މޭޔަރ މުއިއްޒާއި ރައީސް މުއިއްޒުގެ ބާރުބެހުން
ކާމަސްތުރަ ޝެއިހަށް ނަހަލާލު ދަރި ލައްވާ ގޮތް
ލަދު ހަޔާތުގެ ކަންފުޅެއްވެސް މުއިއްޒު ގައިގާ ހަމަ ނެތީއެވެ. ވެރިކަން ޖަހައިގަތީ ދަރިމައި ކުކުޅެއްގެ ކައިރިން މިނިކާ ބާޒެއް ފިޔޮއް ޖަހައިގަންނަހެނެވެ. ދެ ޕާޓީ ފުޅިއްސާލީ ރާމާމަކުނު ބޯކިބާ ބަހާގޮތަށެވެ. ސަރުކާރަށް ވަޒީރުން ފުނި ޖަހަނީ ބަޑިތަކުރަށް އަލަފަތް އައިހެންނެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ. ކޮންމެ ކަމެއް އޭނާ އެ ދުއްވާލަނީ ކާމަސްތުރަ ޝެއިހަށް ނަހަލާލު ދަރި ލައްވާ ގޮތަށެވެ.
ސިޓީ ކައުންސިލް މޭޔަރަކަށް ހުރިއިރު އެއްވެސް ކަމެއް ކުރީގެ ސަރުކާރުން ކުރިޔަ ނުދިން ކަމަށް މުއިއްޒު ނިކަން ބާރަށް ބުނެއެވެ. ލާމަރުކަޒީ ނިޒާމް ވަރަށް ރަނގަޅަށް ހިނގަން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެއެވެ. ރައްޔިތުންނަށް ހީވާގި ކަމާއެކު ހިދުމަތް ކުރީމާ ރައްޔިތުން ވަރަށް ލޯބިވާނެ ކަމަށް ވެސް ބުނެއެވެ.
މުއިއްޒު މޭޔަރަކަށް ހުރިއިރު މާލޭ މާރުކޭޓާއި ޕާރކިން ރޭމްޕްތައް އެޅުމާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރަން އެެއްވެސް ކަމެއް ސިޓީ ކައުންސިލުން އޭރު ކުރިޔަ ނުދިން ކަމަށް އަޑަށް ބާރުލާފައި މުއިއްޒު ބުންޏެވެ. ސިޓީ ކައުންސިލުން އަމީނީ މަގު ހަދަން އުޅުނީމާ އެކަން ކުރިޔަ ނުދީ އާރުޑީސީއަށް ހަވާލުކުރި ކަމަށްވެސް ބުންޏެވެ. މުއިއްޒު މޭޔަރު ކަމުގައި މާލޭ މަޖީދީމަގު ހެދިލެއް ރަނގަޅުކަމުން މަތިމަތިން ކެރިކޮޅެއް ބުރުއްސާލިޔަސް މުޅި މަގު އޮންނަނީ ސްވިމިންގ ޕޫލަކަށް ވެފައެވެ. ރަސްފަންނު އަބަދު އޮންނަނީ މުއިއްޒުވެފައެވެ. މާލޭ ދެކުނު ފަރާތުން ހެދި މުއިއްޒު ނެރުވީ އުޅަނދު ފަހަރު ފުޑާ މެޝިނަކަށެވެ. އާސަހަރާ އޮތީ ކެންޕޭނު ފައިސާ ބޮކިޖަހާ އަރާ ސިހުރު ބިމަކަށް ހަދާފައެވެ.
އެތައް މިލިޔަން ރުފިޔާ ހޭދަކޮށްގެން ބައި އަޅައިގެން ކަދުރު ރުއްތަކެއް އެތެރެކޮށް މާލޭ ރިންގ ރޯޑް އަރިމަތީ އިންދައިގެން ބިޔަވެގެންވާ ކޮރަޕްޝަނެއް ހިންގާލީއެވެ. އިންދިހާ ޖާދޫގެ ކަދުރު ރުއްތަކަށް ލޮނުއަރައިގެން މަރުވާތީ ކިޔެވެލި ފެންޖެހީ ރިޔާސީ އިންތިހާބުގެ ނަތީޖާ ލިބެންދެނެވެ. އެމްޓީސީސީން ބަހުގެ ހިދުމަތް ދޭންފެށުމުން ވިލިގިލީގައި ބަހުގެ ހިދުމަތްދޭނީ ސިޓީ ކައުންސިލުންނޭ ބުނެފައި އެތައް މިލިޔަން ރުފިޔާ ބައި އަޅައިގެން ހަރަދުކޮށް ބަސްތަކެއް އެތެރެކޮށް ހަމަސްދުވަސް ނުވެ އެހުރިހާ ބަހެއް ބާދަގަނޑަށް ހަދާލީއެވެ.
