ހެޔޮވެރިކަން: ކުރެންދޫ ބޭރު ތޮށިލުން މި މަހު ނިމޭނެ!

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 361 މީޓަރުގެ ބޭރު ތޮއްޓާއި 822 މީޓަރުގެ ރިވެޓްމަންޓް

ހެޔޮވެރިކަން: ކުރެންދޫ ބޭރު ތޮށިލުން މި މަހު ނިމޭނެ!

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބްރޭކް ވޯޓަރ (ބޭރުތޮށި) ލުމުގެ މަސައްކަތް މިމަހު ނިމޭނެއެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ޖުލައި މަހުއެވެ. މި މަސައްކަތުގައި ފުރަތަމަ ކުރިއަށް ގެންދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ. އެމަސައްކަތުގެ 86 އިންސައްކަތް މިހާރު ނިމިއްޖެއެވެ.  
ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 361 މީޓަރުގެ ބޭރު ތޮއްޓެއް ލާނެއެވެ. ތޮށިލަނީ އެ ރަށް އެންމެ ބޮޑަށް ގިރާ ހުޅަނގު ފަރާތުގައެވެ. އެއާއި އެކު މި މަޝްރޫއުގެ ދަށުން 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވެސް ޖަހައެވެ.

ކުރެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލުގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރެންދޫއަށް ކުރެވި ދަތުރު ފުޅަކަށް ފަހުގައެވެ. އެ ދަތުރުފުޅުގައި ރައްޔިތުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުންގޯސްވެ އުދަ އަރާ ދުވަސްތަކުގައި ރަށަށް ރާޅު އަރާ ގެއްލުންތަކެއް ކުރިމަތިވުމާއި ގޮނޑުދޮށް ގިރަމުން ދިއުމުގެ ކަންބޮޑުވުމެވެ. ރައީސް ސާލިހުގެ އޯގާތެރި ސަރުކާރުން ކުރެވޭ ހެޔޮވެރި ކަމުގައި އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް އޭގެ މަހެއްހާދުވަސް ފަހުން ފެށިއެވެ. 

ހުސްވި އަހަރު ކުރެންދުއަށް އުދަ އެރުމުގެ ސަބަބުން ފުޓްބޯޅަ ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެކަން ހައްލު ކުރުމަށް އެ ރަށު ބޮޑު ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ވެސް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަ ޖެހިފައެވެ. އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް މިހާރު ވަނީ ގެންގޮސްފައއެވެ. މިމަހު އިތުރު ހިލަ އަންނާނެއެވެ. 

މިނިސްޓްރީއޮފް ނޭޝަަނަލް ޕްލޭނިގްއިން މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ކުރެންދޫގައި ކުރެވޭ މި މަސައްކަތަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.