ހުރިހާ ބާރެއްދެއްވައި ދޮގު ދައުވާތައް ފަލީހަތް ކުރައްވައިފި: އިލްޔާސް ޖަމާލް

ހުރިހާ ބާރެއްދެއްވައި ދޮގު ދައުވާތައް ފަލީހަތް ކުރައްވައިފި: އިލްޔާސް ޖަމާލް

ނިމިގެންދިޔަ ވެރިކަމުގައި ފްލެޓްތައް ދިނީ ހައްގު ގޮތުގައިތޯ ބަލައިދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއްޔާ އެކަން ބަލައިގަންނާނަން ކަމަށް ބުނެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރ ހުސައިން ޝާރީފް (ހުސެންބެ) ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކައަކަށް ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ޖަމާލު ހޫނު ރައްދެއް ދެއްވައިފިއެވެ.  

ޝައިހު އިލްޔާސް ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. " ހުސޭނެވެ. ހައްގުން ދީފަހުރިތޯ ބަލަން ދޮޅުއަހަރު ހޭދަކުރުމަށް ފަހު ހަމަ އެ ލިސްޓަށް ދޭން ނިންމީވެސް ތިޔަ ރަޙްމެއްނެތް ސަރުކާރުންންނެވެ. އެތަންތަނަށް މީހުން ވައްދާނެކަމަށް އެތައް ތާރީޚުތަކެއް ދީ ދޮގުހަދައި ރައްޔިތުން ގަނަތަޅުވަނީ ވެސް ތިޔަ ސަރުކާރުންނެވެ."

އިލްޔާސް ޖަމާލު ވިދާޅުވި ގޮތުގައި "ތިޔަ ހަށިތަކުގައި އިންސާނީ ކަރާމަތާއި ކުލުނު ވެރިކަމުގެ ލޭހިނގާނަމަ، ރައްޔިތުންނަށް ވޭނެއް ލިބެން އެންމެ ހިނދުކޮޅަކަށް ވެސް ބޭނުން ނުވާނެއެވެ."

ގަރާރުތައް ވައްދައިގެން ކަމެއް ކުރާނަމަ، ވައްދަންވީ ސަރުކާރުން ހަދާ ދޮގުތަކާއި އަނިޔާތަކާއި އިސްރާފްތައް ހުއްޓުވުމުގެ ގަރާރުކަމަށް ޝައިހު އިލްޔާސް ޖަމާލް ވިދާޅުވިއެވެ. ހަގީގަތުގައި ވެރިމީހާއަށް ނަސްރުދީ ރައްޔިތުންނަށް ވަފާތެރި ވުމަކީ އެއީ ކަމަށްވެސް ޝައިހު ވިދާޅުވިއެވެ. 

" އޭގެ ބަދަލުގައި ތިޔަ މެންބަރުން ތިޔަ ތިއްބެވީ ސަރުކާރުގެ އަނިޔާވެރިކަމަށް ވާގިވެރިވާ މަދަދުގާރުންގެ ގޮތުގަ" ކަމަށް ވިދާޅުވަމުން ޝައިހު އިލްޔާސް ޖަމާލު ވިދާޅުވީ " ހަތް އުޑުމަތިން ރައްބުލްއާލަމީން ބައްލަވާވޮޑިގެންވެތެވެ." 

ގައުމޭ މިއްލަތޭ އީމާނޭ ތަގުވާއޭ ޔާމީނަށް ވެރިކަމޭ ކިޔައި މަތިވެރި ދީން ވިއްކައިގެން ރައްޔިތުންނަށް އޮޅުވާލުމުން، ހިކްމަތް ވަންތަ އިލާހު މި ސަރުކާރަށް ހުރިހާ ބާރެއްދެއްވައި، އެއީ ދޮގު ދައުވާތަކެއްކަން ދައްކަވައި، ރައީސް ޔާމީނަށް ގައްދާރުވެ، ދީނާ ހިލާފަށް އަނިޔާވެރިވެ ބައިތުލް ނަހަމަ ގޮތުގައި ލޫޓުވާތަން ފަލީހަތް ކުރައްވަމުން ގެންދަވާ ގޮތާމެދު ފުންކޮށް ވިސްނަވައި ޢިބްރަތް ލިބިގަނެ، ރައްޔިތުންނަށް އަނިޔާވެރިވުމުގެ މަގު ދޫކޮށް، ސަރުކާރު ހަމަމަގަށް އެޅުވުމަށް މެންބަރުންގެ ކޮނޑުގައި އެޅިވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމަށް މަޖިލިސް މެންބަރުންނަށް ޝައިހު އިލްޔާސް ޖަމާލު ނަސޭހަތްތެރިވެ ވަޑައިގަނެއެވެ.