މިއީ އަދި ކުޑަ މިންވަރެކެވެ. މިހުރިއްޔަކީ ނުބަލާ ދޫކޮށްލާ ވަރުގެ ކަންކަމެއް ނޫނެވެ. ރަނގަޅަށް ބަލައިފިއްޔާ އަތްކަނޑާ ވަރުގެ ބޮޑެތި ވައްކަމެވެ. ހިޔާނާތެވެ. މާލޭ މޭޔަރުކަމުގައި މުއިއްޒު ހުރެ ކުރިހާވެސް ކަމަކީ ވެރިކަން ހޯދަން ސިހުރު ހެދުމެވެ. މަގާމުގައި ހުރެ މާލޭ ރައްޔިތުންނަށް ހިދުމަތް ކުރީ އަމާކީތީ ފަރަށް ދާހެނެވެ.
މޭޔަރު ކަމުން ރައީސް ކަމަށް ބަދަލުވެ މާލޭ ރައްޔިތުން އައު މޭޔަރަކު ހޮވާ އޭނާ ހުވާ ނުކުރަނީސް މާލެ ސިޓީގެ ބޮޑެތި ހުރިހާ ކަމެއް މުއިއްޒު އަންބޮނޑިއަށް ޖަހާލައިފިއެވެ. މޭޔަރުކަމުގައި ހުރި އިރު ސިޓީ ކައުންސިލަށް ނުދީގެން އުޅުނު ހުރިހާ ބާރުތަކެއް ކައުންސިލުން ނަގާ ރައީސް މުއިއްޒު އަތަށް ކަހާލީއެވެ. އެއްކަލަ މާލޭ މާރުކޭޓަކީ މީހާރަކު ސިޓީ ކައުންސިލާ ބެހުމެއް އޮތް ތަނަކަށް ނުވެއެވެ. ޕާކިން ރޭމްޕް ތަކުގެ މަސައްކަތަކީ ވެސް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމަކަށް މިހާރަކު ނުވެއެވެ. ސިޓީކައުންސިލަށް އޮތީ ބުޅާ ބެލެހެއްޓުމާއި މަގުތަކުގައި ފެން ބޮޑުވިޔަ ނުދިނުމާއި ވިހާ މަރުވާ ބެލެހެއްޓުމެވެ. ލާމަރުކަޒީ ބާރުތައް މުއިއްޒު މާލެ ސިޓީ ކައުންސިލަށް ދޫކޮށްލާ ގޮތް ކިހާ ސަޅިހެއްޔެވެ.
ހުޅުމާލޭގެ ހުރިހާ ބާރުތަކެއް ސިޓީ ކައުންސިލަށް ދޭންބުނެ އުވާލަންބުނި އާބަންކޯ ނަން ބަދަލުކޮށް އެޗްޑީސީ އަލުން އުފަންކޮށް އެތަން ހިންގަން މިނިސްޓަރ ފެންވަރުގައި އެމްޑީ އައްޔަނުކޮށްގެން އިހުނަށްވުރެ ހުޅުމާލޭގެ މައްޗަށް ގަދަވެގަތީ މަގުކުނިކެހުން ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ. ސިޓީކައުންސިލަށް ހުޅުމާލެ ދިނީ މޮހަނަށް ދޯނި ދޭހެނެވެ.
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ގޮތަކާ ދޭނެ ތަނެއް އެނގެނީވެސް މުއިއްޒަށެވެ. ކުޑަ މިނުން ހިޔާވަހިކަން ނުލިބި ބިކަވެފާ ތިބި މީހުން ބޭނުން ވަނީ ކޮންގޮތެއްތޯ ވެސް ބަލާނުލައެވެ. އެއަށްވުރެ މުއިއްޒަށް މާ އެނގެއެވެ. ހިޔާވަހި ކަމުގެ މަޝްރޫއުތައް މަޑުނުޖެހި ހިނގާ ކަމަށް ބުނެ ބުހުތާން ދޮގު ރީތި ރާގު ރާގަށް ހައްދަނީ ގުރުއާން ހިތުދަސް އެޔެއް މިޔެއް ނޭނގޭ ވަލުބުޑު ނުކެނޑޭ ޅަ ދަރިއަކުލައްވައެވެ. އެ ސޮރު ދޮގެއް ނުހަދާނެއެވެ. ދެންވީ އެންމެން ބާރަށް އަތްޖަހާށެވެ.
މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ހިންގުމަށްޓަކާ މާލެ ސިޓީ ކައުންސިލް އޮތީ ހިސޯރު ކޮށްފައެވެ. މިނިސްޓްރީއެއް ހަދައިގެން އެލްޖީއޭއާއި ކައުންސިލްތަކުގެ ގާނޫނީ ބާރު ކަނޑުވާލާ މުޅި ލާމަރުކަޒީ ނިޒާމް މުއިއްޒުގެ ގޮނޑި ކޮއްކޮއަކަށް ބަދަލުކޮށްފިއެވެ. ދަތްދޮޅި ވަޒީރު ތުބުން ވެއްޓޭ ބަތްފުކެއް ނޫނީ ކައުންސިލަރުންނަށް ނުލިބޭ ވަރަށް ކައުންސިލަރުން ބަނދެލައިފިއެވެ. އަމްދުން ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް އެހެން ޕާޓީ އެއްގެ ޓިކެޓްގައި ހޮވިގެން ހުވާކޮށް ގޮނޑީގައި ނީށީދެވެނީސް ރިޝްވަތު ދީގެން ބައިބޮޑު ކުރާކަށް ކައުންސިލަރަކު ނުގަންނާނެއެވެ.