ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ފެށުން
ގަން އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ
އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ބަޔަކާ ހަވަލުކޮއްފިއެވެ. މީރުމާ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުއެވެެ. މަސައްކަތާއި ހަވާލުވި އިންޑިއާ ކުންފުނި ރެނާޓަސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ސިލްވަ ސެންދްރަމްއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ގަން އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ.
މި ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ހިންގާ ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުގައި ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް އިތުރަށް ބޮޑުކޮށް ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތައް ގާއިމު ކުރުން ހިމެނެއެވެ. މުޅިން އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ވެސް ބިނާކުރެވިގެންދާނެއެވެ. ގަން އެއާރޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާއެކީ ކާގޯ ވަސީލަތްތައް ތަރައްގީކޮށް މަގުތައް ހަދައި ޕާކިންއާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމަ ކުރާނެއެވެ.