ނަޝީދަށް އެމްޑީޕީ ހިސޯރުކުރެވުނު ދުވަސް ހިނގައްޖެ
އަސާސީ ގަވައިދަކީ ނަޝީދުކަމަށް ހެދިގެން އެމްޑީޕީ ހިސޯރު ކުރެވުނު ދުވަސް މާޒީވެއްޖެ
އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވައިއިގެން އެތައް ހާސް ބައެއްގެ ހައްގު ހިސޯރުކުރެއްވޭނެ ކަމަށް ހީފުޅު ވަނީ ހެއްޔެވެ. ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކާ އިހުތިޔާރުތައް އެމްޑީޕީގެ އަސާސީ ގަވައިދުގައި ސާފުކޮށް އެބައޮތެވެ. އޭގެ ބޭރުން ރައީސް ނަޝީދެއް ކަމަކު ކަމެއް ނުކުރެއްވޭނެއެވެ. ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ޖެއްސުން ކުރެއްވުމާއި ޕާޓީގެ ތެރެއިން ފިއްތުއްތައް ފިއްތަވާކަށް އެމްޑީޕީގެ އަސާސީ ގަވައިދު ހުއްދައެއް ނުކުރެއެވެ.
އެމްޑީޕީގެ އާއްމު މެންބަރުން އިންތިހާބު ކޮށްފައިވާ ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ޕާޓީގެ ރައީސް އަމަލު ކުރެއްވުމަކީ ވެސް ގާނޫނާ ހިލާފު ކަމެކެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ފަހު ޕާޓީގެ ސިޔާސީގެ ނަމުގައި ސިޔާސީ އެއްވެސް ނިންމުމެއް ނިންމޭނީ ރިޔާސީ ކެންޑިޑޭޓަށް ކަމަށް އަސާސީގަވައިދުގައި ބުނެއެވެ. ޕާޓީގެ ރައީސަށް ވެސް ޕާޓީގެ ނަމުގައި ސިޔާސީ އެއްވެސް ކަމެއް ކުރެއްވޭނީ ރިޔާސީ ކެންޑިޑޭޓް އަންގަވާ ގޮތަކަށެވެ. ކުރެއްވޭނީ ރިޔާސީ ކެންޑިޑޭޓް އަންގަވި ކަމެކެވެ.
ކުރިއަށް ދައުރަށް އެމްޑީޕީން ކަނޑައަޅާފައިވާ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ. ރައީސް ސޯލިހުގެ ރިޔާސީ ނިންމުން ތަކަށް ހުރަސްއަޅާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ބާރެއް ނޫނެވެ. ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ އާއްމު މެންބަރުންނެވެ. ގައުމީ މަޖިލީހާއި ޕީޖީ ގްރޫޕާއި ކޮންގްރެސްގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އޮތީ ރިޔާސީ ކެންޑިޑޭޓަށެވެ. ޕާޓީގެ ކޮމެޓީ ތަކުގެ މެޖޯރިޓީ ތާއީދު އޮތީވެސް ރިޔާސީ ކެންޑިޑޭޓާއި އެކުގައެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ މެޖޯރިޓީ ނިންމުންތަކާ ދެކޮޅަށް އާއްމުކޮށް ބަސް ވިދާޅުވެ އަމަލު ކުރެއްވުމަކަށް އެމްޑީޕީގެ އަސާސީ ގަވައިދު ތަނެއް ނުދެއެވެ.
ރައީސް ނަޝީދުގެ މަސްލަހަތުގައި އެމްޑީޕީގެ ނައިބުރައީސް މުހައްމަދު ޝިފާޒް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ ވާގިނައްތާ ލެއްވޭނެ ކަމަށް ހީފުޅު ކުރައްވަންޏާ އެއީ ވަރަށް ބޮޑު ކުށްހީ ފުޅެކެވެ. ފިޔަވަޅު އަޅާ ކޮމެޓީގެ ޖަލްސާ ބޭއްވޭނީ މުގައްރިރަށް އެކަނި ނޫންކަން ގަވައިދުން ސާފެވެ. ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުން ތަކަށް ދަންނަވަން އެދުމުން ކޮމެޓީއަށް ނުދަންނަވައިގެން ބޮޑު ޕާޓީއެއްގެ މަސްލަހަތު އެންމެ މެންބަރެއްގެ ފައިދަށު ލައިގެން ހުންނެވޭ ގޮތަށް ޕާޓީގެ ކަންކަން އިންތިޒާމުވެފައި ނޯންނާނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް ނަޝީދަށެވެ.
ފިޔަވަޅު އަޅާ ކޮމެޓީގެ ޖަލްސާއަކަށް ގޮވާލުމުން މުގައްރިރު ހާޒިނުވިޔަސް ކޮމެޓީގެ މެޖޯރިޓީ މެންބަރުންނާއެކު ނައިބު މުގައްރިރަށް ޖަލްސާ ކުރިއަށް ގެންގޮސް ކަންކަން ނުނިންމޭ ގޮތަށް އެއްވެސް ކަމެއް އެމްޑީޕީގައި ހަމަޖެހިފައެއް ނުވެއެވެ. ކޮމެޓީތަކުގެ ޖަލްސާތަކަށް މެންބަރުންނަށް ނުދަންނަވާ އެއްވެސް އެއްވެސް ކޮމެޓީއެއްގެ އެއްވެސް ޖަލްސައެއް އެމްޑީޕީއަކުން ނުބާއްވައެވެ. ފިކުރުގެ ދިރުމުގެ އިދިކޮޅު ހަރަކާތަށް ފިޔަވަޅު އަޅަން ވިޔަސް ފިޔަވަޅުއަޅާ ކޮމެޓީން މިހާރު ފިޔަވަޅު އަޅާނީ ވަގަށް ސިއްރަކުން ނޫނެވެ. ހަމަޔާ އުސޫލުންނެވެ. ޝަރީއަތުން ވެސް ނިންމުން ބަދަލު ނުކުރެވޭހާ ހަރުދަނާ ކޮށެވެ. އަބަދު އެންމެން ގުނބޯ ހައްދަވައިގެން އަސާސީ ގަވައިދަކީ ނަޝީދުކަމަށް ހީފުޅުކުރައްވައިގެން ބޭނުންފުޅު ކަމެއް ބޭނުންފުޅު ކަމެއް އެމްޑީޕީގެ ނަމުގައި ނަޝީދަށް ކުރެއްވުނު ދުވަސް މާޒީވެއްޖެއެވެ.