މުއްދަތަށް ބްރިޖު ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން، 1،000 މީހުންގެ ބޮޑު ޓީމެއް!

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ: މި އަހަރު ނިމޭއިރު ބްރިޖުގެ މަސައްކަތަށް 1،000 ވުރެ ގިނަ މީހުން ރާއްޖެ ދާނެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މުއްދަތަށް ބްރިޖު ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން، 1،000 މީހުންގެ ބޮޑު ޓީމެއް!

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތުގައި ގޮންޖެހުންތައް ހުއްޓަސް ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ދީފި އެވެ.

އެ ކުންފުނި، 1959 ވަނަ އަހަރު އުފެދިގެން މިހާ ހިސާބަށް އައިރު، ބިޔަ ބްރިޖުތައް ހިމެނޭ ގޮތަށް، ކޮންސްޓްރަކްޝަންގެ އެކި ދާއިރާތަކުން ކޮށްފައިވާ ތަޖުރިބާތަށް ވަރަށް ބޮޑެވެ. އެ ދިގު ތާރީހުން، ކާމިޔާބު ގިނަ މަސައްކަތްތަކެއް ވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިން ދަތުރުގައި ބައިވެރިވާ ދިވެހި ނޫސްވެރިން އިއްޔެ އެ ކުންފުނީގެ މައި އިމާރާތަށް ޒިޔާރަތް ކުރުމުން، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރި އެވެ.