ޢާއި ކައުންސިލްތަކާއި ޖުޑިޝަރީ މުއައްޒަފުންގެ މުސާރަ ބޮޑުކުރާ ވާހަކަ ދައްކައިގެންނާއި މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރާ ކަމަށް އަޑު ފަތުރައިގެން ވެސް މީހުން ހުއްޓުވޭ ގޮތެއް ނުވިއެވެ. އެތައް ސަތޭކަ މިލިޔަން ޑޮލަރު ހަރަދު ނުކޮށް ރިނޮވޭޓް ނުކުރެވޭވަރު ވެފައިވާ އައްޑު އަތޮޅު ވިލިގިލި ( ޝަންގްރިއްލާ ރިސޯޓް) ދެތިން ކޮޓަރި މަރާމަތު ކޮށްލައިގެން ހުޅުވާދޭން އާދޭސް ކުރަނީ އައްޑު މީހުން މައިތިރި ކުރެވޭތޯކަން އައްޑޫ އެންމެންނަށް އެނގެއެވެ. 

3 އޮކްޓޯބަރގައި ނިކުތުން ހުއްޓުވަން ބޭނުންވި ނަމަ 110 ބިލިއަން ރުފިޔާ ބަޖެޓުން ހުސްކުރިއިރު ރައްޔިތުންނަށް ފައިދާއެއް ވީހެވެ. އެންސްޕާއިން 35 މިލިއަން ރުފިޔާ ވަގަށް ނަގައިގެން މުއިއްޒު ޕްރޮމޯޓް ކުރަން ޓީވީ ޗެނަލެއް ނުހެދީހެވެ. އާސަންދައަށް ދަތިކޮށް ބޭސް ސިޓީއަށް ސަލާން ޖަހަން މަޖުބޫރު ނުކުރީހެވެ. ކަރަންޓު ބިލުތައް ބޮޑުކޮށް ރައްޔިތުން ފެލަމަކުން ނުގެންދިޔައީހެވެ. އާއްމު ރައްޔިތުންގެ ކުންފުނިތަކާއި ފިހާރަތަކާއި ހިދުމަތްދޭ ތަންތަނުން ހޯދާފައިވާ ހިދުމަތްތަކަށް ދޭންޖެހޭ އަގު ނުދީއެއް ނުބެހެއްޓީހެވެ. ރާއްޖޭގައި ބޭސް ވިއްކާ އާއްމުންނަށް ވަގަކަށް ނުގޮވީހެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލުއިފަސޭހައެއް ކޮށްނުދޭތާ ޒާތްޒާތުގެ ޓެކްސްތަކާއި ފީތައް ބޮޑުކޮށް އާމްދަނީގެ %40 ސަރުކާރަށް ދަމައިގަންނަމުން ޑޮލަރު މާރުކުރަން މަޖުބޫރެއް ނުކުރީހެވެ. 

އޮކްޓޯބަރު 3 ގައި ނުކުންނަނީ ރިޝްވަތު ދީގެން މަޖިލީހުން 13 މެންބަރުން ގަނެފައިވާތީއެވެ. ރައްޔިތުންނަށް ދޮގު ވައުދުގެ ދަޅަދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ހޯދައިގެން ރައްޔިތުންނަށް ހަރާން ކޯރުވާތީއެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ފަސްޓް ކުލާހުގައި ބޮޑެތި ފައުޖުތައް ގޮވައިގެން ދަތުރުކޮށް ހޭނުބަހައްޓާ އިސްރާފު ކުރާތީއެވެ. ރަސްމާލެ ހިއްކުމުގެ ނަމުގައި ބިލިއަން ރުފިޔާގެ ދަރަނި ނަގައި އިސްރާފު ކުރަމުންދާތީއެވެ. ޑްރޯން ގަތުމުގެ ނަމުގައި 560 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާތީއެވެ. ގައުމުގެ ހާލަތާ ނުބައްދަލު ބޮޑެތި މަނަވަރު ގެނެސްގެން ކުރަން ނުޖެހޭ ބޮޑެތި އިސްރާފް ކުރާތީއެވެ. ގޮތްނޭނގޭ ސްކޭމަރުންނާ ގުޅިގެން ސްކޭމް ހިންގާ އެތައް މިލިޔަން ޑޮލަރެއް ގެއްލުވާލާތީއެވެ. ސިޔާސީ އައުވާނުންގެ އެތައްބައެއްގެ އާއިލާތަކަށް، ބޭރުގައި ހުންނަ އެންބަސީތަކަށް ފޮނުވައިގެން ޑޮލަރުން ބޮޑު މުސާރަދޭތީއެވެ. ބޭރުގައި ކިޔަވަންތިބި ކުދިންނަށް ސަރުކަރުން ދޭންޖެހޭ ފައިސާ ނުދީ ދިވެހި ކުދިން ބޭރު ގައުމުތަކުގައި މަގުވަތި ވާތީއެވެ. ދިން ތާކުން ދިން ގޮތަކަށް ދިން މީހަކަށް ދޭން ބުނި ގޯތިތަކާއި ފްލެޓްތައް ނުދީ ހިފަހައްޓާތީއެވެ.

އޮކްޓޯބަރު 3 ގައި ނުކުންނަނީ ރައްޔިތުން އިންތިހާބު ކުރި މަންދޫބުން އަޅުވެތިކޮށް ރައްޔިތުންގެ ބާރު ފޭރިގެންފައިވާތީއެވެ. ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކިކޮށް ސުޕްރީމް ކޯޓު ފުނޑާ ލީތީއެވެ. ހައްގަކުން ހައްގަކުން ލޫޓުވަމުން ގޮސް ރައްޔިތުން އަޅުވެތި ކުރަމުން ދާތީއެވެ. ސިޔާސީ މަގާމުތަކުން ސަރުކާރުގެ މަތިބަރުކޮށް ހައްގުނޫން ބަޔަކަށް މުސާރައިގެ ގޮތުގައި ދައުލަތުގެ ހަޒާނާ ބަހާލާތީއެވެ. އޮކްޓޯބަރު 3 ގައި ނުކުންނަނީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި 20ރ އިން މައްޗަށް ޑޮލަރު އަރާ ޒަރޫރީ ބޭނުންތައް ނުފުއްދޭ ހިސާބަށް ކަންކަން ގޮސްފައިވާތީއެވެ. ހިޔާލާއި ފިކުރުގައި ތަޅު އަޅުވައި މިނިވަން ނޫސްވެރިކަން ސަރުކާރުން މަރާލީތީއެވެ. ގުޅިގެން ބައިއަޅައިގެން ދައުލަތް ލޫޓުވާލާތީއެވެ.