ރާއްޖޭން ލަންކާ ބޭންކުތަކުގައި ސަލާން ޖަހަނީ!؟
ދުނިޔޭގެ މާލީ އިދާރާތަކުގެ އިރުޝާދަކަށް މުއިއްޒު ތަބައެއް ނުވޭ!
ހާރިޖީ ވަޒީރު މުސާ ޒަމީރު ވިދާޅުވިޔަސް ރާއްޖެއަށް މިހާރުއޮތް މާލީ ދަތިތަކަކީ "ވަގުތީ" ކަމެއްކަމަށް ގަބޫލުކުރާ މީހަކު ނެތެވެ. ލަންކާގެ ބޭންކްތަކާ ވާހަކަ ދައްކަން ރާއްޖޭގެ މަލީވަޒީރާއި ހާރިޖީ ވަޒީރު ލަންކާއަށް ދަތުރެއް ކުރެއްވުމުން ރާއްޖެއަށް ގޮތް ހުސްވެފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށްވެސް ސާފުވާނެއެވެ.
ލަންކާއަކީ މިދާކަށް ދުވަހު އެކީ އެކައްޗަކަށް ބަނގުރޫޓްވެގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބެއިލްއައުޓް ހޯދައިގެން އަދިވެސް ރަނގަޅަށް ހިންދަމާ ނުލެވިގެން އުޅޭ ގައުމެކެވެ. ޖެހުނު އިނދައިން ރަގަޅަށް ނުތެދުވެވިގެން އުޅެނިކޮށް ލަންކާގެ ބޭންކް ތަކުން ދިވެހި ސަރުކާރަށް މާލީ އެހީތެރިކަން ހޯދަން ދިޔުމަކީ ލަދުވެތި ކަމެކެވެ. ހުތުރު ކަމެކެވެ. ގޮތްކުޑަ ކަމެކެވެ.
ރާއްޖޭގެ މަލީ ވަޒީރާއި ހާރިޖީ ވަޒީރު ލަންކާ ބެންކުތަކަށް ދިޔައީ ސަލާން ޖަހަން ނޫން ކަމަކަށް ނުވާނެއެވެ. ތަދުމަޑުކަމުން އަރައިގަންނަން ލަންކާއިން އަމަލު ކުރިގޮތަކީ އެތާނގެ ބޭންކްތަކަށް ރާއްޖޭން ގޮސް ދަސްކުރާކަށް ސިއްރުން ހިނގި ކަމެއް ނޫނެވެ. އެކަން ދަސްކުރަން ވެސް ލަންކާގެ ބޭންކުތަކަށް ދިވެހި ސަރުކާރު ދިޔުމަކީ މުޑުދާރު ކަމެކެވެ. މާލީދަތިކަމުން އަރައިގަންނަން އަމަލުކުރަންވީ ގޮތް ދަސްކުރަން ރާއްޖޭން ދާން އޮތް ތަނަކީ ލަންކާގެ ބެންކު ތަކެއް ނޫނެވެ. ވޯލްޑް ބެންކާއި އައިއެމްއެފާއާއި އައިޑީބީއާއި އޭޑީބީ ފަދަ މާލީ އިދާރާތައް އެތިބީ ރާއްޖެއަށް އެއްބާރުލުން ދީ އެހީތެރި ވެދޭށެވެ.
ދުނިޔޭގެ މާލީ އިދާރާތަކުން ކިތަންމެ އަޅާލަން ބޭނުންވިޔަސް މުއިއްޒުގެ މަވެތި ސަރުކާރުގެ ކިބުރުވެރިކަން ބޮޑުކަމުން އެއްވެސް ކަމެއް އޮތީ ރާއްޖެއަށް ފަސޭހައިން ވާގޮތަކަށް ނޫނެވެ. ދުނިޔޭގެ މާލީ އިދާރާތަކުގެ އެއްވެސް އިރުޝާދަކަށް ހަގީގީ މާނާގައި މުއިއްޒު ތަބައެއް ނުވެއެވެ. މާލީ އިސްލާހުތައް ގެންނަން އުޅޭގޮތް ދައްކަނީ އަމާކީތީ ފަރަށް ދާހެނެވެ. އިސްލާހީ ބަދަލެއް ގެނެސްފިކަން ގަބޫލު ކުރެވޭވަރުގެ އިސްލާހެއް މާލީ ނިޒާމަށް ގެންނާކަށް މުއިއްޒު ބޭނުމެއް ނޫނެވެ. ބަޔަކު ބުނާގޮތް ހަގީގީ މާނައިގާ ހަދައިފިނަމަ މުއިއްޒު ދިވެހި ދައުލަތާ އެޖަހާ ސަކަރާތް ނުޖެހޭނެތީ އެކަމެއް ނުކުރާނެއެވެ.
ވަގުތީ ގޮތުންވެސް މުއިއްޒުގެ ބިޔަ ބޮޑު ސަރުކާރު ކުޑަކުރުމަކީ މުއިއްޒު ކުރާނެ ކަމެއްނޫނެވެ. ދުނިޔެ ބަލަން ސަރުކާރުގެ ވެރިން އެކުރާ ދަތުރުތައް ހުއްޓައެއް ނުލާނެއެވެ. ވުޒާރާތައް އެއްކޮށްގެން ސަރުކާރު ހިންގުމުގެ އޮނިގަނޑު ކުޑައެއް ނުކުރާނެއެވެ. ވެރިކަން ހިފެހެއްޓުމަށް ސަޕޯޓަރުންނަށް ވަޒީފާދީ ސަރުކާރު ކުންފުނިތައް ބަރުހެލި ކުރުމެއް ނުހުއްޓާނެއެވެ. ސަރުކާރު ކުންފުނިތަކުގައި އޮބި އަޅައިގެން ދިޔަނެރެ އަމިއްލަ ކޫޒުންދޭ ފެނެއްގެ ގޮތުގައި މެންބަރުނަށް ނުބަހައެއް ނުހުންނާނެއެވެ.
ބާރުގައި ހުރިވަގުތު ދެމުނު ގޮތަކަށް ދަމައިގެން ދައުލަތް ލޫޓުވާލަން ދިމާކޮށްފާ ތިބިއްޔާ ކޮށްފަ ނުކުރާނެ ކަމެއް ނުއޮންނާނެތާއެވެ. ލަންކާގެ ހުރިހާ ބޭންކަކަށް ހިނގައިގެން ފަސް މިލިޔަން ޑޮލަރު ހޯދުނަސް އެއީ ލައްކަވަރެއްތާއެވެ. ބަނގުރޫޓް ވިޔަސް ނުވިޔަސް ވަރިހަމަތާއެވެ. ބާރުގައި ހުރެ ދަވާލެވުނު ވަރެއް ދަވާލައިގެން ފިލާ ރައްކާވީމާ ނިމުނީތާއެވެ. ބަނގުރޫޓް ވޭން ތަހައްމަލު ކުރަން ތިބޭނީ އާއްމު ނިކަމެތި ރައްޔިތުން ވިއްޔާއެވެ.