މާލޭމޭޔަރުގެ 25 ކޮންސަލްޓެންޓުންނަށް: ވަގަށްކުރާ ހޭދަ
ސިޓީކައުންސިލަށް ކޮންސަލްޓެންޓުން ބޭނުން ވަނީ ކީއްވެކަން ރައްޔިތުންގެ މަޖިލީހާއި އޮޑިޓަރ ޖެނެރަލަށް އެގެންޖެހޭ
މާލޭ މޭޔަރ މުއިއްޒަށް 25 ކޮންސަލްޓެންޓުން ނެތި މޭޔަރުކަން ކުރެވޭ ކަމަކަށް ނުވެއެވެ. ތަންތަނުން އަތްފުނާއަޅައިގެން ސިޔާސީ 25 މީހަކަށް ކޮންސަލްޓަންޓުންގެ ގޮތުގައި ދައުލަތުގެ ފައިސާ މުއިއްޒު އެބަ ހަރަދު ކުރެއެވެ. އެއިން ކޮންމެ މީހަކަށް ތިރީހަކަށް ހާސްރުފިޔާއަށް ވުރެ ގިނަފައިސާ މަހަކު ހޭދަ އެބަކުރެއެވެ.
ސިޓީކައުންސިލްގެ ރަސްމީ ދަފްތަރުގައި ނުހިމަނާ ކޮންޓްރެކްޓް އުސޫލުން ފަންސަވީހަކަށް މީހުނަށް މުއިއްޒު ހަރަދު ކުރަނީ ކީއްވެކަން ޕީޕީއެމްގެ ސެނެޓަރަކު އިތުބަރާއެކު ހީރަސްއަށް މައުލޫމާތުދިނެވެ. ސެނެޓަރ ވިދާޅުވާ ގޮތުގައި މުއިއްޒު މިކުރައްވާ މަސައްކަތަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް މުއިއްޒަށް ފޮރޮޅާލުމަށް ކުރެވޭ ހީލަތްތެރި މަސައްކަތެކެވެ. މުއިއްޒު ގެންގުޅުއްވާ ކޮންސަލްޓަންޓުންގެ ތެރޭގައި ޕީޕީއެމްގެ ބައެއްސެނެޓަރުންނާއި ދާއިރާ ރައީސުން ފަދަ ބޭފުޅުން ހިމެނެއެވެ.
ދައުލަތަށް އޮޅުވަލައިގެން ކޮންޓްރެކްޓް އުސޫލުން ސިޓީކައުންސިލަށް ފަންސަވީހަކަށް ކޮންސަލްޓެންޓުން ބޭނުން ވަނީ ކީއްވެކަން އެލްޖީއޭއާއި ރައްޔިތުންގެ މަޖިލީހާއި އޮޑިޓަރ ޖެނެރަލަށް އެގެން ޖެހެއެވެ. އޮޑިޓަރ ޖެނެރަލް މަލޭސިޓީ ކައުންސިލްގެ ފުރިހަމަ މާލީ އޮޑިޓަކާއި ޕާފޯމިން އޮޑިޓެއް ހަދަން އެބަޖެހެއެވެ.
ރާއްޖޭގެ ރައީސްކަމުގެ ހުވަފެން ދެކި ޕީޕީއެމްގެ ރޫހާވެސް ހިލާފަށް ރައީސް ޔާމީނަށް ސެނެޓުން އަރުވާފައިވާ ރިޔާސީ ޓިކެޓެއް ޖަހައިގަންނަން މުއިއްޒު ކުރާ މަސައްކަތް ހުރީ މެކުހުގައެވެ. ކައުންސިލްތަކާ ގުޅުން އުފެއްދުމުގެ ނަމުގައި ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކޮށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފާ އޮތް އޮތުން ބާތިލުކޮށް ރިޔާސީޓިކެޓް މުއިއްޒަށް އަނބުރާލާފައި ނޫނީ މުއިއްޒު ނޭވާލާނެ ކަމަކަށް ނުވެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކޮންމެ މީހަކަށް ލިބުނަސް ފަރުވާލެއް ނެތެވެ. އެހެން ނަމަވެސް ކޮންޓްރެކްޓް އުސޫލުން ކޮންމެ މަހަކު 25 މީހުނަށް ދައުލަތުގެ ފައިސާ ހަރަދުކުރާ ކުރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އާއްމު ހިދުމަތުން ބޮޑު އަގުނަގާ ނިޒާމުން ބޭރުން ވަކިބަޔަކަށް ދައުލަތުގެ ފައިސާ ހެދަކުރުމަކީ ބޮޑު މައްސަލައެކެވެ. ދައުލަތުގެ މަލީ ސިޔާތާއި ހިލާފަށް ހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓް ތަކުން ވަކިބައެއްގެ ޖުރުމަނާ މާފުކޮށްދީ ހެދުމަކީ ގާނޫނީ ކުށެކެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީއެއް މާފުކޮށްދިނުމާއި ކަނޑާލުމަކީ ވަކި ހަމަތަކެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ ބާރެކެވެ. ދައުލަތުގެ މާލީ މަސްލަހަތެއް އޮތްކަމެއް އަމްދުން ރައްޔިތުންނާ ސީދާގުޅިފައި ހުންނަ މާލީ ކަންކަން ދައުލަތުގެ ސިޔާސަތާ އެއްގޮތަށް ނޫނީ ކުރުމުގެ ހައްގެއް މޭޔަރަކަށްވެސް ނުއޮންނާނެއެވެ.