ފަލާހަށް: ތިޔަ ދުއްވަނީ ކޯޓްތަކުގެ ފުރޮޅުންވައި

މާވަޑި ފަލާހަށް ޕީއެންސީ ޕީޖީ ލީޑަރުކަން ދިފާ ހުރިއްޔަކީ މާމޮޅު މީހަކަށް ވެގެނެއް ނޫނެވެ. އުޑެއް ބުޑެއް ނޭގޭތީއެވެ. މުއިއްޒު އެޅިހާ ބަތަކަށް ރިހަ ވާނެ މިހެއްކަން އެނގޭތިއެވެ. މުއިއްޒަށް ޗެލެންޖުކޮށް ސުވާލުކޮށް ހެދޭވަރަށް ގާބިލުކަމެއް ނުހުންނާނެތީއެވެ.
މުއިއްޒު ސްޕްރީމް ކޯޓުގެ ބެންޗް އަޅުވެތިކުރަން އުޅޭ އުޅުން ދިފާއުކޮށް މީހަކު ލިޔެފާ ދިން އެއްޗެއް ކިތަންމެ ދިގުކޮށްވެސް ފަލާހަށް އެކްސްގައި ޕޯސްޓް ކުރެވިދާނެއެވެ. މާގަދަ މީހެއްކަން ދެއްކެން ފުލުފުލުގައި ޓްވީޓް ކުރިޔަސް ފަލާހަކީ ކާކުކަން މީހުންނަކަށް ނުއޮޅެއެވެ. އޮޑައިން މަށައިގެން މަޑުލެއް ހިމުންކުރާހެން މުއިއްޒުގެ ހީލަތްތެރި ރޭވުންތައް ފަލާހަކަށްވެސް ހިމުންކޮށް އޮމާންކޮށް އޮފެއް ނޭރުވޭނެއެވެ. ފަލާހުމެއް ގޭނި ވަރަކަށް މުއިއްޒުގެ އޮފު ކެނޑެނީއެވެ.
މުއިއްޒަށް ގާނޫނު ހަދައިދޭން ޕީޖީ ލީޑަރަކަށް ހުރި ފަލާހަކީ ފެހި ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލާ ނިމުމުން އިންތިގާލީ ސްޕްރިމް ކޯޓްގެ ބެންޗް އުވޭނެކަން ގާނޫނު އަސާސީގައި އޮތްކަން އެނގޭ ފަލާހެއް ނޫނެވެ. އިންތިގާލީ މަރުހަލާއަށް ފަހު އުފައްދާ ސްޕްރީމް ކޯޓުގެ ދާއިމީ ބެންޗްގައި އިންތިގާލީ މަރުހަލާގައި ތިބި ފަނޑިޔާރުން ބޭތިއްބުމާ ނުބޭއްތިއްބުމުގެ އިހުތިޔާރު އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް އޮތްކަން ވެސް ގާނޫނީ ވާހަކަ ދައްކާއިރު ފަލާހަކަށް ނޭގެއެވެ.
މުއިއްޒު ބޭނުންވާ ގޮތަށް ސްޕްރީމް ކޯޓް ބަދަލުކޮށްލުމަށް ހިންގާ ޖަރީމާ ހަލާލުކުރަން އިންތިގާލީ މަރުހަލާގައި އޮތް ސްޕްރީމް ކޯޓް ބެންޗް ބަދަލުކުރި ވާހަކަ ދައްކަނީ ޖާހިލުކަމުންނެވެ. ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލާ ނިމުނު އިރު އޮތީ އެމްޑީޕީ ސަރުކާރެކެވެ. އެކަމަކު ދާއިމީ ސްޕްރީމް ކޯޓުގެ ބެންޗް އެކުލަވާލީ އެމްޑީޕީއަކުން ނޫނެވެ. އޭރު މަޖިލީހުގައި ތިބި ގިނަ ޕާޓީ އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށެވެ. ޕާލަމެންޓްރީ ސްޕަރިސީގެ ދަށުންނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ވީގޮތްތަކެއް ވެގެން ގާޒީއަކު ގިރިފުއްޓަށް ގެންދިއުމުން ގާނޫނުގެ ދިގުއަތާއި ރައްޔިތުންގެ ބާރު ރައީސް ނަޝިދުގެ މައްޗަށް ހިނގިކަން ފަލާހާ ޕީއެންސީ ނުދެނެ ހުއްޓެވެ. ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިނގިކަންވެސް ހަނދާނެއް ނެތް އެމީހުންނެތެވެ. ނަަޝީދުގެ ވެރިކަން ނިންމާ ރައީސް ޔާމީނުގެ ގޮނޑިކޮއްކޮ ރައީސަކު ބަހައްޓައިގެން ފަލާހުމެން ދަނޑިމަތި އެނބުރި ހަނދާންވެސް ނެތުނީތާއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ޓިނުނަގައިގެން 2 ފަނޑިޔާރުން ވަގަށް ނަގާ ސްޕްރީމް ކޯޓު ކުޑަ ކަކުލަށް ތިރި ކުރުވައިގެން އަންބާ ކިޔާފައި މެޓާ ބަންދުކޮށްދީ ވަޅުދިޔަ ހިއްކާދީ އުޅުނީ ފަލާހުމެން ކަންވެސް ހަނދާނުން ފުހެވުނީތާއެވެ. އެފަހަރު ސްޕްރީމް ކޯޓު ބެންޗް ބަދަލުކުރީ މަޖިލީހުން އެކަން ކުރަން ބޭނުން ވެގެނެއް ނޫނެވެ. މަޖިލީހުން އެކަންކުރީ ރައީސް ޔާމީނުގެ އަމުރަށެވެ.
