ސަލާމަތީ ބާރުތަކުން ޑރ. ވަހީދު ހިފާ ހައްޔަރު ކުރަން ގޮވާލަން
ޑރ. ވަހީދު އެ ހިންގި އުދުވާނަކީ ސިޔާސީ ކަމަކަށް ހަދާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް ކަމެއް
ސަމާސާކަމެއް ނޫނެވެ. ބޭނުންހާ މީހަކު ބޭނުންހާ ގޮތަކަށް ބޭނުންހާ ތަނެއްގައި ބޭނުންހާ އިރަކު ރާއްޖެ ތަމްސީލެއް ނުކުރެވޭނެއެވެ. ރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮއްވާ ރާއްޖޭގެ ނަމުގައި ސަރުކާރު ނޫން ފަރާތަކަށް ރާއްޖެ ތަމްސީލު ކުރުމުގެ ދުނިޔަވީ އެއްވެސް ހަމައެއް ގާނޫނެއް ނުއޮންނާނެއެވެ. ރާއްޖޭގެ ގާނޫނީ ތަރަހައަކުން އަދި އދ ގެ ޗާޓަރގެ އެއްވެސް ނުކުތާއަކުން ވިޔަސް ގާނޫނީ ސަރުކާރު ނޫން ފަރާތަކަށް ސަރުކާރުގެ ހުއްދައަކާނުލާ ގައުމެއް ތަމްސީލެއް ނުކުރެވޭނެއެވެ. ޑރ. ވަހީދު އެކުރީ ބައިނަލް އަގުވާމީ ކުށެކެވެ. ރާއްޖޭގެ އިސްތިގުލާލަށް ދިން ހަމަލާއެކެވެ. ފާޅުކަން ބޮޑު ބަގާވާތެކެވެ.
ރާއްޖޭގެ ރަސްމީ އިދާރާތަކުގެ ރުހުމާއި ބަހެއްނެތި ރާއްޖޭގެ ނަމުގައި އެއްވެސް މީހަކަށް ވެސް އެއްވެސް ޖަމާއަތަކަށް ވެސް ރާއްޖެ ތަމްސީލެއް ނުކުރެވޭނެއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިންކާރުކޮށް ރާއްޖެ ބައިވެރިވުމަށް އިއުތިރާޒް ކޮށްފައިވާ ބައިނަލް އަގުވާމީ މުއުތަމަރެއްގައި ރާއްޖޭގެ ނަމުގައި ބައިވެރިވާ ބައިވެރިވުމަކީ ބަގާވާތެކެވެ.
ދުނިޔޭގެ ކިތަންމެ ބާރު ގަދަ ގައުމަކުން ކުރުވި ކަމެއް ނަމަވެސް އެ ގައުމުގެ ސަފީރު ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް އެކަން ކުއްވެރިކޮށް ސުވާލު ކުރެވެން ޖެހޭނެއެވެ. އެ މީހަކާ އެ މީހެއް ރާއްޖޭގެ ނަމުގައި ހެދުނު އެއްޗެއް ހަދަން ދޫކޮށްލެވިފައި އޮވެގެން ނުވާނެއެވެ. ކަމަކީ ޔާމީނު ހިންގާ އިންޑިއާ އައުޓުގެ ހަގީގީ މިސްރާބު ހުރިގޮތުގެ މޭގައެވެ.
ޔާމީނުގެ ރޭވުމާ އެއްގޮތަށް ޑރ. ވަހީދު އެހިންގި އުދުވާނަކީ ސިޔާސީ ކަމަކަށް ހަދާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް ކަމެކެވެ. ޑރ. ވަހީދާއި އެކަމުގައި ބައިވެރިވާ އެންމެން ގައުމީ ސަލާމަތަށްޓަކާ ވަގުތުން ވަގުތަށް ހިފާ ހައްޔަރު ކުރަން މަޖުބޫރެވެ. ރާއްޖޭގެ އިސްތިގުލާލަކީ ޑރ. ވަހީދުމެން ކުޅެން އޮތް ބުމަރެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ގޮތަށް ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލް ނަގާލުމަށް ގާނޫނީ ސަރުކާރުގެ ބާރު ކަނޑުވާލަން ކުޑަވެސް ފުރުސަތެއް މި ބައިގަޑަށް ދެވިގެން ނުވާނެއެވެ.
ދައުލަތުގެ ކަރާމާތް ނަގާލުމަކީ ކަމަކަށް ނުހަދާ ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫނެވެ. ކުރީގެ ރައީސެއްގެ ގޮތުން އިނާޔަތާ ރައްކާތެރިކަން ދެނީ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާކަށް ނޫނެވެ. އިންޑިއާ-ޗައިނާ ވާދައިގެ ހުޅަށް ފެޓްރޯލު އަޅާކަށް ނޫނެވެ. އިންޑިއާގެ ބައިވެރި ވުމެއް ނެތި އިންޑިއާ ކަނޑާމެދު ގޮތް ނިންމަން ރާއްޖޭގެ ނަމުގައި ޑރ. ވަހީދަށް ބާރުދެނީ ކޮން ގާނޫނަކުން ހެއްޔެވެ. ޖޯގްރަފީގޮތުން އިންޑިއާ ކަޑާ އެއްވެސް ގުޅުމެއްނެތް ޗައިނާއިން އިންޑިއާ ނުލާ އިންޑިއާ ކަޑަށް ގޮތް ނިންމަން އުޅޭ އުޅުމުގައި އިހުލާސްތެރި ކަމެއް ނެތް ކަން ވަރަށް ސާފެވެ. ގައުމީ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު ނާޅައިފި ނަމަ ދެން ވާން އޮތް ކަމެއްގެ ނުރައްކާތެރި ކަމުގެ ބޮޑުކަން ހިތައް ވެސް ގެންނަން ދައްޗެވެ.
ޑރ. ވަހީދާ އެކު ޗައިނާ މުއުތަމަރުގައި ރާއްޖޭގެ ނަމުގައި ބައިވެރިވި ހުރިހާ އެންމެން މިހާރުން މިހާރަށް ހިފާ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ. ޗައިނާ ސަފީރު ހަރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލުކޮށް އަޅަންޖެހޭ ފިޔަވަޅެއް ބައިނަލް އަގުވާމީ ހަމަތަކުގެ މަތިން އެޅުމަށް ވެސް ހަރިޖީ ވުޒާރައަށް ގޮވާލަމެވެ. މި ގޮވާލުން މިގޮވާލަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނެވެ.