ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވުން

މުއައްޒަފުންގެ ތުއްތު ދަރިފުޅަށް އަމާން ރައްކާތެރި މާހައުލެއް

ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވުން

ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން މިހުރެ ދަނީ ފެންނަމުންނެވެ. ވަޒީފާގެ މަހައުލުގައި މުއައްޒަފުން އުޅޭ އިރު މުއައްޒަފުންގެ ތުއްތު ދަރިފުޅުގެ ހަބަރެއް ބަލާނުލެވި ހާސްކަމުގެ ތެރޭގައި ވަޒީފާ އަދާކުރަމުން ދިޔަ މުއައްޒަފުންގެ ހާސްކަން ފިލުވައިދީ މަސައްކަތުގެ މާހައުލަކީ އުޅޭ ހިތުން އުޅޭ ތަނަކަށް ކޮންމެ މުއައްޒަފަކަށް ވެސް ހަދާ ދިނުމަކީ ހެޔޮވެރި ކަމުގެ އެއް ބައެވެ.

މުއައްޒަފުން ވަޒީފާ އަދަކުރާ މާހައުލުގައި އެ މުއައްޒަފުންގެ ތުއްތު ދަރިފުޅަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށް ދެއްވުމަކީ ރައީސްގެ ދުރު ވިސްނުން ފުޅުން ހިއްޕަވާފައިވާ އަމާޒެކެވެ. 

ރައީސްގެ އެ އަމާޒު ހާސިލް ކޮށްދެއްވުމުގައި ސްޓެލްކޯ މިއަދު ކުރި ހޯދައިފިއެވެ. ސަރުކާރުގެ ކުންފުންޏެއްގައި ފުރަތަމަ ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމު ކުރުމުގެ ޝަރަފު މިއަދު ސްޓެލްކޯއިން ހޯދައިފިއެވެ. ސްޓެލްކޯގެ މި އިސްނެގުމަކީ ދައުލަތާއި ސަރުކާރާއި އަމިއްލަ ހުރިހާ ފަރާތަކަށް ފެނިގެން ދިޔަ ނަމޫނާއެކެވެ. ސްޓެލްކޯގެ މެނޭޖްމަންޓްއިން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރު ކުރާ މާހައުލެއް ހޯދާދީފިއެވެ. 

ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވައިދެއްވީ ސްޓެލްކޯގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުހައްމަދު ދީދީއެވެ. 

ސްޓެލްކޯއަކީ ހިދުމަތްތެރި ރައްކާތެރި މާހައުލަކަށް ހެދުމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ރެއާއި ދުވަލު ކުރައްވާ މަސައްކަތްޕުޅު ތަކުގެ ނަތީޖާ މި ދަނީ ފެންނަ މުންނެވެ. ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށް ފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުން ވެސް އެކަން އިތުރަށް ސާބިތު ވެގެން ދެއެވެ.

އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި ޗައިލްޑް ކެއަރ ސެންޓަރއަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެކެވެ. އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަން ވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދިނުމަށް މުވައްޒަފުންގެ ކިބައިން ޝަރީފް އެދި ވަޑައިގަތެވެ.

  • ޗައިލްޑް ކެއަރ ސެންޓަރުގައި ިހދުމަތްދެވޭ އުމުރުފުރާ: 5 އަހަރާއި 10 އަހަރާއި ދެމެދު
  • ހުޅުވިފައި ހުންނަ ގަޑި: ސަރުކާރުގެ ރަސްމީ މަސައްކަތް ކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން  ހަވީރު 4:00އަށް. 

ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުންނެވެ. ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށް ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުން އިސްކަން ދޭނެއެވެ.