މާލޭގެ ހަނި ގޯޅިތަކަކީވެސް ރައްކާތެރި އަމާންތަންތަނަށް ހަދަންޖެހޭ: މޭޔަރ

މާލޭގެ ހަނި ގޯޅިތަކަކީވެސް ތަރައްގީ ކުރަންޖެހޭ ތަންތަންކަން މާލޭ މޭޔަރ އާދަމް އާޒިމަށް އެނގި ވަޑައިގަންނަވައެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ރައްކާތެރި މަގުތަކެއް ގާއިމް ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެތެރޭގައި ހަނިގޯޅިތައް ހިމަނުއްވައިގެން އެތަންތަން ވެސް ތަރައްގީ ކުރައްވަން ފެއްޓެވީ އެހެން ވެގެންނެވެ.
މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވެފައިވާ ކަމާއި، އެ ގޯޅިތަކުގައި ދިރިއުޅޭ މީހުންނަށް ގިނަ އުދަނގޫތަކާ ކުރިމަތިލާން ޖެހިފައިވާކަން އާދަމް އާޒިމަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައިނުވާކަމާއި، އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ ކަމަށް އާޒިމް ވިދާޅުވެއެވެ. ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އާޒިމަށް ލިބި ވަޑައިގަންނަވައެވެ.
މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނާއި، ގާ އަތުރައި ޕޭމެންޓް ހެދިފައިނުވާ ގޯޅި ތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެ ގޯޅިތަކުގެ ހާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމަށް މޭޔަރު އާދަމް އާޒިމް ވަނީ އެދިވަޑައިގެންފައެވެ. މާލެސިޓީ ކައުންސިލްގެ ސަމާލުކަމަށް އެފަދަ ކޮންމެ ގޯޅިއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެއެވެ.
މާލެ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެންނަ ހަނި ގޯޅިތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ފަށައިފިއެވެ. މާލެސިޓީގެ މަގުތައް ތަރައްގީ ކުރުމުގެ އިތުރުން، މަގުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތާއި އަނދިރި ސަރަހައްދުތައް ދިއްލުމުގެ މަސައްކަތް ފަދަ އެތައްކަމެއް ކައުންސިލުން ދަނީ ކުރަމުންނެވެ.
މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި އާޒިމް ޝުކުރު އަދާކުރައްވައެވެ. މާލޭ ރައްޔިތުންގެ ފަރާތުން މަގުތަކުގެ ހާލަތު ރަނގަޅު ކުރުމާގުޅޭ މައުލޫމާތެއް ކައުންސިލަށް ލިބިއްޖެނަމަ، އެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް ދިމާވާދަތިތައް ހައްލު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވައެވެ.
މޭޔަރ އާޒިމް ވިދާޅުވާ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމެވެ. އަމާޒު ހާސިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވިދުވެލީގައި މަސައްކަތް ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.