މުއިއްޒު ހަދާ ދޮގު ނުވިކޭތީ މިހާރަކު ރޯނެކަމެއްނެތް!

ދައުލަތުން ފައިސާ ދީގެން މުއިއްޒު ފަތުރުވަނީ ދޮގު ވާހަކަ އާއި ދޮގު ހަބަރު

މުއިއްޒު ހަދާ ދޮގު ނުވިކޭތީ މިހާރަކު ރޯނެކަމެއްނެތް!

ދޮގާ މަކަރާ ހީލަތުން ބޮޑެތި ފަސާދަތައް އުފަން ކުރަނީ ކީއްވެތޯ ޑރ. މުއިއްޒު އަމިއްލަ ނަފްސާ ސުވާލުކޮށް ބަލާށެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ފިތުނައިގެ އަލިފާނުން މުޅި ގައުމީ ފޭރާން އަޅިއަށް ހަދާލިއިރު އެކަން ޑރ. މުއިއްޒަށް ނޭގުނީ ކީއްވެތޯ ޑރ. މުއިއްޒު އަމިއްލަ ނަފްސު ކުރެން އަހާބަލާށެވެ. ދޮގު ފަތުރަން ހޭދަކޮށްގެން މިނިވަން ކަމުގެ ނަމުގައި ރާއްޖެ ނުރައްކަލަށް ވައްޓާލީ ކީއްވެގެންކަން ޑރ. މުއިއްޒު ރައްޔިތުންނަށް ޖަވާބުދާރީވެ ބަލާށެވެ. 

އާނއެކެވެ. ޑރ. މުއިއްޒު ދޮގު ހަދަނީވެސް ދޮގުފަތުރަނީ ވެސް ދުނިޔަވީ މަންފާއަކަށްޓަކައެވެ. ވެރިކަން ހޯދަން ހެދިހާ ދޮގެއް މަތިމައްޗަށް ހަދާ ފެތުރީ ވެރިކަމުން ލިބެން އޮތް ބޮޑު ލާރިގަނޑާއި ބާރާއި އާރަށްޓަކައެވެ. ދޮގުހެދުމާއި ދޮގު ހަބަރު ފެތުރުން ދިވެހި މުޖތަމައުގައި މޫލާފައި އޮތްނަމަ އެހަލާކު ރާއްޖެއަށް ހޯދައިގަތީ ޑރ. މުއިއްޒު ނޫން ދެވަނަ މީހެއް ނޫނެވެ. އާޑަ ފުރައްސާރަ ކުރުމަށް ދައުލަތުން ހަރަދު ކުރުވައިގެން ބަޔަކުލައްވާ އާޑަ ފުރައްސާރަ ކުރުވައިގެން ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ދިނީވެސް ޑރ. މުއިއްޒެވެ. ދޮގުން މުލައްމާ ކޮށްގެން ދޮގު އިސްތިހާރު ކުރަން މީހުނަށް ދައުލަތުން ފައިސާ ދީގެން ދޮގު ވާހަކައާއި ދޮގު ހަބަރު ފެތުރުމުގައި ޑރ. މުއިއްޒުވަރުގެ މީހަކު ދިވެހި ތާރީހު ނުދެކެއެވެ. ދޮގު ފަތުރައިގެން ގައުމަށް ގެއްލުން ލިބޭ ވާހަކަ ދައްކަން މުއިއްޒު ތާހިރެއް ނޫނެވެ.

