ގަޕޯ ތަފާތު ދައްކައިފި: ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން

ގަޕޯ ތަފާތު ދައްކައިފި: ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން

ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ޕާޓީ ބޭނުންކޮށްގެން އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރުމާ އެއީ އުޑާ ބިމާހާ ތަފާތު ދެކަމެވެ. ރާއްޖޭގައި ގިނައިން ހުރީ ވަކިމީހެއްގެ ސިޔާސީ ބާރުވެރިކަން ނަގަހައްޓާ ދަހައްޓައް އުފައްދާފައިވާ ޕާޓީތަކެވެ. އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެމްޑީޕީ ދެމި އޮއްވާ އެކިނަމުގައި އެކި ލީޑަރުން ހެދިހާ ޕާޓީތަކުގެ ސިޔާސީ ބާރުކެނޑި އުވިދަނީ ވަކިމީހެއްގެ ޕާޓީއެއްގެ ގޮތުގައި އޮތުމުންނެވެ. 

ފޮރުވިފައިވާ އަމިއްލަ އެޖެންޑާއެއް އޮވެގެން އެއްވެސް ބަޔަކަށް އެމްޑީޕީގެ ތެރެއިން ކާމިޔާބެއް ނުވާނެއެވެ. ރައީސް ނަޝީދާއެކު އެމްޑީޕީއަށް ސިޔާސީގޮތުން ކާމިޔާބު ނުލިބި އަބަދުމެ ދިފާއަށް ކުޅެން ޖެހުމުން މެންބަރުން ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދިނެވެ. ރައީސް ސޯލިހަކީ ވެރިކަން ހޯއްދެވުމަށްޓަކައި ޕާޓީ ތެރޭގައި އަމިއްލަފުޅު އެޖެންޑާއެއް ހިއްޕަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްނޫނެވެ. ރައީސް ސޯލިަހކީ އެމްޑީޕީ އުފެދުނީއްސުރެ އިސްސަފުގައި ހުންނަވައިގެން އެމްޑީޕީ ބާރުވެރިކުރުވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ރައީސް ސޯލިހާއެކު އެމްޑީޕީއަށް ފުރިހަމަ 5 އަހަރުގެ ހެޔޮވެރިކަމެއް ކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެމްޑީޕީ ވެރިކަމުގައި އޮތުމަށްވުރެ ތިމާ ވެރިކަމުގައި ނެތުން ހަޖަމްނުވެގެން އުފެދުނު ފިތުނައިގައި އެމްޑީޕީއަށް ވެރިކަން ގެއްލުނީއެވެ. ގެއްލުނު ވެރިކަމާއެކު ޕާޓީ ހިންގާ މީހާ ރިޔާސީ ޓިކެޓަށް ފައިނެގުމުން ނުވެނުދާނެ ހުރިހާ ގޮތެއް ވާންފެށީއެވެ. އެކަތި ގަޑަކަށްވެ 2028 އެމްޑީޕީއަށް ހޯދާދޭން އުޅޭކަމާމެދު ޝައްކުތައް އިތުރުވެ ސަރުކާރު ޖަވާބުދާރީ ކުރުމަށްވުރެ އެތެރޭގެ ކޯޅުން ބޮޑުވީއެވެ. 

އަނބުރާ ހޭރިޔާކޮށް އެހުރިހާ ކަންކަމުން އަރައިގަތުމަށް ވެރިކަމައިގެން ނޫޅޭނެ ޗެއަރޕާސަނެއް އެމްޑީޕީއަށް މުހިންމެވެ. ޕާޓީގެ މިސްރާބު ހިފެހެއްޓުމަށެވެ. އެތެރޭގެ އިންތިހާބުތަކުގެ އިތުބާރު އުފައްދާ އަދުލުވެރި ކުރުމަށެވެ. އެގޮތުން ވަގުތީ ގޮތުން އެމްޑީޕީ ހިންގުމާ ހަވާލުވެ ވަޑައިގެން  އޮނަރަބަލް އަބްދުލްގަފޫރު (ގަޕޯ)ގެ ފޯކަސް ރަނގަޅެވެ.

އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭ ވަރަށް ދުރުވެފައިވާ ދެލީޑަރުން ގާތްނުކޮށް އެމްޑީޕީ އެއްމިސްރާބަކަށް ދަތުރެއް ނުކުރެވޭނެއެވެ. އެމްޑީޕީ އެކަތި ގަނޑެއް ގޮތުގައި އޮތުމަށް އެއަށްވުރެ ވަކީން މުހިންމު ކަމެއްނެތެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްގަލަށް އެރުވިއްޖެނަމަ އެމްޑީޕީއަށް އުނދަގޫ ކަމެއް ނުއޮންނާނެއެވެ. އެމްޑީޕީ އޮފީހުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރެއްވި ކުރެއްވުމަކީ ހެޔޮފާލެކެވެ. ކުރު މުއްދަތެއްގައި މިހާރުވެސް ގަޕޯ އެވަނީ ތަފާތު ދައްކާފައެވެ.