އާޒިމް ހުންނަތާކު ކޮރަޕްޝަނަކަށް ޖާގައެއް ނޯންނާނެ!
ބަދަލު ހިފުމާއި ނުހައްގު އަނިޔާއަކީ އެމްޑީޕީ ދަންނަ އެއްޗެއްނޫން
މާލެ ސިޓީ ކައުންސިލްގައި ހައްދު ފަހަނައަޅާ ވަރަށް ކޮރަޕްޝަން ހިންގީ ޑރ. މުއިއްޒު މޭޔަރުކަމުގައި ހުރެއެވެ. މުއިއްޒު ވައްކަން ކޮށްފާ ނުކުރާކަމެއް ނެތެވެ. ރަނގަޅަށް ލޯހުޅުވާ ބަލާ ވިސްނަލައިފިނަމަ އިނގިލީގައި ދަތް އެޅޭވަރު ވާނެއެވެ.
ކޮންސަލްޓެންޓުން ލައިގެން ކައުންސިލް ބަޖެޓުން ކުރީ ވައްކަމެވެ. މާރުކޭޓް ގޮޅިތަކުން ކުރީ ވައްކަމެވެ. މަގުބަންދު ބޯޑުން ކުރީ ވައްކަމެވެ. މަގުމަތީ ޕާކިން ސްލޮޓް ވިއްކައިގެން ކުރީ ވައްކަމެވެ. އަލިމަސް ކާނިވަލު ބިމުން ކުރީ ވައްކަމެވެ. މަގުން ތާރު ކަނޑައިގެން ކުރީ ވައްކަމެވެ. މަގުހެދުމުގައިވެސް ވައްކަމެއް ނެތް ގޮތަކަށް މުއިއްޒު ސިޓީ ކައުންސިލްގައި ކަމެއް ނުކުރެއެވެ. ގަސް ވިއްކުމުގައި ވެސް ވައްކަން ނޫންކަމެއް ނުކުރެއެވެ. މިހުރީ ހައްތަހާވެސް އެންމެން ދަންނަ ބޮޑު ސިއްރެވެ.
މުއިއްޒު ވައްކަން ނުކުރާނީ ކޮންކަމަކުން ހެއްޔެވެ. މިސްކިތް ބެލެހެއްޓުމާއި މިސްކިތު ކަރަންޓް ބަޖެޓުން ވެސް ކުރީ ވައްކަމެވެ. އާސަހަރާ މިސްކިތު ވައްކަމަކީ މުއިއްޒު ރޯމާދުވާލު ފާޅުކޮށް ހިންގާ ނިންމާލި ބޮޑުވެެންވާ ވައްކަމެކެވެ. ކަދުރު ރުއް ގަތުމާއި އިންދުމާއި ބެލެހެއްޓުމުގެ ތެރެއިން ވައްކަން ކުރުމާ ސިހުރު ހެދުމުގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ. އެ ހުރިހާ ވައްކަމަކާ ސިހުރުގެ ތެރެއިން ރާއްޖޭގެ ވެރިކަން މުއިއްޒު އެހުރީ ކަށަވަރު ކޮށްގެންނެވެ.
އާދަން ރަމީޒާއި ވައިތެޔޮ އަބްދުއްލާއާއި ބާރަށު ޝުޖާއު މެންނަށް ބައި އަޅައިގެން މާލެސިޓީ އޮބިއަޅާ ފެލައިލީ ތިޔަހެންނަކުން ނޫނެވެ. އޭރު އޮޑިޓް އޮފީހާއި އެންޓިކޮރަޕްޝަން ކަމިޝަން އޮތީ ގަދަ ނިދީގައެވެ. އަޅާ ކަހާވެސް ނުލައެވެ.
ގަދަ ނިދީގައި އޮތް އޯޑިޓް އޮފީސް ހޭލައްވާލީ މޭޔަރު އާދަމް އާޒިމެވެ. އާޒިމަށް މޭޔަރކަން ލިބިވަޑައިގަތުމުންނެވެ. މާލެސިޓީ ކައުންސިލަކީ ކޮރަޕްޝަނާ ފަސާދައިން ސަލާމަތްވެފައިވާ ތަނަކަށް ހެއްދެވުމަށް އާދަމް އާޒިމް މަސައްކަތް ފެއްޓެވީ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތިއެވެ. ބަދަލު ހިފުމެއް ޖަދަލުކުރުމުގެ ރޫހެއް ނެތިއެވެ. ހައްގު ނޫން ކިތަންމެ ކުޑަވެސް އަނިޔާއެއް އެކަކަށްވެސް ލިބުމަކަށް އާޒިމް އެދިވަޑައެއް ނުގަންނަވައެވެ.
ފުޅާދާއިރާއެއްގައި އޯޑިޓް ކުރުމުގެ މަސައްކަތް އޮޑިޓަރޖެނެރަލް އެވަނީ ފައްޓަވާފައެވެ. ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކުރެއްވުމަކަށް އާދަމް އާޒިމް ފަސްޖެހި ވަޑައެއް ނުގަންނަވާނެއެވެ.
އަމްދުން އެމްޑީޕީ މެންބަރަކު އިސްކޮށް ހުންނަ ތަނެއްގައި ކޮރަޕްޝަނެއް ނުހިންގާނެއެވެ. ހިންގާފައި އޮތް ކޮރަޕްޝަނެއް ނުވެސް ފޮރުވާނެއެވެ. އެކަމެއް ބަލުވާނީ އެކަމަކާބެހޭ މުއައްސަސާތަކުން ނެވެ. ބަދަލު ހިފުމާއި ނުހައްގު އަނިޔާއަކީ އެމްޑީޕީ ދަންނަ އެއްޗެއްނޫނެވެ.