ޕިއްލޭގެ ނޯބަލް ޕްރައިސްއަކީ އިޒުރޭލާއި އެމެރިކާގެ މޫނުގައި އެޅި ތަފާލެއް

ގާޒާ ސުންނާފަތިކޮށްލުމުގެ ހެކިތަކާ މެދު ދުނިޔެއިން ފިކުރުކުރުން ހުއްޓުވައެއް ނުލެވޭނެ

ޕިއްލޭގެ ނޯބަލް ޕްރައިސްއަކީ އިޒުރޭލާއި އެމެރިކާގެ މޫނުގައި އެޅި ތަފާލެއް

އިސްރާއީލާއި އެމެރިކާއިން ނަވީ ޕިއްލޭއަށް ނޯބެލް ސުލްހައިގެ އިނާމު ލިބުމަކީ އެ ގައުމުތަކާ ދެކޮޅަށް ނިންމި ނިންމުމެއްގެ ގޮތުގައި ދެކެނީ ސަބަބުތަކެއް ހުރެގެންނެވެ. އޭނާއަށް މި ޝަރަފު އެރުވުމުން، ނޯބެލް ކޮމިޓީން އެވަނީ ގާޒާގައި އިސްރާއީލުން ހިންގާ އަމަލުތައް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ހަރުކަށިކޮށް ތަހުގީގުކުރި ކުރުމުގެ ސައްހަކަން ގަބޫލުކޮށްފައެވެ.

ނޯބެލް ސުލްހައިގެ އިނާމުގެ ބާރުގަދަކަން ގިނަ ފަހަރަށް ވަޒަންކުރެވެނީ، ސަރުކާރުތަކުން އެ އިނާމަކީ އެ ބަޔަކާ ދެކޮޅަށް ނިންމި ނިންމުމެއްގެ ގޮތުގައި ދެކޭ މިންވަރުންނެވެ.

މިސާލަކަށް، 1935 ވަނަ އަހަރު ޖަރުމަނުގެ ސިއްރު އަސްކަރީ ހަރަކާތްތައް ފަޅާއަރުވާލި ނޫސްވެރިޔާ ކާލް ފޮން އޮސިއެޓްސްކީއަށް މި އިނާމު ދިނުމުން ޖަރުމަނުން ފާޅުކުރި ރުޅިވެރިކަން ފާހަގަކޮށްލެވެއެވެ. އަދި 1975 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން ވަނީ އެ ގައުމުގެ އަނިޔާވެރިކަމަށް ފާޑުކިޔައި، ހައިޑްރޮޖަން ބޮން އުފެއްދުމުގައި އެހީތެރިވި ފިޒިސިސްޓް އެންޑްރޭ ސަޚަރޯފަށް އިނާމު ދިނުމުން އެކަން ކުށްވެރިކޮށްފައެވެ. އޮސިއެޓްސްކީއެކޭ އެއްފަދައިން، ސަޚަރޯފަށް ވެސް އިނާމާ ހަވާލުވުމަށް ދަތުރުކުރުން މަނާކުރެވުނެވެ. ޗައިނާއިން ވެސް 2010 ވަނަ އަހަރު އިންސާނީ ހައްގުތަކަށް ވަކާލާތުކުރި ލިއު ޝިއާބޯއަށް އިނާމު ލިބުމުން، ނޯވޭއާއެކު އޮތް ގުޅުން އަހަރުތަކަކަށް މެދުކަނޑާލިއެވެ.

މި އަހަރުގެ އިނާމާ މެދު އިސްރާއީލުން ދިން ފަރުވާކުޑަ އިޖާބުތަކުން މީގެ ކުރީގެ މިސާލުތައް ހަނދާނަށް އާދެއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ކުރީގެ ފަނޑިޔާރު ނަވީ ޕިއްލޭއަށް "ސުލްހައާއި ބައިނަލްއަގުވާމީ ގާނޫނު ކުރިއެރުވުމަށް ކުރެއްވި މަސައްކަތަށް" އިނާމު ދިނުމުން "ނޯބެލް އިނާމު ކޮމިޓީގެ އަހުލާގީ މިންގަނޑު ވަނީ ގެއްލިފައި،" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުންޏެވެ. ނޯބެލް ކޮމިޓީގެ މުޅި އިއުލާނުގައި އިސްރާއީލުގެ ނަން ވަކިން ފާހަގަކޮށްފައެއް ނުވެއެވެ. އަދި ކުރިން ބުނެވުނު މީހުންނާ ހިލާފަށް ޕިއްލޭއަކީ އިސްރާއީލު މީހެއް ވެސް ނޫނެވެ.