މީހުން ލައްވާ ފައިސާދީގެން އާޑަ ފުރައްސާރަ ކުރުމުގައިވެސް މުއިއްޒު ވަރެއްނެތެވެ. މޫނަށް ރުލެއްވެސް އަރުވާނުލާ ހެއްދެވިހާ ބޮޑެތި ދޮގު ޑރ. މުއިއްޒު ހަދަމުން ދަނީ ވަކިތާކު ނޫނެވެ. ބަހެއް ބުނެލަން ބައިނަލް އަގްވާމީ ޕޯޑިއަމެއް ލިބުނަސް ހަދަނީ ދޮގެވެ. ދުނިޔޭގެ ފޯރަމެއްގައި އެއްޗެއް ބުނެލަން ލިބުނަސް ހަދަނީ ދޮގެވެ. ބައިނަލް އަގުވާމީ ނޫސްވެރިންގެ ކުރިމަތީގައިވެސް ހަދަނީ ދޮގެވެ. 

ފޯޅަވަހި ކަނޑާއި ފޯޅަވަހި ހޯދައިދޭނަމޭ ކިޔައިގެންވެސް ހެދީ ބުހުތާން ދޮގެވެ. 2000އަށް ވުރެ ގިނައިން ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އަލްޖަރީއަށް ވެސް ހެދީ ދޮގެވެ. އިންޑިއާ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނަގާލާ އަޅުވެތި ކުރާކަމަށް ބުނެވެސް ހެދީ ދޮގެވެ. އިންޑިއާ ސިފައިން ބާލާނަމޭ ކިޔައިގެން ވެސް ހެދީ ދޮގެވެ. އިންޑިއާ އަސްކަރިއްޔާގެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލާނަމޭ ކިޔައިގެންވެސް ހެދީ ދޮގެވެ. 

ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ކުލީ ބައިގަނޑެއް ލައްވާ އިންޑިއާ އާއި އެތާނގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރުމުގެ ސަބަބުން އިންޑިއާގައި ރާއްޖެ ބޮއިކޮޓު ޖައްސުވައިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެތައް މިލިޔަނެއްގެ ޑޮލަރުން ގެއްލުން ދިނީ މުއިއްޒެވެ. އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި ބާންދީނަށް ފިޔަވަޅު އެޅިކަމަށް ބުނެވެސް ހެދީ ދޮގެވެ. ސަސްޕެންޑް ކޮށްފައި މުސާރަދީފައި ބޭތިއްބީ ފުރައްސާރަ ކުރުވާށެވެ. މާދަމާ އިންޑިއާ ކުރިމަތީގައި ކުޑަކަކޫ ޖަހަން ދާން މަޖުބޫރު ވެފައިވާތީ ދެ ބާނދީން ލައްވާ އިސްތިއުފާ ދެއްވާފައި ދައުލަތުގެ ކުންފުންޏަކުން މަހު މުސާރަ ލިބޭގޮތް ވަނީ ހަދާދީފައެވެ. އޮފީހަށް ނުނެރެ ބައިތިއްބާފައި ތިބީ މުއިއްޒުގެ އިންޑިއާ ދަތުރު ނިމެންދެނެވެ.

ބުނެބަލާށެވެ. ވެރިކަމާހުރެ ޑރ. މުއިއްޒު ނުހަދަނީ ކޮން ދޮގެއްހެއްޔެވެ. ދިމާލަށް ފެންނަ ހުންނަ ކަންކަމުގެ ވާހަކަ ބަޔަކު ދެއްކީމާ މުއިއްޒަށް ދޮގަކަށް ވަނީ އެކަމެކެވެ. ދޮގުހަދާ ކަމަށްވަނީ އެވާހަކަ ދައްކާ މީހާއެވެ. ދޮގު ހަދަނީ ކާކުކަމާއި ދޮގު ފަތުރަން ބޮޑެތި ހޭދަކޮށްގެން ދޮގުފަތުރާ ގައުމުގައި ދޮގު މޫލާފައި ވަނީ ކީއްވެކަމާއި ދޮގުން ރާއްޖެއަށް ލިބޭ ގެއްލުން އެންމެނަށްވެސް ވަރަށްސާފެވެ. ދޮގު ހަދާހަދާ ހަދާދޮގު ނުވިކެންފެށީމާ މާބާރަށް ރޯނެކަމެއްނެތެވެ.