ހެޔޮވެރިކަން: ގައްދޫ ބަނދަރު ތަރައްގީ ކުރަން ފެށުން

ގައްދޫ ބަނދަރުގެ 13498 ކިއުބިކް މީޓަރާއި އަލަށް އިތުރުކުރެވޭ ބައިގެ 9519 ކިއުބިކް މީޓަރުގެ ފުންކުރާނެ

ހެޔޮވެރިކަން: ގައްދޫ ބަނދަރު ތަރައްގީ ކުރަން ފެށުން

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން އިއްޔެ ފަށައިފި އެވެ. މި މަޝްރޫއުގައި ގައްދޫ ބަނދަރުގެ 13،498 ކިއުބިކް މީޓަރު ސަރަހައްދަކާއި ބަނދަރަށް އިތުރު ކުރެވޭ ބައިގެ 9،519.20 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރަން ހަމަޖެހިފައިވެއެވެ.

ގައްދޫ ބަނދަރުގައި ބޮޑުހިލައިގެ ބޭރުތޮށި ޖަހާނީ 232 މީޓަރުގެ ސަރަހައްދެއްގައެވެ. ހަމަ އެހެންމެ 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ނެވިގޭޝަން ދެ ލައިޓް ހަރުކޮށް 25 މޫރިން ބޮއި ހަރުކުރުމާއި 1600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. މި މަޝްރޫގެ ދަށުން ގައްދޫގައި 16 މަގުބައްތި ހަރުކޮށް ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ. 

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީން މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއިއެވެ. 38.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސް މިހާރު ކުރިއަށްދަނީ ގައްދޫގައި މިހާރު ބޭނުން ކުރާ ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތެވެ.