ރިޔާސީ އިންތިހާބުގެ ކުރިން ޕީއެންސީން ވެރިންކަން ނިންމަނީ!

މިތިބަ ޕަޕެޓްތަކެއް ދޮތައެވެ. ޕީއެންސީ ޕީޖީ ގްރޫޕްއަކީ އަމިއްލަ ނަފްސްގެ އަގެއްނެތް ގޮނޑިކޮއްކޮތަކެއްކަން ކިތަންމެހާވެސް ރަނގަޅަށް އެބައެނގެއެވެ. މަޖިލީހުގެ ވަކިމެންބަރަކާ ދިމާއަށް މޮޔަ ކުއްތާތަކެއްހެން ފުންމައިގަންނާނީ ގައިމު ކަމެއް ވެގެންތާއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕްގެ އެންމެން އެއްވާނަކަށް ނިކުމެ އެއްވަޒަނަކަށް އެއްބަހުރުވައިން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސާ ދިމާކުރާނީ ހާދަ ގޮތް ހުސްވެ ހަސްނެތުނީމައެވެ. ޕީއެންސީގެ އެއޮތް ބޮޑު ބައިގަނޑަށްވުރެ މުހައްމަދު އައްބާސް މާގަދައީތާއެވެ.
ވެރިކަމުގެ އާރާބާރުގައި ސްޕަރމެޖޯރިޓީގައި ތިބެގެން ގޮތް ހުސްވެ ތެޅެފޮޅެ ގަންނާނީ ގައިމު ބިރެއް ނަގައިގެންތާއެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންނަށް ލޮނދި ހިކައެއް މުށުތެރެއިން ދާހެން ވެރިކަން ވެއްޓެންދާތަން ފެންނަނީ ތާއެވެ.
މެންބަރ އައްބާސް ދައްކާ ވާހަކައަކުން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެކަން އައްބާހަށް ވެސް އެނގޭނެއެވެ. އެކަމަކު ރޫޅެމުން ދާއެއްޗެއް ރޫޅޭ ވާހަކަ އައްބާހެއް ކަމަކު ދައްކަފާނެތާއެވެ. އައްބާސް ކަހަލަ އެންމެ މެންބަރަކު ބުނާ އެއްޗަކަށް ޕީއެންސީ ޕީޖީ ލީޑަރ ފަލާހު ކަހަލަ މީހުން ފަޔަށް ހިނިއަރައިގެން ތެޅެގަތީމާ ޕީއެންސީ ޕީޖީ ގްރޫޕް ހަމަރަނގަޅަށްވެސް ރޫޅޭކަން ކަށަވަރު އެބަވެއެވެ. ބުހުތާނު ދޮގޭ ނުރޫޅެއޭ ކިޔައިގެން ސޯސަލް މީޑއާގައި އެއްވާނަކަށް ބައިހަދާފައި ނިކުމެ ތެޅިފޮޅިގަންނާނީ ވަރަށް ބޮޑު ތެދަކަށްވީމައެވެ.
ޔާމީނޭ ތިން މިލިޔަން ރުފިޔާއޭ ބުއްދިގޯހޭ ކިޔައިގެން ފަލާާހުމެން ކެކިގަތީމާ މުއިއްޒަށް ޕްރެޝަރ ހުރިވަރު އެބަފެނެއެވެ. ޕީއެންސީ ޕީޖީ ގްރޫޕް އެކަތި ގަނޑެއްގެ ގޮތުގައި މުއިއްޒު ފަހަތުގައި އޮތްނަމަ އެކަން ކަށަވަރުކޮށްދޭން ފަލާހުމެން މަސައްކަތް ކޮށްދޭކަން ނުޖެހޭނެއެވެ. ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުޢިއްޒުގެ ފަހަތުގައި ވަރަށް ސާބިތުކޮށޭ ބުނާކަށްވެސް ނުޖެހޭނެއެވެ. ކޮންމެ އެމްޕީއަކު މުހައްމަދު އައްބާސްގެ އެބުނާ މެސެޖް ޓެގްކޮށްފައި މުއިއްޒާއެކީގައި ތިކަމަށް ބުނެދޭން އުޅޭކަށް ނުޖެހޭނެއެވެ. އެވަރު ކުރިޔަސް މުއިއްޒު ކުރާ ޝައްކަކަށް ބަދަލެއް ނާދޭ ނޫން ހެއްޔެވެ.
މުހައްމަދު އައްބާސް ކަހަލަ އެންމެ މެންބަރަކު ދައްކާ ވާހަކައަކުން މާސިންގާ ޕީޖީ ގްރޫޕެއް ކޮށިއެރީމާ ހުރި އުދާސް އެބަފެނެއެވެ. މަޖިލީހުގެ ރިޔާސަތަށާއި ޕީއެންސީ ޕީޖީ ގްރޫޕްގެ ގިނަ ބަޔަކަށް މުއިއްޒު ބަލަނީ ޝައްކުގެ ނަޒަރުންކަން ވަރަށް ސާފެވެ. އޮއިވަރު މިހާރު ހުރި ގޮތުން ރިޔާސީ އިންތިހާބުގެ ކުރިން ޕީއެންސީގެ ތެރެއިން މުއިއްޒުގެ ވެރިންކަން ނިންމާތަން އެބަފެނެއެވެ.