ސްޕްރީމް ކޯޓުގެ ބެންޗް ފަހަކަށް ތިރިކޮށްފައި އޮއްވާ 7 އަށް މަތިކޮށް މުޅި ބެންޗް އައުކުރަން ޖެހުނު ގޮތް ނޭގެންޏާ އަޑު އަހާށެވެ. ކުރިން ތިބި ފަނޑިޔާރުންނަކީ ކޮންބައެއް ހެއްޔެވެ. އެންމެންގެ އިއްތިފާގުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުވާ އެއަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްޔަރު ކުރުވައި އިއްތިފާގުން ނެރުނު އަމުރު ރައީސް ރުހޭ ގޮތަށް ބަދަލުކޮށްދީގެން ގޮނޑި ކަށަވަރު ކޮށްގެން ތިބި ބައެކެވެ. އެމީހުންގެ އެނިންމުން ބަދަލުކުރުމުގެ ސަބަބުން ސްޕްރީމް ކޯޓުގެ އަމުރުތަކާއި ހުކުމްތަކުގެ ސްޕްރިމަސީ ގެއްލުވާލައިގެން ތިބި ބަޔެކެވެ. ފަނޑިޔާރު ކަމުގައި ތިބެ އެވަރު ކަމެއް ކޮށްގެން ތިބި ބަޔަކު ސްޕްރީމް ފަނޑިޔާރުންގެ ގޮތުގައި ތިބުމުގެ ހައްގެއް ނުއޮންނާނެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ބަދަލުކުމުން އެއްޗެއް ބުނެވެން ނެތީ އެހެން ވެގެންނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ސްޕްރީމް ކޯޓަށް އިސްކޮށްފައި ތިބިއްޔަކީ އެ ފަނޑިޔާރުންގެ ގާބިލުކަމާއި ތަޖުރިބާއަށް ބަލާއިރު ޝައްކު އުފެއްދޭ ވަރުގެ މީހުނެއް ނޫނެވެ. ވޭތުވެ ދިޔަ ފަސްއަހަރުތެރޭގައި ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި އަމުރުތަކާއި ނިންމުންތަކުން އެ ފަނޑިޔާރުންގެ ބުރަދަނާއި ސީދާކަން އެހެރީ ފެންނާށެވެ.
ހަމައެކަނި ރައީސް ޔާމީނުގެ މައްސަލަތަކަށް ބަލައިލުމުންވެސް ސަރުކާރުގެ ސިޔާސީ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާފައި ނެތްކަން ކަށަވަރުވެއެވެ. ރައީސް ޔާމީނުގެ ދިފާއީ ގާނޫނީ ޓީމުންވެސް އެންމެ ބޮޑަށް އިތުބާރުކުރި ބެންޗަކީ ޕީއެންސީ އުކާލަންއުޅޭ ފަނޑިޔާރުންތިބި ސްޕްރީމް ކޯޓުގެ ބެންޗެވެ. ޑރ. ޖަމީލުވިދާޅުވާ ގޮތުންވެސް ސްޕްރީމް ކޯޓުގައި ހުރި އެންމެ ވަރުގަދަ ގާނޫނީ ސިނކުޑިއަކީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެކޭ ކިޔައިންގެން ސަރުކާރުން އަޑު އެރުވި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ރައީސް ސޯލިހު ވެރިކަމަށް އައިރު އޮތް ސްޕްރީމްކޯޓް ބެންޗް ބަދަލުކުރަން އެންމެ ބާރަށް އުޅުނީ ވިލިމާލެ ދާއިރާގެ މެންބަރަކަށް އޭރުހުރި އަހުމަދު އުޝާމެވެ. މިހާރު ކަމުނުގޮސްގެން ކޯޓުން ބޭރު ކުރަން އުޅޭ ހުރިހާ ފަނޑިޔާރުންނަށް ވެސް މިހާރުގެ ބަންޑާރަ ނައިބު ކަމުގައި ހުރި އަހުމަދު އުޝާމް ވޯތްވެސް ދިނެވެ. މެންބަރު ކަމުން އެޓަރނީ ޖެނެރަލް ކަމަށް ޕްރަމޯޓް ވުމުން އުޝާމިގެ ގާނޫނީ ވިސްނުންވެސް ބަދަލު ވެއްޖެއެވެ. ކައްޒާބީ ވިސްނުމެއް ނޫނީ މިހާރަކު އުޝާމަކަށް ނާދެއެވެ. މުއިއްޒަށް ބާރު ހޯދާދޭން އުޝާމާ ބައިވެރިވެގެން ފަލާހުމެނަށް ދުއްވާ އެ ލެވެނީ ކޯޓްތަކުގެ ފުރޮޅުން ވައެވެ.