ގޭންގެއް ނެތް - އުތުރުން ދެކުނަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް!

ގޭންގެއް ނެތް - އުތުރުން ދެކުނަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް!

ގޭންގަކީ "އިން ތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕެއް" ކަމަށް ރާއްޖޭގެ ގާނޫނު ބަޔާން ކުރެއެވެ. ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށް ކުރުމަށް ނުވަތަ އެނޫން ވެސ ޖިނާއީ ކުށްކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެނޫން ވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތް ކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކީ ގޭންގެއް ކަމަށް ސާފުކޮށް ގާނޫނު ބުނެއެވެ. ގޭންގްގެ މާނައިގެ ތެރޭގައ،ި ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫން ވެސް ގްރޫޕްތައް ހިމެނޭ ކަމަށް ގާނޫނު ބުނެއެވެ. 

ގާނޫނުގައި އެހެން އޮވެމެ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން ރާވައިގެން ކުށްކުރާ ގްރޫޕްތައް މެދުނުކެނޑި ރާއްޖޭން ފެނުނަސް  ރައީސް މުއިއްޒު ވިދާޅުވާ ގޮތުން ރާއްޖޭގައި ގޭންގެއް ނެތެވެ. އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވެއެވެ. 

ޑރ. ޖަމީލު ވިދާޅުވަނީ ގައުމެއްގެ ރައީސަކު މިހާ ގައިރު ޒިއްމާދާރު ވާހަކަ ދެއްކުމަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. " ގޭންގެއް ނެތް، އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތް" ކަމަށް ޖަމީލު ވިދާޅުވިއެވެ. މިސާލު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވަނީ "އެއަރޕޯޓުން ރޯމާ ދުވާލު ބޮޑަތި ޢަދަދުގެ ފައިސާ ފޭރެނީ. މީހުން ގޮތްނޭގޭ ގޮތަށް މަރަނީ" ކަމަށެވެ. 

ގޭންގަކީ ފައިސާއާއި ބާރާއި ރެކޮގްނިޝަނާއި ނުފޫޒު ފަދަ ތަފާތު އެކި މަންފާތައް ހޯދުމަށް ތަފާތު އެކިކަހަލަ ހަރަކާތް ހިންގަން އިންތިޒާމުވެފައިވާ ކުށް ކުރާ ޖަމާއަތަކަށް ކިޔާ ޖުމްލަ ނަމެވެ.

ބައެއް މީހުން ސިފަކުރާ ގޮތުގައި ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ނުރައްކާތެރިކޮށް ރާއްޖޭގައި އޮޕަރޭޓްކުރެވޭ އެންމެ ބޮޑު ގޭންގަކީ ޕީއެންސީ އެވެ. ޕީއެންސީ ހިމެނޭނީ އޯގަނައިޒް ކްރައިމް ހިންގުމުގައި ކުރިން އޮތްކަމަށް ބުނާ ގޭންގްތައް ސުޕަރސީޑް ކޮށްފައިވާ ނުރައްކާތެރި ޖަމާއަތުގެ ގޮތުގައި ކަމަށް ދެކޭ މީހުން މަދެއްނޫނެވެ.

އެހެން ކަމުން ގޭންގް ކުށްތައް މަނާކުރާ ގާނޫނު އުވާލާ ގޭންގުތައް ކަނޑައެޅުމަށް، ކަނޑައަޅާފައިވާ އިޖުރާއަތްތައް ވެސް ހުއްޓާލާ، ގޭންގު ކަމަށް ނިސްބަތްވާ މީހުންގެ ބޮލުގައި އަޅުވާފައިވާ ގޭންގު ސިއްކަ ނަގާ މިނިވަން ކުރުމަށް ގޭންގް ނެތްކަމަށް ހެދުން ނޫން ގޮތެއް ރައީސް މުއިއްޒަށް ނެތުނީތާއެވެ.