ވީއިރު، އިސްރާއީލާއި އެމެރިކާ އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މިހާ ބޮޑު ރުޅިވެރިކަމެއް ފެނުނީ ކީއްވެގެން ހެއްޔެވެ؟ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕިއްލޭ ރިޔާސަތު ބެލެހެއްޓެވި އދ. ގެ ކޮމިޝަނުން ވަނީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ގާޒާގެ ފަލަސްތީނު މީހުންނާ ދެކޮޅަށް "ނަސްލު ނައްތާލުމުގެ އަމަލުތައް" ހިންގާފައިވާ ކަމަށް ނިންމާފައެވެ. ނޯބެލް ކޮމިޓީގެ އިއުލާނުގައި ޕިއްލޭގެ ހިދުމަތްތަކުގެ ތެރޭގައި އެ ކޮމިޝަންގެ މަސައްކަތް ހިމެނުމުން، އިސްރާއީލާއި އެމެރިކާއަށް އޭގެ މާނަ ވަރަށް ރަނގަޅަށް ސާފުވިއެވެ.

ޕިއްލޭއަށް ޝަރަފު އެރުވުމުން، ގާޒާގައި އިސްރާއީލުން ހިންގާ އަމަލުތައް ބައިނަލްއަގުވާމީ އެންމެ މަތީ ފަންތީގައި ބެލި ބެލުންތަކުގެ ސައްހަކަން ކޮމިޓީން އެވަނީ ގަބޫލުކޮށްފައެވެ. އިސްރާއީލާއި އެމެރިކާއިން ދޮގުކުރަން މަސައްކަތްކުރި ހޯދުންތަކަށް މިވަނީ ގާނޫނީ ހައިސިއްޔަތު ލިބިފައެވެ. އަދި ބާރުގަދަ ގައުމުތަކުން ނުރުހުނު ކަމުގައިވިޔަސް، ޒިންމާދާރުކުރުވުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ފަރުދުންގެ މުހިންމުކަން މިވަނީ ކަށަވަރުކޮށްދީފައެވެ.

ބާރުގަދަ ގައުމުތަކުގެ ވާހަކަ ދައްކާއިރު، ވޮޝިންޓަނުގެ ރައްދު ބަލާށެވެ. ޕިއްލޭއަށް އިނާމު ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ޓްރަމްޕްގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ (އައި.ސީ.ސީ) ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފައެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެމެރިކާއިން އެ "ނުލަފާ ކޯޓާއެކު" ކުރާ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލާނެ ކަމަށެވެ. އެހެން އެކަންކުރީ އައި.ސީ.ސީ އާއި ޕިއްލޭ ރިޔާސަތު ބެލެހެއްޓެވި އދ. ގެ ކޮމިޝަނަކީ ވަކި ދެ މުއައްސަސާއަކަށް ވެފައި، ނޯބެލް ކޮމިޓީގެ އިއުލާނުގައި އެމެރިކާގެ ނަންވެސް ނެތް ހާލަތެއްގައެވެ.

އިސްރާއީލާއި އެމެރިކާއިން ޕިއްލޭގެ އަބުރު ނަގާލަން މަސައްކަތް ކުރާނެކަން ކުރިންވެސް އޮތީ އެނގޭށެވެ. ނަމަވެސް އޭނާގެ ހަޔާތުން ފެންނަން އޮތީ ޒިންމާދާރުކުރުވުމުގައި ސާބިތުވެ ހުންނެވި ތަނެވެ. ހާއްސަކޮށް 1994 ވަނަ އަހަރުގެ ރުވާންޑާގެ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އޭނާ ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން ހުށަހެޅި މައްސަލައިގައި ބައިނަލްއަގުވާމީ އަދުލުގެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ދައުލަތްތަކުން ހިންގާ އަނިޔާވެރިކަން ތަހުގީގުކުރުމުގެ ދިގު ތާރީހެއް އޮތް އަންހެނަކަށް އިތުބާރުކުރުމަކީ، އަނިޔާވެރިކަން ހިންގާ ކަމުގެ ތުހުމަތު ކުރެވޭ ސަރުކާރަކަށް ނުވަތަ އެކަމަށް ހަތިޔާރާއި ފައިސާދޭ ސަރުކާރަކަށް އިތުބާރުކުރުމަށްވުރެ ބުއްދިވެރި ގޮތެކެވެ.

ސުލްހައިގެ އިނާމުގެ ހަގީގީ މިންގަނޑަކީ ފަހަރުގައި މިއީ ކަމަށް ވެދާނެއެވެ. އެ އިނާމަށް ސަރުކާރުތަކުގެ އަމަލުތައް ބަދަލުކުރާކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ނަމަވެސް، އެ ބަޔަކު ކުރާ އަމަލުތަކާ މެދު އެންމެ ފަހުގެ ބަސް ބުނުމުގެ ބާރު އެ ސަރުކާރުތަކުގެ އަތުން އަތުލުމުގެ ގާބިލުކަން އެ އިނާމަށް ލިބިގެންވެއެވެ. ޕިއްލޭގެ މަސައްކަތުގެ ސަބަބުން، ބާރުގަދަ ފަރާތްތަކުން ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، ގާޒާ ސުންނާފަތިކޮށްލުމުގެ ހެކިތަކާ މެދު ދުނިޔެއިން ފިކުރުކުރުން ހުއްޓުވައެއް ނުލެވޭނެއެވެ.