މުގުދަރެއް އޮތީތީ އައްޑޫ ބޮޑެތި ކާށިފަޅާ ލެވޭނޭ ހީވާނީތަ!

ބާދަނގަނޑަށް ކިރަން ވެސް ކަމުނުދާ މިސްކިތު ވަކަރަށް ކުރެވޭނީ ކީއް

މުގުދަރެއް އޮތީތީ އައްޑޫ ބޮޑެތި ކާށިފަޅާ ލެވޭނޭ  ހީވާނީތަ!

ކޮންމެ ފަންނެއްގައިވެސް ވެޓަރަން ޖަމާއަތެއް އޮވެއެވެ. ދާއިރާގައި އުޅޭ ހިތްވާލެއް ބޮޑު ކަމުންނެވެ. ބަޔަކު ބަލައިނުގަތަސް ހެޔޮތާއެވެ. މާ މޮޅެތި ޖޯރުހުރި ފަންނާނުން ނިކުތުމުން ކުރީ ވިދި ވިދުން ކެނޑި ބާކީވެ ބޭކާރު ބައެއް ގޮތުގައި ތިބޭކަށް ބޭނުމެއް ނުވާނެތާއެވެ. އިހުއްސުރެ އަތު އޮތް މުގުދަރުން އައްޑޫ ބޮޑެތި ކާށި އަދިވެސް ފަޅާލާނަމޭ ހީވާނެއެވެ. 

ސަޔާސީންގެ ތެރޭގައިވެސް ވަކީން އޮންނަ ކޮން ގޮތެއް ހެއްޔެވެ. ސިޔާސީ ކަނބުރުގެއެއް ކުރި ކަނޑާލިޔަސް ނަހާސްކީ ރާއްޖޭގެ ކެޔޮޅަށް ވުރެ އެންމެ ފުކެއް ދެރައެއް ނޫނެވެ. ފަސްބައި އަޅިން ތަތްތެޅި ދިލަކަނި ތަކުން ތެޅި ލައިގެން އުޅޭ އަންނައުނު ވިދު ބޮޑު ފުރޭނި ގަނޑަކަށް ވެފާއޮތަސް ގޯހެއްނެތެވެ. 

ވާނީ އެހެންތާއެވެ. މުލުވަގު ހިފުނު ފަހަރުވެސް ކުރި ހުކުމް ތަންފީޒު ކުރަން ޖަލުގައި އޮވެ ރައީސްކަމަށް ކުރިމަތިލެވޭ ތަނަކުން ކުޅަދުހަމަ މާތާހިރު ބަޔަކު ހޯދަން އުޅުމެކޭ މުޅަކޯރަކުން ގުއިދޮވުމެކޭ ތަފާތެއް ނެތެވެ.

ހާސްކަނޑާލާ ހަމަޖެހޭނޭ ކިޔައިގެން ނިކުމެ މިއުޅެނީ އެ ހާސްކަމެއް ކަނޑުވާ ހަމަޖައްސަދޭން އުޅެއުޅެ ދިރިއުޅުމެއް ނިންމާލާ ބާދަނގަނޑަށް ކިރަން ވެސް ކަމުނުދާ ވަރަށް މިސްކިތު ވަކަރަށް ވެފައިވާ ބައެކެވެ. 

ދެން އޮތީ ފެންއޮތްތާ އުޅެ ދަލުފުލުން ގޮސް ދޮޅިކެނޑި ބޭރުވެގެން ނުކާ ވަރުވެފައި އޮތް މުޅައެވެ. އެހެނެއްކަމުކު ހިތްވަރު ކޮށްލާށެވެ. ފަހަރެއްގައި ސަރުކާރު ބައިކުރާ ތާކުން ތުނިފޮއްޗެއް ފަހަރެއް ލިބި ދާނެއެވެ.

ތިޔައިގެ ތެރޭގައި ގިނައީ ކުރީގެ އޭތި މީއްޗެވެ. ހުސްހެން މިސްކިތު ވަކަރެވެ. އިއްޒަތާ ކަރާމަތް ބޮޑުކަމުން އެހެން ކަމަކަށް ބޭނުން ކުރާކަށް ނުކެރެއެވެ. ކަމުނުދިޔަައެއް ކަމަކު އެއްލާން އަންދާ ލާންނުކެރި އަސްކަނީ ދަށުގައި ބަނދެލާފަ ނޫނީ ނުބޭއްވޭ ވަރުގެ ބަޔަކަށް އެހެން ބަޔެއްގެ ހާސްކަނޑާ ދެވޭނެ ކަމަށް ގަބޫލު ކުރަން ތިބީކީ އެންމެންގެ ސިކުޑިން އިސްކުރު ތަކެއް ދޫވެފައެއް ނޫނެވެ.