ލޫޓުވުން ހުއްޓުވަން މަގުތަކަށް ނިކުމެ ހުއްޓާނުލާ މުޒާހަރާ ކުރަންޖެހޭ: އައްބާސް

ލޫޓުވުން ހުއްޓުވަން މަގުތަކަށް ނިކުމެ ހުއްޓާނުލާ މުޒާހަރާ ކުރަންޖެހޭ: އައްބާސް

ރޭވިގެން މުޅި ދައުލަތް ލޫޓުވާލާއިރު އެ މަންޒަރުތައް ބަލަން ހިމޭނުން ދިވެހި ރައްޔިތުން ތިބެގެން ނުވާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. މެންބަރު އައްބާސް އެހެން ވިދާޅުވީ ސަރުކާރުން ދައުލަތް ލޫޓުވުމާ ދެކޮޅުހައްދަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އައްބާސް ވިދާޅުވަނީ މުއިއްޒު ސަރުކާރުން މުޅި ދައުލަތް ލޫޓުވާލަން އުޅެނީ ޝަކުވާ ކުރާ މީހާ އުލުބައިންދަން ގޮވައިގެންނާއި ސަރުކާރު ޖަވާބު ދާރީ ކުރުވާ މީހުންނަށް ބިރު ދައްކައިގެންނެވެ. ދައުލަތުން އެކި އެކި މުއައްސަސާ ތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވާ ނުކުރައްވާ ކަންކަން ހޯދާ ބަލާ ރައްޔިތުންނާ ހަމައަށް ނޫސްތަކުގައި ލިޔެގެންނާއި މީޑިއާގެ ޒަރީއާއިން ހަބަރުތައް ތިލަކޮށްދޭން ތިއްބަވާ ފަރާތްތަކުގެ އަގަ ބަންދުކުރުމާއި ބޮޑެތި އަދަދުން ޖޫރިމަނާކޮށް ޖަލަށް ލުމަކީވެސް ގައުލަތް ލޫޓުވާލުމަށް ސަރުކާރުން ރާވަމުންދާ ކަންކަން ކަމަށް އައްބާސް ވިދާޅުވެއެވެ.

މެންބަރ އައްބާސް ވިދާޅުވވަނީ ޑރ. މުއިއްޒުގެ ސަރުކާރުގައި ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުންނާއި ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީސް އިން އަދާ ކުރަންޖެހޭ ޒިންމާތައް އަދާ ނުކުރުމުގެ ސަބަބުން މުޅި ގައުމު ވަނީ އިގުތިސާދީ ކާރިސާއެއް ކުރިމަތިވުމުގެ މަގުމަތީގައިކަމަށެވެ.

ރޭވިގެން މުޅިދައުލަތް ލޫޓުވާލާ ތަކެތީގެ އަގު ބޮޑުވެ ވިޔަފާރިތައް އިދަޖެހި ރައްޔިތުން އިތުރަށް ފަގީރުވެ ދަރަނިވެރި ވާއިރު އެ މަންޒަރުތައް ބަލަން ހިމޭނުން ދިވެހި ރައްޔިތުން ތިބެގެން ނުވާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވިއެވެ.

ރައްޔިތުން ނިދިން ހޭލާ ހޭވެރިކަން ވާންޖެހޭ ވަގުތު މިވަނީ އަރާ ހަމަވެފައިކަމަށާއި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ ފަހުން ރައްޔިތުން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ ރައްޔިތުން މަގުތަކަށް ނިކުމެ ސުލްހަވެރިކަމާއެކު ހުއްޓާނުލާ މުޒާހަރާކުރުމަށް މެންބަރ މުހައްމަދު އައްބާސް ގޮވާލެއްވިއެވެ.